22 ފެބުރުއަރީ 2022 - 08:38

ޔާނި މުއާދު އަށް އަންނަ މާޗް މަހު ފުރޭނީ 21 އަހަރެވެ. އޭނާގެ ނޫކަށިފުރައިގެ ދުވަސްތައް ކިރިޔާ ފެށުނީ އެވެ. އަދި މިއުޒިކީ ހަޔާތުގެ ދުވަސްތައް ވެސް ފެށުނީއެވެ. އެކަމަކު އޭނާގެ އަޑާއި ހުނަރު އެ ވަނީ މިއަދު ވެސް އަދި މިހާރު ވެސް އަހާލަން ފައްކާވެ ފުރިހަމަވެފައެވެ. އަދި ރާއްޖޭގެ މިއުޒިކް ސީންގެ ތެރެއިން މިއަދު އަޑުއަހާލަން ލިބޭނެ އެންމެ ހިތްގައިމު އެއް އަޑަކަށް ޔަގީނަށް ވެސް ޔާނި މުއާދުގެ އަޑު ވާނެއެވެ. މިއީ ދިވެހި ލަވައިގެ އުދަރެހުން މަދުން ނޫނީ ނުފެންނަ ވަރުގެ ހުނަރަކަށް ވުމުގެ އުއްމީދު ބޮޑު އާޓިސްޓެކެވެ.

އެހެން އެކަން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އޭނާ އަކީ ދިވެހި ލަވައިގެ ދުނިޔެ އެ އާއިލާއަކަށް ފަހުރުވެރިވާ "މުރައިދޫ"ގެ އަށް ނިސްބަތްވާ ޒުވާނެކެވެ. ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އިނާޔާ އާއި އިނާޔާގެ އަންދަލާ (އަންޔަ) އަދި ޒުވާނުންގެ މެދުގައި މަގްބޫލު "ޓަސް" ބޭންޑަށް ނިސްބަތްވާ އާޓިސްޓު، ތޫ އަކީ ޔާނިގެ އާއިލާގައި ތިބި "އާޓިސްޓުންނާއި ލަވަކިޔުންތެރިން" ގެ ލިސްޓުން ފާހަގަކޮށްލެވޭ ވަރަށް މަޝްހޫރު ނަންތަކެކެވެ. އެކަމަކު އެންމެ މުހިންމީ ޔާނިގެ ބައްޕަ އަދި ކުރީގެ މަޝްހޫރު "ސަލްޓަންސް" ބޭންޑްގެ ރިދަމް ގިޓަރިސްޓް އަދި ވޯކަލިސްޓް ހުސެން މުއާދެވެ.

"މިގޮތަށް ކުރިއަށްދާއިރު ބައްޕަގެ ސަޕޯޓް ވަރަށް ބޮޑަށް ލިބޭ. ބައްޕަ ގިޓާ ކުޅޭތާ އެތައް އަހަރެއްވެއްޖެ. އެހެންވީމަ އަޅުގަނޑު ގިޓާކުޅޭއިރު އެންމެ ބޮޑު ސަޕޯޓެއް ލިބެނީ ބައްޕަގެ ފަރާތުންނޭ ބުނެވިދާނެ. ބައްޕަ އަކީ ވަރަށް ބޮޑު އިންސްޕިރޭޝަނެއް،" ސްރީ ލަންކާގައި އާއިލާއާ އެކު ދިރިއުޅެމުން އަންނަ ޔާނި އޮންލައިންކޮށް ދިން މި އިންޓަވިއުގައި ވާހަކަ ދައްކަމުން ބުންޏެވެ.

"ވަކިން ހާއްސަކޮށް ގިޓާކުޅުން އިތުރަށް އިމްޕްރޫވްކުރާނެ ގޮތްތައް ބައްޕަ ވަރަށް ބޮޑަށް ކިޔައިދޭނެ. މިސާލަކަށް ގިޓާ ކުޅެން ގިޓާ ހިފަހައްޓައިގެން ހުންނާނެ ގޮތް. އެކަހަލަ ކުދިކުދި އެކަމަކު ކޫލް އެއްޗެހި ވެސް ކިޔައިދޭނެ ބައްޕަ."
"ވޯކަލްސް ވެސް ގެންގުޅޭނެ ގޮތާއި ލަވަކިޔާއިރު ގެންގުޅެން ޖެހޭ ޓެކްނިކްސް ކިޔައިދޭނެ."
އެކަމަކު ޔާނި ބުނީ އޭނާ އަކީ އެންމެ ފުރަތަމަ، އާންމުންގެ ތެރެއަށް ނުކުމެ ލަވަކިޔުމަށް އެއްވެސް އިރެއްގައި ޝައުގުވެރިވި މީހެއް ނޫން ކަމަށެވެ. އަދި އެންމެ ކުރިން އާއިލާގެ މެމްބަރުންގެ މެދުގައި ވެސް ލަވަކިޔުމަކީ 'ލަދުގަތް' ކަމެއް ކަމަށެވެ.
އެހެންވެ އާއިލާގައި ލަވަކިޔުންތެރިންގެ 'ސުޕަސްޓާރުން'ގެ އަޑުން ދިވެހި ލަވައިގެ އުޑު ގުގުމަމުންދިޔައިރު ޔާނި ހުރީ އެ ހިތްގައިމު މަންޒަރަށް ބަލަހައްޓައިގެންނެވެ. އޭނާގެ އިންސްޓްރުމެންޓަކަށްވީ ޑްރަމްސް އެވެ.
"މިގޮތަށް އާންމުންގެ ތެރޭގައި ލަވަކިޔަން، ކުރިން ހުރޭ ޝައިގޮތެއް. ލަވަކިޔަން ލަދުގަނޭ ފެމިލީ ކުރިމަތީގައި ވެސް. އާއިލާއާ އެކު މިއުޒިކްގެ ތެރެއަށް ވަދެވުނު ކަމުގައިވިޔަސް ލަވަނުކިޔައި އަޅުގަނޑު ފެށީ ޑްރަމްސް އިން،" އުމުރުން ހަތަރު އަހަރުން ފެށިގެން ޑްރަމްސް ޖަހަމުން އަންނަ ޔާނި ކިޔައިދިނެވެ.
"ޑްރަމްސް އަސްލު އަޅުގަނޑުގެ އޮރިޖިނަލް އިސްޓްރުމަންޓަކީ. ޑްރަމްސް އަކީ އަދިވެސް ރަސްމީ އިންސްޓްރުމަންޓް. އެކަމަކު މިހާރު ބޭނުން ގިޓާކުޅެމުން ލަވަކިޔަން ވެސް."
އޭނާ ބުނީ މިހާރު އޭނާ ކޮންމެ ދުވަހަކު ލަވަކިޔައި ރިކޯޑްކޮށް ސޯޝަލް މީޑިއަމްތަކަށް ލައި އާންމުންނަށް އޭނާގެ އަޑުން ކަވާ ސޯންގްސް ގެނެސްދިނުމުގެ ފޯރިއެއް ފެށުނު ގޮތަކީ ޑްރަމް ސެޓް ނުލައި ލަންކާ އަށް ބަދަލުވި ހިސާބެވެ. އޭނާ މިހާރު ކިޔަވަމުން ދަނީ ޓްރެވަލް އެންޑް ޓޫރިޒަމް މެނޭޖުމަންޓުން ޑިގްރީއަށެވެ. ނަމަވެސް ކިޔަވައި ނިމިގެން ވެސް ޔާނި މިހާރު ބޭނުންވަނީ އޭނާގެ "ފުރަތަމަ ޑިގްރީ" އަކަށް މިއުޒިކް ހަދާށެވެ.
"ލަންކާގައި ލިބުނީ ގިޓާއެއް. ދެން ގިޓާކުޅެމުން ލަވަކިޔަން ފެށީ. ދެން ލަވަކިޔައި ރިކޯޑްކޮށް ޓިކްޓޮކް އަދި އިންސްޓަގްރާމްގައި ޝެއާކުރަން ފެށި ހިސާބުން އެންމެނަށް ވަރަށް ކަމުހިނގައްޖެ ކުއްލިއަކަށް،" ޔާނި ކިޔައިދިނެވެ.
"އެންމެނަށް ވެސް ޝޮކެއް ލިބުނީ އަހަރެން މިގޮތަށް ލަވަކިޔަން ފެށީމަ. ކުރިން ކީއްވެ ހެއްޔޭ ލަވަ ނުކިޔަނީ މިގޮތަށް، އެންމެން ވެސް އަހަންފެށީ. ވަރަށް ބޮޑު ކޮންފިޑެންސެއް ލިބިގެން ދިޔަ މީހުންގެ ފަރާތުން އެވަރަށް ސަޕޯޓެއް ލިބިގެންދިޔައީމަ، ލަވަކިޔަން ފެށުމުން."
އާއިލާ އާއި ރައްޓެހިންނާއި އާންމުންގެ ފަރާތުން ލިބިގެންދިޔަ ތަރުހީބާ އެކު ޔާނި އަންނަނީ މިހާރު ގަވާއިދުން ކަވާ ސޯންގްސް އަޕްލޯޑްކުރަމުންނެވެ. އޭނާގެ މި ލަވަތަކާއި އަޑުގައިވީ ޖާދޫގައި ނުޖެހޭ މީހަކު ނެތޭ ބުނެވިދާނެއެވެ. އެކަމަކު އޭނާގެ މި ލަވަތަކަށް ލިބޭ ތަރުހީބަށް ވުރެ އަދިވެސް އެންމެ ބޮޑީ އޭނާގެ ކިބައިގައިވީ ހުނަރާއި އުއްމީދެވެ.
އަމިއްލަ ލަވަތަކެއް ނެރެން ތައްޔާރުވަމުން އަންނައިރު ޔާނި ހުރީ ދިވެހި ލަވައިގެ ދުނިޔެ ބަދަލުކޮށްލާ ވަރުގެ މަސައްކަތްތަކެއް ގެނެސްދިނުމަށް ވެސް ކެތްމަދު ވެފަ އެވެ. ރާއްޖޭގެ މިއުޒިކް ލޭބަލެއް ކަމަށްވާ ވިލޯ ރީކޯޑްސްއާ އެކު މިވަގުތު މަސައްކަތްކުރަމުން އަންނަ މި ޒުވާނާ ބުނަނީ ރާއްޖޭގައި އޭނާ ކަހަލަ ހުނަރުވެރިން ވަރަށް ބައިވަރު އެބަތިބި ކަމަށެވެ. އަދި ރާއްޖޭގެ ލަވައިގެ ދުނިޔެ، ދުނިޔޭގެ ސްޓޭޖާ ހަމަ އަށް ގެންދެވޭވަރުގެ ހުނަރުވެރިން ވެސް އޭގެ ތެރޭގައި އެބަތިބި ކަމަށެވެ.
"އެކަމަކު ރާއްޖޭގެ މިއުޒިކް މިއޮތް ގޮތަށް، ކުރިނާރައި އޮންނަ އެންމެ ބޮޑު ސަބަބަކީ އަދިވެސް، ހަމައެކަނި އެންމެ ރީޒަންއަކާ ހެދި. އެއީ ކޮޕީ ރާގު ހަދައިގެން ކޮޕީ ރާގަށް ލަވަކިޔާތީ،" ޔާނި ބުންޏެވެ.
"ކޮޕީ ރާގަށް ލަވަކިޔައި ޕްރޮމޯޓްކުރީމަ، މެއިންސްޓްރީމް މިއުޒިކަކަށް، ލަވައަކަށް ވެފައި އޮންނަނީ ހުސް ކޮޕީ ރާގުގެ ދިވެހި ލަވަ. އެގޮތަށް މެއިންސްޓްރީމް ޕްލެޓްފޯމް ކޮޕީ ރާގަށް ލިބުނީމަ އަމިއްލަ މިއުޒިކް އަދި އަމިއްލަ މިއުޒިކް އުފައްދާ ޒުވާނުންނަކަށް ފުރުސަތެއް ނުލިބޭ މެއިންސްޓްރީމުން. އަދި އެ މީހުންގެ އަމިއްލަ މަސައްކަތް މެއިންސްޓްރީމުން ބަލައިނުގަނޭ."
"އެ ހިސާބުން ކޮފީ ރާގު ވަނީ މީހުން ބަލައިގަންނަ ސްޓޭންޑަޑަކަށް. އެއީ އެންމެ ބޮޑު ސަބަބަކީ ދިވެހިން، އެމީހުންގެ އަމިއްލަ ރާގުތަކާއި އާޓިސްޓުން އެޕްރެޝިއޭޓްނުކުރާ ސަބަބަކީ. ކޮޕީ ރާގު އެއްކޮށް ހުއްޓާލައިފި ނަމަ ދިވެހި ރާއްޖޭގެ މިއުޒިކް ސީން ވަރަށް އަވަހަށް ކުރިއަރައިގެންދާނެ."
"އެއީ ޔާނި އާއި ވިލޯ ރިކޯޑްސް އިން ވެސް ބޭނުންވާ ގޮތަކީ. ދިވެހި އަމިއްލަ ރާގާއި ލަވައިގެ ސްޓެންޑަޑެއް އުފެއްދުން. ބެންޗުމާކެއް ކްރިއޭޓުކުރުން. ކޮޕީ ނުކޮށް އަމިއްލަ ކޮލިޓީ ލަވަ އާއި ރާގު އުފައްދައިގެން ގެނެސްދިނުން."
ޔާނިގެ އުއްމީދަކީ މިއެވެ. އޭނާ ބުނަނީ އެނބުރި މާލެ އައިސް ރިސޯޓް މިއުޒިކަށް ހުސްވެ ހުންނަ އާޓިސްޓަކަށް ވުމަށް އޭނާ ބޭނުން ނުވާ ކަމަށެވެ. އެކަމަކު އޭނާގެ ހުވަފެނަކީ "ދިވެހި ލަވަ އާއި މިއުޒިކް" އައު ހަރުފަތަކަށް ގެންގޮސް ދިނުން ކަމަށެވެ.