22 ފެބުރުއަރީ 2022 - 11:47

މިއަދަކީ، މި އަހަރު އަންނާނެ އެންމެ ރީތި ތާރީހެވެ. ހުސް ދެއަކުން ފުރާލައިފައި އޮތް މި ރީތި ތާރީހުގައި ކައިވެނީގެ ގޮށް ޖަހާލުމަށް އެތައް ބަޔަކު މާ ދުރާލައި އައީ ތައްޔާރުވަމުންނެވެ.

މިއަދު ހެނދުނު 9 ޖެހުމުގެ ކުރިން ވެސް ފެލިމީ ކޯޓު ދޮށް އޮތީ ހަލަބޮލިވެފަ އެވެ. ފެމިލީ ކޯޓުގައި މިއަދު 87 ކައިވެނި ކޮށްދޭން ކުރިން ހަމަޖެހިފައި އޮތަސް، މިއަދު ކޮށްދޭނީ 85 ކައިވެންޏެވެ. މިއީ ރެކޯޑު އަދަދެކެވެ. އެކި ސަބަބުތަކާ ހެދި ދެ ކައިވެންޏެއް ކެންސަލްވީ އެވެ. ކޯޓު ރޫމްގައި 47 ކައިވެންޏެއް ކުރާނެ އެވެ. އެހެންވެ ފެމިލީ ކޯޓުގައި ވެސް މިއަދަކީ ވަރަށް ބިޒީ ދުވަހެކެވެ.

މިއަދު ކުރަން ހަމަޖެހިފައިވާ ކައިވެނިތައް ގިނަވެ، ފެމިލީ ކޯޓު ބޭރުގައި ޓެންޓު ޖަހައި މީހުންނަށް އިށީންދެވޭ ގޮތް މިއަދު ވަނީ ހަދައިފަ އެވެ.
ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު ޝިފާއު ވިދާޅުވީ ކައިވެނިތައް ގިނަ ދުވަހެއް ނަމަ އެއް މަޖިލީހެއްގައި އެއްފަހަރާ ގިނަ ބަޔަކު ކައިވެނިކޮށްދޭ ކަމަށެވެ. މިއަދު ކޮންމެ 30 މިނިޓަކުން ކައިވެނީގެ މަޖިލީހެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކައިވެނީގެ ހުތުބާ ކިޔުމަށް ފަހު، ކައިވެނި އަގުދުކޮށްދިނުމުގެ ކަންތަކަށް ކޮންމެ ބަޔަކަށް ވެސް ވަކިން ގެންދާނީ... އެކަމަށް ތިން ވަރަކަށް މިނެޓު ހޭދަވާނެ. މުޅި ޖުމްލަ 20-25 ވަރަކަށް މިނެޓު ހޭދަވާނެ،" އޭނާ ވިދާޅުވި އެވެ.
ގިނަ ކައިވެނިތަކާ އެކު މިއަދު ބިޒީވަނީ ހަމައެކަނި ފެމިލީ ކޯޓު އެކަންޏެއް ނޫނެވެ. ޑިޒައިނަރުންނާއި މޭކަޕް އާޓިސްޓުންނާއި ސެލޫންތަކާއި ކެފޭ/ ރެސްޓޯރަންޓްތައް ވެސް މިއަދާއި މިރޭ ވަނީ ވަރަށް ބުރަ ވެފަ އެވެ.
ކައިވެނީގެ ހެދުންތައް ޑިޒައިންކޮށްދޭ ރަޒީނާ ތައުފީގު ބުނީ ވެޑިން ޑްރެސްއާ އެކު މިއަދަށް އެކަނި ވެސް 15 ހެދުން ނިންމަންޖެހޭ ކަމަށެވެ.
"ވަރަށް ބިޒީ ދުވަހެއް މިއީ،" އޭނާ ބުންޏެވެ.
ކައިވެނީގެ އެހެން ޑިޒައިނަރަކު ބުނި ގޮތުގައި މީގެ ތިން ހަތަރު މަހެއްހާ ދުވަސް ކުރިން ފެށިގެން ތައްޔާރު ވަމުން އައީ މިއަދަށެވެ.
"ތިން ވެޑިންއެއްގެ ކަންކަން މިރޭ އަޅުގަނޑު އެބައޮތް. ހެދުންތަކުން ފެށިގެން ގޮސް ޕާޓީއާ ހަމައަށް،" އޭނާ ބުންޏެވެ.
މޭކަޕް އާޓިސްޓަކު ބުނިގޮތުގައި މޭކަޕް ކުރުމަށް ބައެއް މީހުން މިދިޔަ އޮގަސްޓް މަހުް ފެށިގެން އެޕޮއިންޓްމަންޓް ހަމަޖައްސާފައިވާ ކަމަށެވެ. ކައިވެނިތަކަށް ދިއުމަށް ތައްޔާރުކޮށްދިނުމަށް 22 މީހަކު އެޕޮއިންޓްމަންޓް ހެދި ކަމަށް ވެސް އޭނާ ބުންޏެވެ.
ކައިވެނި ޕާޓީތަކަށް ހާއްސަކޮށްފައިވާތީ ވަރަށް ގިނަ ރެސްޓޯރަންޓްތަކާއި ކެފޭތައް ވެސް މިއަދު ހަވީރާއި މިރޭ ވަނީ ބަންދުކުރަން ނިންމައިފަ އެވެ. މާލޭގެ ބޮޑެތި ހުރިހާ ރެސްޓޯރަންޓެއްގައިހެން މިރޭ ކައިވެނި ޕާޓީތައް އެބައޮތެވެ. ބައެއް ރެސްޓޯރަންޓްތަކުގައި ދެ ޕާޓީ ވެސް އެބައޮތެވެ.