19 ޑިސެމްބަރ 2016 - 11:28

ލަންޑަން (ޑިސެމްބަރު 19) - މިއަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގަމުން ދަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފި އެވެ.
އެމްނެސްޓީގެ އެންމެ ފަހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިއަންމާ ސިފައިން ދަނީ ރޮހިންޔާ މުސްލިމުން ގަތުލްކޮށް، ރޭޕްކޮށް، އެހެނިހެން އަނިޔާތައް ދީ އަދި އެ މީހުންގެ ގެދޮރުން ލޫޓްވަމުން ކަމަށެވެ. އެކަމަކު މިއަންމާ ސަރުކާރުން އެކަން ދޮގު ކުރެ އެވެ. މިއަންމާ ސަރުކާރުން ބުނަމުން ދަނީ ރަކިނީ ސްޓޭޓުގައި އެ މީހުން ހިންގަނީ ޓެރަރިސްޓުންނާ ދެކޮޅު އޮޕަރޭޝަނެއް ކަމަށެވެ.
އެމްނެސްޓީ ރިޕޯޓް ނެރުނު އިރު ސަރަހައްދީ ވެރިންގެ ބައްދަލުވުން ޔަންގޫންގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެކަމަކު 10 ގައުމު ހިމެނޭ އާސިއާންގެ ވެރިންގެ ބައްދަލުވުމުގައި ވަކިވަކި ގައުމުތަކުގައި ހިންގާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަކީ އާއްމުކޮށް ކުރާ ކަމެއް ނޫނެވެ. މި ފަހަރުގެ އެޖެންޑާގައި ވަނީ ރޮހިންޔާ މުސްލިމުންގެ މައްސަލަ ހިމަނައިފަ އެވެ. މި މައްސަލަ ހިމެނުމަށް ބާރު އަޅާފައި ވަނީ މެލޭޝިއާ އާއި އިންޑޮނީޝިއާ އިންނެވެ.
ރަކިނީ ސްޓޭޓުގައި މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން އޮޕަރޭޝަން ފެށީ އޮކްޓޯބަރު މަހު އެވެ. މިއަންމާ ސަރުކާރުން ބުނީ މި އޮޕަރޭޝަން ފެށީ ފުލުހުންނަށް އަމާޒުކޮށް ހަނގުރާމަވެރި ޖަމާއަތަކުން ހަމަލާ ދިނުމުން ކަމަށެވެ.
އެމްނެސްޓީން ބުނީ އެ މީހުން ރިޕޯޓް ތައްޔާރުކުރީ ރޮހިންޔާ މުސްލިމުންގެ ތެރޭން އަނިޔާ ލިބުނު ބައެއް މީހުންނާ އިންޓަވިއުކޮށްފައި ކަމަށެވެ. މިއަންމާ ސިފައިންގެ އަނިޔާވެރިކަން އެމްނެސްޓީން ސިފަކޮށްފައި ވަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއްގެ ގޮތުގަ އެވެ. މުސްލިމުންގެ ގެދޮރާއި މިސްކިތްތަކުގެ ތެރޭން 1،200 ތަނެއްގައި އަލިފާން ޖަހާފައިވާ ކަމަށް ވެސް އެމްނެސްޓީން ބުނެފައިވެ އެވެ.
މުސްލިމުންނަށް ދޭ އަނިޔާތައް ހުއްޓާލުމަށް އެމްނެސްޓީން ވަނީ މިއަންމާ ސަރުކާރަށާއި އަން ސަން ސޫކީ އަށް ގޮވާލައިފަ އެވެ. މުސްލިމުންނަށް އަނިޔާދޭ އިރު އަން ސަން ސޫކީ ހިމޭނުން ހުންނަވާތީ އެކަމަނާ އަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ.
އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ރޮހިންޔާ މުސްލިމުންނަށް ދޭ އަނިޔާތައް ކުށްވެރިކޮށްފަ އެވެ. އދ.ގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ މިއަންމާ ސަރުކާރުން ދަނީ ނަސްލެއް ނެތިކޮށްލުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
ރަކިނީގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކިނީގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓުން ބުނަނީ އެއީ ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށެވެ. ރަކިނީގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން 2012 ވަނަ އަހަރު ދިން ހަމަލާތަކުގައި 100،000 މުސްލިމުން ހާލުގައި ޖެހުނެވެ. ރޮހިންޔާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ވެސް ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު އެ މީހުން މިއަންމާގެ ދިރިއުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ރޮހިންޔާ މުސްލިމުން ގަބޫލް ކުރަން ބަންގްލަދޭޝް އިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.