ރަޝިޔާ ސިފައިން ޔުކްރެއިނަށް އަރަން އަމުރުކޮށްފި
ރަޝިޔާ ސިފައިން ޔުކްރެއިނަށް އަރަން އަމުރުކޮށްފި

ޔުކްރެެއިނުން ވަކިވެގަތުމަށް މަސައްކަތްކުރާ އެ ގައުމުގެ އިރުމަތީ ސަރަހައްދަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ރަޝިޔާ އިން ބަލައިގަތުމަށް ނިންމިކަން އިއުލާނުކޮށް، އެ ސަރަހައްދުތަކުގެ ސުލްހަ ބަލަހައްޓަން ކަމަށް ބުނެ ރަޝިއާގެ ސިފައިން އަރަން އެ ގައުމުގެ ރައީސް ލަޑީމިއާ ޕުޓިން އަމުރުކުރައްވައިފި އެވެ.

ރަޝިޔާ ސިފައިން ޔުކްރެއިނަށް އަރަން އަމުރުކޮށްފި
ރަޝިޔާ ސިފައިން ޔުކްރެއިނަށް އަރަން އަމުރުކޮށްފި

ޔުކްރެއިންނަށް ސިފައިން އަރަން ޕުޓިން އަމުރުކުރެއްވި ނަމަވެސް އަދި އެކަން ފެށިކަމެއް ކަށަވަރެއް ނުވެ އެވެ.

ރަޝިއާގެ ސިފައިން ޔުކްރެއިނަށް އެރުމުގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމުގެ އިންޒާރު ހުޅަނގުގެ ގައުމުތަކުން ދެމުން ދަނިކޮށް ޕުޓިން މިގޮތަށް ނިންމެވީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމަކަށް ފަހުގަ އެވެ. ޔޫރަޕްގެ ގައުމުތަކުގެ ވެރިން ވަނީ ރަޝިއާގެ މި ނިންމުމަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށާއި މިކަމުގެ އަސްކަރީ އިތުރު ކުރިމަތިލުންތައް ހިނގުން ނޫން ކަމެއް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ޕުޓިން ދެއްވި ރައްދުގެ ވަރުގަދަ ތަގުރީރެއްގައި ޔުކްރެއިނާއި ޔޫރަޕްގެ ގައުމުތަކާ އެކު ހަދާފައިވާ ދިފާއީ އެއްބަސްވުންތަކާއި އޮންނަ ގުޅުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. ޔޫއެސްއެސްއާރާއި ޔުކްރެއިން ސޯޝަލިސްޓް ސޮވިއެޓް ރިޕަބްލިކްގެ މާޒީ އަށް ބަލާއިރު ޔުކްރެއިންގެ އަސްކަރީ ގުޅުންތަކަކީ އަމިއްލަ ދިފާއަށް ކުރާ ކަމެއްގެ ގޮތުގައި ބެލޭވަރަށް ވުރެ ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި ސިފަކުރައްވައި ރަޝިއާ އޮތީ ނުރައްކަލަށް ހުށަހެޅިފައި ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ޔުކްރެއިންގެ އިރުމަތީ ސަރަހައްދަކީ ރަޝިއާގެ އިހުގެ ބިންތަކުގެ ގޮތުގައި ސިފަކުރައްވަމުން ޕުޓިން ވިދާޅުވިގޮތުގައި، "ޔުކްރެއިނަކީ ދުވަހަކު ވެސް އަމިއްލަ ދައުލަތެއްގެ ސިފަ އޮތް ތަނެއް ނޫން" އެވެ.

"މި ގައުމާ ކުރިމަތިލާން މެދުވެރިއެއްގެ ގޮތުގައި ޔުކްރެއިން ބޭނުންކުރުމަކީ ގައުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް،" ޕުޓިން ދެއްވި ދިގު ތަގުރީރުގައި ވިދާޅުވި އެވެ.

ޕުޓިން އިޝާރާތް ކުރެއްވީ ވަނީ ޔުކްރެއިން، ނޭޓޯ އާއި އީޔޫއާ ގުޅެން ކުރާ މަސައްކަތަށެވެ. މިއީ ރަޝިއާ ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމެކެވެ. ރަޝިއާ އިން ދެކޭ ގޮތުގައި މިއީ ޔޫރަޕުން ރަޝިއާ އަށް ނުރައްކާކުރަން އެކަމުގެ މެދުވެރިއަކަށް ޔުކްރެއިން ބޭނުންކުރުމެވެ.

ޕުޓިން މި ވާހަކަ ދެއްކެވީ ޔުކްރެއިނުން ވަކިވާން މަސައްކަތްކުރާ ޑޮންބަސް ސަރަހައްދު - ޑޮޓެންސްކް ޕީޕަލްސް ރިޕަބްލިކް (ޑީޕީއާރް) އާއި ލުހާންސްކް ޕީޕަލްސް ރިޕަބްލިކް (އެލްޕީއާރް) ގެ ގޮތުގައި މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އެކަމުގެ ގަރާރުގައި ސޮއިކުރެއްވުމަށް ފަހުގަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އެހެން ގަރާރެއް ނެރުއްވައި ޔުކްރެއިނަށް ސިފައިން އަރަން އަމުރުކުރެއްވި އެވެ.

ޔުކްރެއިންގެ އިރުމަތީ ސަރަހައްދަކީ ރަޝިއާ އިން 2014 ވަނަ އަހަރު ޔުކްރެއިންގެ ކްރައިމިއާ ހިފުމާ އެކު، ވަކިވެގަތުމުގެ ހަރަކާތްތައް ވަރުގަދަވެ ނުރައްކާ ހާލަތެއްގައި އޮތް ތަނެކެވެ. އެ ސަރަހައްދުގެ ހަމަނުޖެހުމުގައި މިހާތަނަށް 140،000 މީހުން މަރުވެފައި ވާއިރު ރަޝިއާ އިން ތާއީދު ކުރަނީ ޔުކްރެއިނާ ވަކިވާން ހަނގުރާމަކުރާ މީހުންނަށެވެ. މިފަހަރު މަސްރަހު ހޫނުވި ފަހުން ޔުކްރެއިންގެ އިރުމަތީ ސަރަހައްދުގައި ހަނގުރާމަ ހުއްޓާލައިގެން ތިބުމަށް ކުރިން ވެފައިވާ އެއްބަސްވުންތަކާ ހިލާފު އެތައް އަމަލެއް ހިންގާފައިވެ އެވެ.

ރަޝިއާ އިން މިހާރު ކުރަން އުޅޭ ކަމަކީ އެތަނަށް ސިފައިން ފޮނުވައި، ރަޝިއާ އަށް ތާއީދުކުރާ ހަނގުރާމަވެރިންނަށް އެހީވުމެވެ. އެހެންވެ، ޔުކްރެއިނަށް ދެން އޮންނާނެ ގޮތަކީ އެ ގައުމުގެ ބައެއް ގެއްލިއްޖެ ކަމަށް ގަބޫލުކޮށް، އެ ސަރަހައްދު ދޫކޮށްލުން ނުވަތަ ދުނިޔޭގެ ބޮޑު ބާރަކާ ހަނގުރާމައެއް ފެށުމެވެ.

ޔޫރަޕާއި އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި ޔުކްރެއިންގެ އިރުމަތީ ސަރަހައްދަށް ރަޝިއާ އިން ވަނީ 150،000 ސިފައިން ޖަމާކޮށް ޔުކްރެއިނަށް އަރަން ތައްޔާރުވެފަ އެވެ. ނަމަވެސް ރަޝިއާ އިން ދަނީ މި ތުހުމަތު ތަކުރާރުކޮށް ދޮގުކުރަމުންނެވެ.

އެ ސަރަހައްދަށް ފޮނުވަނީ ސުލްހަ ބަލަހައްޓާ ސިފައިން ކަމަށް ރަޝިއާ އިން ބުނެފައި ވިޔަސް އެހެން ގައުމުތަކުން އެ ވާހަކަ ގަބޫލެއް ނުކުރެ އެވެ. ޔުކްރެއިންގެ ސަރުކާރުން ގައުމުތަކުގެ އެހީއަށް އެދެމުން ބުނީ ޔުކްރެއިންގެ ބޯޑަރު އޮންނަނީ ކުރިން ވެސް އޮތް ގޮތަށް ކަމަށާއި ރަޝިއާގެ ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ހަނގުރާމައިގެ އަމަލެއް ކަމަށެވެ. ޔޫރަޕްގެ ވެރިން ގެންދަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ.

ހާލަތު ގޯސްވުމާ އެކު މިހާރު ވަނީ ބާޒާރުގައި ތެލުގެ އަގު ވެސް މައްޗަށް ގޮސްފަ އެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކާއި އދ. އިން ވެސް ކުއްލި ބައްދަލުވުންތަކަށް ތައްޔާރުވެ މަސްރަހު ފިނިކުރެވޭނެ ގޮތްތަކެއް ހޯދަން ކެނޑިނޭޅި އަންނަނީ މަސައްކަތްކުރަމުންނެވެ.