22 ފެބުރުއަރީ 2022 - 14:25

ވަކިވެގަތުމަށް މަސައްކަތްކުރާ ދެ ސަރަހައްދެއްގެ މިނިވަންކަން ރަޝިޔާ އިން ގަބޫލުކޮށް އެ ދެ ސަރަހައްދަށް ސިފައިން ފޮނުވަން ރަޝިޔާ އިން ނިންމިޔަސް، ރަޝިޔާ ސިފައިން ދެކެ ބިރު ނުގަންނަ ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި އޭނާގެ ގައުމުގެ ސިފައިން ތިބީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދިފާއުކުރުމަށް ކަމަރު ބަނދެގެންނެވެ. އަދި ބޭރުގެ ކޮންމެ އުދުވާނަކާ ވެސް ކުރިމަތިލާނީ ފިސާރި ސާބިތުކަމާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭންގެ އިރުމަތީ ދެ ޖުމްހޫރިއްޔާ އަށް ފޮނުވަން ނިންމުމާ ގުޅިގެން، ޓީވީ މެދުވެރިކޮށް ރޭ ދަންވަރު ގައުމާ މުހާތަބު ކުރައްވަމުން ރައީސް ޒެލެންސްކީ ވިދާޅުވީ ޔޫކްރޭނާއި ރަޝިޔާއާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލުކުރަން ބޭނުންވަނީ ސުލްހަވެރި ގޮތުގައި ކަމަށެވެ. މިހާރުވެސް ޔޫކްރޭން ބޭނުންވަނީ ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތްކޮށް ހައްލެއް ހޯދަން ކަމަށާއި، ރަޝިޔާ އިން ކުރާ ކަންކަމާ ދެކޮޅަށް އަވަސް އަރުވާލައިގެން ރައްދުގައި ފިޔަވަޅެއް ނާޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ އަހަރެމެން އިޚްތިޔާރު ކުރި ގޮތް. އަހަރެމެން މިތިބީ އަހަރެމެންގެ އަމިއްލަ ގައުމުގައި. އެއްވެސް ކަމަކާ އަދި އެއްވެސް ބަޔަކު ދެކެ އަހަރެމެން ބިރެއް ނުގަނޭ. އެއްވެސް ބަޔަކަށް އަހަރެމެން ކޮށްދޭންޖެހިފައިވާ ކަމެއް، ދަރާފައިވާ ދަރަންޏެއް ވެސް ނޯންނާނެ. އަދި އެއްވެސް ބަޔަކަށް އެކައްޗެއް ވެސް އަހަރެމެން ނުދޭނަން،" ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި އެވެ.
އެހެން ނަމަވެސް އޭގެ މާނައަކީ ރަޝިޔާ ސިފައިން ދެކެ ޔޫކްރޭން ސަރުކާރާއި ރައްޔިތުން އަދި ސިފައިން ޖެހިލުންވެ ބިރުގަތުން ނޫން ކަމަށް ވެސް ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި އެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި ޔޫކްރޭންގެ އިރުމަތީ ދެ ސަރަހައްދަކަށް ސިފައިން ފޮނުވަން ރަޝިޔާ އިން ނިންމި ނިންމުމަކީ ޔޫކްރޭގެ މިނިވަންކަމަށް އަރައިގަތުމުގެ އިތުރުން އެ ގައުމުގެ ސަރަހައްދުގެ ހުރުމަތް ކެނޑުމެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ ޔޫކްރޭންގެ ހަގީގީ ރަހުމަތްތެރިންނަކީ ކޮން ބައެއްކަން ދެނެގަތުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
"އަހަރެމެންގެ ހަގީގީ ރަހްމަތްތެރިންނާއި އަހަރެމެންގެ ބައިވެރިންނަކީ ކޮބައިކަމާއި، ހަމައެކަނި ދުލުން ބުނެލާ ބަސްތަކަކުން ރަޝިޔާ ބިރުގަންނަވަން އުޅެނީ ކޮން ބައެއްކަން ދެކެން އަހަރެމެން ބޭނުން. މިއީކީ މީގެ އަށް އަހަރު ކުރީގެ ޔޫކްރޭނެއް ނޫން،" ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.
"މިއީ ފެބްރުއަރީ 2014 އެއް ނޫން. މިއީ ފެބްރުއަރީ 2020. މިއީ މުޅިން ތަފާތު ގައުމެއް. މުޅިން ތަފާތު އަސްކަރިއްޔާއެއް. އެކަމަކު މިހާރުވެސް އޮތީ ހަމަ އެންމެ މަގްސަދެއް، އެއީ ސުލްހަ."
ރަޝިޔާ ސިފައިންގެ އެއް ލައްކަ އަށް ވުރެ ގިނަ މީހުން ބަރު ހަތިޔާރާއެކު، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން ރަޝިޔާގެ ތެރޭގައި ތިބޭތާ މިހާރު މަސްތަކެއް ވެއްޖެ އެވެ. އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އޭރުން ފެށިގެން ތުހުމަތު ކުރަމުން އައި ގޮތުގައި، ރަޝިޔާ ސިފައިން ތައްޔާރުވަމުން ދަނީ ޔޫކްރޭނަށް އުދުވާނީ ހަމަލާއެއް ދިނުމަށެވެ.
ނަމަވެސް ރަޝިޔާ އިން މިއަދާ ހަމައަށް ވެސް އައީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ. ރަޝިޔާ އިން ބުނާ ގޮތުގައި އެ ގައުމުގެ ސިފައިން ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާކުރީ، ނޭޓޯގެ އަސްކަރީ ހަރަކާތްތައް އިރުމަތީ ޔޫރަޕާ ހަމައަށް ފުޅާކޮށް، ރަޝިޔާގެ މިނިވަންކަމާއި ސުލްހައަށް ނުރައްކާތައް ކުރިމަތިކުރަމުން ދާތީ، ދިފާއީ ފިޔަވަޅެއްގެ ގޮތުންނެވެ.