އޮސްކާގެ ފޭން ފޭވަރިޓް ލިބުން ގާތީ ސިންދުރެއްލާ އަށް
އޮސްކާގެ ފޭން ފޭވަރިޓް ލިބުން ގާތީ ސިންދުރެއްލާ އަށް

ފިލްމީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އޮސްކާގައި ފޭނުންގެ ތެރޭގައި އެންމެ މަގުބޫލު ފިލްމެއް ހޮވަން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.

އޮސްކާ އަކީ އެކްޓިން ހުނަރުގެ އިތުރު ޓެކްނިކަލް ކަންތައްތަކަށް ބަލައި ޖަޖުންގެ ޕެނަލްއަކުން ކަނޑައަޅާ ފިލްމުތަކާއި އެކްޓަރުންނަށް ލިބޭ އެވޯޑެކެވެ. މި ފިލްމުތަކަކީ ބޮކްސް އޮފީހުގައި ގިނަ ފަހަރަށް ކާމިޔާބު ނޫން ފިލްމުތަކަށް ވެދާނެ އެވެ. އެއާ އެކު ބެލުންތެރިން ލޯބިކުރާ ފިލްމުތަކާއި އެކްޓަރުންނަށް އެވޯޑް ނުލިބޭތީ ޝަކުވާ ގިނަވެ އެވެ.

އަންނަ މަހު 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮސްކާގައި ފޭނުންނަށް ކަމުދާ ފިލްމެއް ހޮވުމަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އެ ފިލްމު ހޮވުމަށް ބޭނުންވާ މީހުން ޖެހެނީ ޓްވިޓާގައި ހާއްސަ ހޭޝްޓެގްތަކެއް ބޭނުންކުރާށެވެ. އަދި ޕޯލް ބަންދުވުމުން އެންމެ މަގުބޫލު ފިލްމަށް ފޭން ފޭވަރިޓްގެ އެވޯޑު ލިބޭނެ އެވެ.

ފޭން ފޭވަރިޓް އެވޯޑެއް ދިނުމަށް ނިންމުމާ އެކު ގިނަ ބަޔަކު ހީކުރީ މިދިޔަ އަހަރުގެ އެންމެ މަގުބޫލު ފިލްމުތަކަށް އެވޯޑު ލިބޭނެ ކަމަށެވެ. ނަމަވެސް ޕޯލުތަކުން ފެންނަނީ އެހެން އެއްޗެކެވެ.

ޕޯލުތަކުން އެންމެ ކުރީގައި މިވަގުތު އުޅެނީ ކެމިލާ ކެބޭޔޯ ލީޑުން ފެނުނު "ސިންދުރެއްލާ" އެވެ. އެ ފިލްމަކީ ބޮޑު ފްލޮޕް ފިލްމަކަށް ވީއިރު، ރިވިއުތައް ވެސް ވަރަށް ދަށްކޮށް ހުރި ފިލްމެކެވެ. އެހެން ކަންތައްވެފައި ވަނީ ކެމިލާގެ ފޭނުންތަކެއް އެ ފުރުސަތުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް ގިނަ އަދަދެއްގެ ވޯޓު ހޯދައިގެން ކަމަށް ބެލެވެން ވަނީ ފަށައިފަ އެވެ.

މި އަހަރުގެ އޮސްކާގައި އެންމެ ގިނަ ނޮމިނޭޝަންތައް ލިބިފައި ވަނީ ނެޓްފްލިކްސްގެ "ދަ ޕަވާ އޮފް ދަ ޑޯގް" އާއި ސައިފައި ފިލްމު "ޑޫން" އަށެވެ.