22 ފެބުރުއަރީ 2022 - 15:03

ގައުމީ އެއާލައިން، މޯލްޑިވިއަނުން މި އަހަރުގެ ފަހުކޮޅު ގެންނަ އޭޓީއާރުގެ ތިން މަތިންދާ ބޯޓު ގަންނަން ލޯނު ދޭން ހަތް ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މޯލްޑިވިއަން އެއާލައިން ހިންގާ އެ އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު މިއަދު ވިދާޅުވީ ތިން ބޯޓު ވެސް ގެންނަން ނިންމާފައި ވަނީ ލޯނު ނަގައިގެން ކަމަށެވެ. މިހާތަނަށް ހަތް ޕާޓީއަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު ލޯނު ނަގާނީ ދިގު މުއްދަތަކަށް، ލުއި ގޮތަކަށް ލޯނު ދޫކުރާ ތަނަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލޯނު ނަގާނެ ތަނެއް ވަރަށް އަވަހަށް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންމެ ފަހުން ބެލިއިރު ވެސް ހަތް ޕާޓީއަކުން އޮތް ޝައުގުވެރިކަން ފާޅުކޮށްފައި. ލޯނު ނަގާ އިންސްޓިޓިއުޓެއް އަޅުގަނޑުމެން ފައިނަލް ކުރާނީ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ފަހު އެންމެ ލުއިކޮށް، ދިގު މުއްދަތަކަށް ދޭ ބަޔަކަށް،" މިހާދު ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަނުން މޯލްޑިވިއަންގެ ފްލީޓް އިތުރު ކުރުމަށް ގެންނަނީ އޭޓީއާރުގެ ތިން ބޯޓެވެ. އޭޓީއާރުގެ ބޯޓުތައް ގެންނަން ނިންމީ އެއީ ތެލުގެ ހަރަދާއި މެއިންޓަނަންސް ހަރަދު ކުޑަ ބޯޓުތަކަކަށްވާތީ ކަމަށް ވެސް މިހާދު ވިދާޅުވި އެވެ. މިއީ އައިލެންޑް އޭވިއޭޝަންގެ ފްލީޓަށް އޭޓީއާރުގެ ބޯޓުފަހަރު ގެންނަ ފުރަތަމަ ފަހަރެވެ.
މޯލްޑިވިއަން އިން މިހާރު ބޭނުން ކުރަނީ ޑޭޝް ބޯޓުތަކެކެވެ. ނަމަވެސް ޑޭޝްގެ ބޯޓުތައް އުފެއްދުން މަޑު ޖައްސާލާފައިވާ ކަމަށާއި އެ ބޯޓުތައް ގެނައުން މަޑުޖައްސާލައިފައި އޮތީ އޭގެ ބޯޓުފަހަރު އުފައްދާ ކުންފުންޏަށް ވާ ގޮތް ނޭނގޭތީ ކަމަށް މިހާދު ވިދާޅުވި އެވެ.
"ޑޭޝް ބޯޓުތަކުގެ މިހާރު އުފައްދަނީ 400 ސީރީޒް. އެ ބޯޓުތައް ޖައްސަން ރަންވޭ ލިމިޓޭޝަންތަކެއް ހުރޭ. ރާއްޖޭގެ އެހެން އެއާލައިންތަކުން ވެސް މިހާރު ބޭނުން ކުރަނީ އޭޓީއާރު ބޯޓުތައް. އެއީ އޭގައި އެޑްވާންޓޭޖްތަކެއް ހުރީމަ. މިހާރު ހުރި ޑޭޝް ބޯޓުތަކުގެ ސްޕެއާޕާޓްސް ވެސް ހޯދަން އެހާ ދަތި އަދި ލިބުނަސް އެހާ އަގުބޮޑު. އެހެންވެ، ޑޭޝްގެ ފިއުޗާ ދެނެގެންނަން ދަތި،" މިހާދު ވިދާޅުވި އެވެ.
މިހާދު ވިދާޅުވީ ކޮވިޑާ ގުޅިގެން އައިލެންޑް އޭވިއޭޝަނަށް ގެއްލުންތަކެއް ކުރިމަތިވިޔަސް، އެ ކުންފުންޏަކީ ފައިދާވި، އަދި ފައިދާ ވާނެ ވެސް ކުންފުންޏެއް ކަމަށެވެ.
"މި ކުންފުންޏަކީ ކޮވިޑުގެ ކުރިން ފައިދާވި ކުންފުންޏެއް. މި ހިނގާ އަހަރު ވެސް ފައިދާއާ އެކު ނިންމާލެވޭނެ،" އޭނާ ވިދާޅުވި އެވެ.
އޭޓީއާރާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މޯލްޑިވިއަނުން ގެންނާނީ އޭޓީއާރު 72-600 ގެ ދެ ބޯޓާއި އޭޓީއާރު 42-600ގެ ބޯޓެކެވެ. މި ތިން ބޯޓު ވެސް މޯލްޑިވިއަނުން ބޭނުން ކުރާނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގަ އެވެ. މީގެ ސަބަބުން ދިވެހިންނާއި ޓޫރިސްޓުންނަށް ދޭ ހިދުމަތްތައް އިތުރަށް ފުޅާވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މޯލްޑިވިއަންގައި މިހާރު އޮންނަނީ 12 މަތިންދާބޯޓެވެ. އެއީ އެއާބަސް 321، އެއާބަސް 320 އަދި ޑޭޝް8 ގެ 10 ބޯޓެވެ.