22 ފެބުރުއަރީ 2022 - 14:26

ޔޫކްރޭންގެ އިރުމަތީ ދެ ސަރަހައްދަކުން އިއުލާންކޮށްފައިވާ މިނިވަންކަން ގަބޫލުކޮށް އެ ދެ ސަރަހައްދަށް ރަޝިޔާ ސިފައިން ދިއުމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ރޭ އަމުރު ނެރުއްވުމާ ގުޅިގެން، ރަޝިޔާ ސިފައިން މިހާރު ޔޫކްރޭނަށް ވަދެފައިވާ ކަމަށް ހުޅަނގުގެ މީޑިއާތަކުން ބުނަން ފަށައިފި އެވެ.

ޔޫކްރޭންގެ މަސްދަރުތަކާ ހަވާލާދީ އިނގިރޭސި ވިލާތުގެ ދަ ގާޑިއަން ނޫހުން ބުނި ގޮތުގައި ޔޫކްރޭންގެ އިރުމަތީގައި އޮންނަ ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާ އަށް، ރަޝިޔާ ސިފައިން ދިޔައީ ރޭގެ ވަގުތެއްގަ އެވެ. ރަޝިޔާގެ އަސްކަރީ އެއްގަމު އުޅަނދުތައް، ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ ޑޮނެޓްސްކްގެ މަގުތަކުން ރޭ ފެނުނު ކަމަށް ޔޫކްރޭނުން ބުނެ އެވެ.
އެ ޖުމްހޫރިއްޔާގެ ޔަސްޔިނުވާޓާ ސިޓީގެ ތެރެއިން ލާފައި، ރަޝިޔާގެ ސިފައިން އުފުލާ އަސްކަރީ އުޅަނދުތަކާއި ބަރު ހަތިޔާރުތައް، ދޮޅު ގަޑިއެއްހާއިރު ވަންދެން އުތުރަށް ދަތުރުކުރި ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފެނުނެވެ. ނަމަވެސް އެ އުޅަނދުތަކަކީ ސީދާ ރަޝިޔާ ސިފައިންގެ އަސްކަރީ އުޅަނދުތަކެއްކަން ނުވަތަ، ވަކިވެގަތުމަށް މަސައްކަތް ކުރާ ހަނގުރާމަވެރިންގެ އުޅަނދުތަކެއް ކަން ކަށަވަރުނުވާ ކަމަށް ވެސް ބައެއް ނޫސްތަކުން ބުނެ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭންގެ އިރުމަތީ ސަރަހައްދަށް ފޮނުވަން ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ނިންމެވީ، ލުހާންސްކް ސަރަހައްދާއި ޑޮނެޓްސްކް ސަރަހައްދުގެ އިސް ވެރިންނާއެކު، ގާއިމުކުރި ދެ މުއާހަދާއެއްގައި ރައީސް ޕުޓިން ރޭ ސޮއިކުރެއްވުމަށް ފަހުގަ އެވެ. ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިންގައި ރޭ ބޭއްވި ބައްދަލުވުމެއްގައި، ލުހާންސްކް ޖުމްހޫރިއްޔާގެ ފަރާތުން އެ މުއާހަދާގައި ސޮއިކުރެއްވީ އެ ދައުލަތުގެ ވެރިޔާ ލިއޮނިޑް ޕަސެޗްނިކް އެވެ. ޑޮނެޓްސްކް ޖުމްހޫރިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ދައުލަތުގެ ވެރިޔާ ޑެނިސް ޕުޝިން އެވެ.
އެ ދެ ޖުމްހޫރިއްޔާގެ މިނިވަންކަން ގަބޫލުކުރުމުގެ މުއާހަދާގެ ތިން ވަނަ މާއްދާގައިވާ ގޮތުން، އެ ދެ ޖުމްހޫރިއްޔާގައި ސުލްހަ ގާއިމުކުރުމުގެ މަސައްކަތް، ރަޝިޔާ ސަރުކާރުގެ ސިފައިން ކުރާނެ އެވެ. ނަމަވެސް ޔޫކްރޭނާއި ހުޅަނުގެ ގައުމުތަކުން ބުނާ ގޮތުގައި ރަޝިޔާ އިން ގާއިމުކުރި މި މުއާހަދާ އަކީ ޔޫކްރޭންގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެކެވެ.
އެ ދެ މުއާހަދާގައި ސޮއިކުރެއްވުމަށް ފަހު، ރައީސް ޕުޓިން ވަނީ އެ ދެ ސަރަހައްދަށް ރަޝިޔާ ސިފައިން ފޮނުވުމުގެ ރިއާސީ އަމުރެއްގައި ސޮއި ކުރައްވައިފަ އެވެ. އެއަށް ފަހު ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވަމުން ޕުޓިން ވިދާޅުވީ، އެ ދެ ޖުމްހޫރިއްޔާގައި ޔޫކްރޭން ސިފައިން ލޭއޮރުވަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"އަނިޔާވެރިކަމާއި ލޭއޮހޮރުވުމާއި ގާނޫނަށް އަމަލު ނުކުރުމުގެ މަގު އިޚްތިޔާރުކުރި މީހުން، ޑޮންބަސް މައްސަލަ އަށް، އަސްކަރީ ހައްލެއް ނޫން އެހެން ހައްލެއް ބޭނުމެއް ނުވި. އެހެންކަމުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑޮނެޓްސްކް ރައްޔިތުންގެ ޖުމްހޫރިއްޔާ އާއި ލުހާންސްކް ރައްޔިތުންގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި ސިޔާދަތު ގަބޫލުކުރުމުގެ ގަރާރެއް ކަނޑައެޅުން ކޮންމެހެން ބޭނުންވެއްޖެ. މި ކަނޑައަޅަންވިތާ އެތައް ދުވަހެއް ވެފައިވާ ގަރާރެއް،" ޕުޓިން ވިދާޅުވި އެވެ.
ރައީސް ޕުޓިންގެ އެ ނިންމެވުމާ ގުޅިގެން، އެ ދެ ޖުމްހޫރިއްޔާގެ އެއްވެސް ބަޔަކާއެކު އެމެރިކާގެ އެއްވެސް ރައްޔިތެއް އަދި އެއްވެސް ވިޔަފާރި ކުންފުންޏަކުން އިންވެސްޓްމެންޓެއް ގާއިމުކުރުމާއި ވިޔަފާރީގެ މުއާމަލާތެއް ހިންގުން މަނާކޮށް، ވައިޓް ހައުސް އިން ވަނީ ރިއާސީ ގަރާރެއް އާންމުކޮށްފަ އެވެ.
އޭގެ އިތުރުން، ރަޝިޔާއާ ދެކޮޅަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތައް މިއަދުގެ ވަގުތެއްގައި އިއުލާން ކުރާނެ ކަމަށް ވެސް ވައިޓް ހައުސް އިން ބުންޏެވެ.