22 ފެބުރުއަރީ 2022 - 14:15

ޔުކްރެއިނަށް ރަޝިއާ ސިފައިން އަރައި، އެ ގައުމު ހިފާފާނެ ކަމުގެ ބިރުވެރި ބޮޑުވެފައި ވާތީ، އެ ގައުމުގައި ތިބި ދިވެހި ދަތިވަރުން އަނބުރާ ރާއްޖެ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަންގަވައިފި އެވެ.
ވަކިވެގަތުމަށް މަސައްކަތް ކުރާ ޔުކްރެއިންގެ އިރުމަތީގެ ދެ ޖުމްހޫރިއްޔާ އަކީ މިނިވަން ދެ ދައުލަތް ކަމަށް ރަޝިޔާ އިން އިއުތިރާފްވެ، އެ އެތަނަށް ރަޝިޔާ ސިފައިން ވަނުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ރޭ ވަނީ ރިޔާސީ ގަރާރެއް ނެރުއްވައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ދިވެހި ދަރިވަރުން އަނބުރާ ގެނައުމަށް ރައީސް އެންގެވުމާ ގުޅިގެން ފޮރިން މިނިސްޓްރީން މިހާރު އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޔުކްރެއުންގަައި 50 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ގިނައީ ޑޮކްޓަރުކަން ކިޔަވަމުން އަންނަ ދަރިވަރުންނެވެ. އެގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ ބައެއް ދަރިވަރުން އަމިއްލަ ހަރަދުގައި ރާއްޖެއަށް އައުމަށް ވެސް މިހާރު މަސައްކަތް ކުރަމުން އެބަދެ އެވެ.
ޔުކްރެއިނުގެ މަސްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައި ވާތީ، އެ ގައުމަށް ދިވެހިން ދަތުރު ނުކުރަން ދިވެހި ސަރުކާރުން ވަނީ މިދިޔަ ހަފުތާގައި އަންގައިފަ އެވެ
ރަޝިއާ އިން ޔުކްރެއިން ހިފައިފާނެ ކަމުގެ ބިރު ބޮޑުވީ، އެ ދެ ގައުމު ގުޅޭ ބޯޑަރު ކައިރި އަށް ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން ޖަމާކުރުމުންނެވެ. އެމެރިކާ އިން ބުނަމުން ދަނީ ކޮންމެ ވަގުތެއްގައި ވެސް ރަޝިއާގެ ސިފައިން ޔުކްރެއިނަށް އަރައިފާނެ ކަމަށެވެ.