22 ފެބުރުއަރީ 2022 - 15:20

ރަޝިއާ އާއި ޔޫކްރެއިންގެ މައްސަލަ ހޫނުވެ، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި 99.38 ޑޮލަރު (1532ރ.) އަށް މިއަދު އަރައިފި އެވެ.
އިއްޔެއިން ފެށިގެން ތެލުގެ އަގަށް އަންނަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. މިއަދު މެންދުރު 1:00 އާ ހަމައަށް ބްރެންޓްގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 97.7 (1506ރ.) ގަ އެވެ. ނަމަވެސް ރަޝިއާ އިން ޔުކެރެއިނަށް އަރަން ނިންމުމާ އެކު އަގު އުފުލިގެން ދިޔައީ އެވެ.
ރަޝިއާ އާއި ޔުކްރެއިންގެ މައްސަލަ ހައްލު ވެއްޖެ ނަމަ ތެލުގެ އަގު ނުއުފުލި ހުންނާނެ ކަމަށް މިދިޔަ ހަފުތާގައި ތަޖުރިބާކާރުން ލަފާކުރި އެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ކަނޑައަޅާ އެއް މިންގަނޑު ކަމަށްވާ ބްރެންޓުގެ އަގު ބޮޑުވި އިރު ޑަބްލިއުޓީއައި ތެލުގެ އަގު ވެސް ވަނީ އުފުލިފަ އެވެ. ޑަބްލިއުޓީއައިގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގަ އަގު ހުރީ 95.41 ޑޮލަރު (1471ރ.)ގަ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތައް ރާއްޖޭގެ އަގުތަކަށް ވެސް އަންނާނެ އެވެ.
މި ވަގުތު އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 12.98ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް 13.04ރ. އަށެވެ.
ރަޝިއާ އާއި ޔުކްރެއިންގެ ހަމަނުޖެހުންތަކުގެ ކުރިން ވެސް މިއަހަރު ފެށުނީއްސުރެ ތެލުގެ އަގު އަންނަނީ އުފުލެމުންނެވެ. މި އަހަރު ނިމޭއިރު ފީފާއެއްގެ އަގު 100 ޑޮލަރަށް އަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
ދުނިޔޭގެ ބާޒާރުގައި މިއަހަރު ތެލުގެ އަގު އުފުލިފައިވަނީ ފާއިތުވި ހަތް އަހަރު ނުއުފުލޭ ވަރަކަށެވެ. ތެލުގެ އަގު އެންމެ ފަހުން ކަންބޮޑުވާ ވަރަށް އުފުލުނީ 2014 ވަނަ އަހަރު އެވެ. އެއީ ފީފާއެއް 115 ޑޮލަރަށެވެ. އޭގެ ފަހުން ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެއީ ފީފާއެއް 85 ޑޮލަރު (1،310ރ.) އެވެ.