ވީއައިއޭއިން ދަތުރުކުރި ފަސިންޖަރުންގެ އަދަދު ދެގުނަ އިތުރުވެއްޖެ
ވީއައިއޭއިން ދަތުރުކުރި ފަސިންޖަރުންގެ އަދަދު ދެގުނަ އިތުރުވެއްޖެ

މިދިޔަ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހިދުމަތް ހޯދި ފަސިންޖަރުންގެ އަދަދު އޭގެ ކުރީ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު ދެގުނަ އިތުރުވެއްޖެ އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލުން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު 446،688 މީހުން ވަނީ އެއާޕޯޓުން ހިދުމަތް ހޯދައިފަ އެވެ. އޭގެ ކުރީ އަހަރުގެ ޖެނުއަރީ މަހު ހިދުމަތް ހޯދީ 257،693 މީހުންނެވެ.

މިދިޔަ މަހު އެންމެ ގިނައީ ރާއްޖޭން ބޭރަށް ފުރި މީހުންނެވެ. ރާއްޖޭން ބޭރަށް 163،908 މީހުން ފުރިއިރު 158،409 މީހުން ވަނީ ރާއްޖެ އައިސްފަ އެވެ. އަދި 27،822 މީހުން ވަނީ ޓްރާންސިޓް ދަތުރުތަކުގައި ރާއްޖެ އަށް އައިސްފަ އެވެ.

އެތެރޭގެ އުދުހުންތަކުގެ ތެރެއިން މާލެއިން 49،971 މީހަކު އެކި ރަށްތަކަށް ފުރާފައިވާއިރު 46،578 މީހުން ވަނީ މާލެ އައިސްފަ އެވެ.

މިދިޔަ މަހު އެއާޕޯޓުން ހިދުމަތް ހޯދި މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު އެއާ ޓްރެފިކް މޫވްމަންޓުތައް ވެސް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު 4،009 އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑް ކޮށްފައިވާއިރު މިދިޔަ މަހު ރެކޯޑް ކޮށްފައިވަނީ 5،694 މޫވްމަންޓެވެ. އެއީ އިންޓަނޭޝަނަލް 3،052 މޫވްމަންޓާއި ޑޮމެސްޓިކް 2،642 މޫވްމަންޓެވެ.

ރާއްޖެއަށް މިދިޔަ މަހު ބައިނަލްއަގުވާމީ 26 އެއާލައިނަކުން ޝެޑިއުލް ދަތުރު ކުރި އެވެ. އަދި ޗާޓާކޮށް 11 އެއާލައިނަކުން ދަތުރު ކުރި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ވީއައިއޭއިން ވަނީ އެއާ ޓްރެފިކް މޫވްމަންޓުގެ އާ ރެކޯޑެއް ވެސް ހަދައިފަ އެވެ. އެ ދުވަހު 839 އެއާ ޓްރެފިކް މޫވްމަންޓް ވަނީ ރެކޯޑްކޮށްފަ އެވެ.

އެއާކްރާފްޓެއް ފުރުން އަދި ޖެއްސުން ވެސް އެއީ އެއާ ޓްރެފިކް މޫވްމަންޓެކެވެ.