އިތުރު ފިލްމެއް ކުޅޭނެކަން ޔަގީނެއް ނޫން: ކަރިޝްމާ
އިތުރު ފިލްމެއް ކުޅޭނެކަން ޔަގީނެއް ނޫން: ކަރިޝްމާ

އެކްޓަރު ކަރިޝްމާ ކަޕޫރު ފިލްމީ މަސައްކަތް ނުކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އަދި އަލުން ފިލްމީ ދުނިޔެއަށް އެނބުރި އަންނާނެކަމުގެ ޔަގީންކަމެއް ވެސް ނެތެވެ. އޭނާ ބުނަނީ ދިރިއުޅުމުގެ އެއްވެސް ކަމެއް ރާވައިގެން ކުރުމަކީ އެއް އިރެއްގައި ވެސް އޭނާގެ އާދައެއް ނޫން ކަމަށެވެ.

ކަރިޝްމާ ބުނި ގޮތުގައި މި ވަގުތު އޭނާއަށް މުހިއްމީ އާއިލާ އާއި ކުދިންނެވެ. އަދި ބައެއް އިޖްތިމާއީ މަސައްކަތްތައް ކުރާ ކަމަށާއި އެފަދަ މަސައްކަތް ކުރުން މަތީ ދެމިހުންނާނެ ކަމަށް ވެސް ބުންޏެވެ.

"އަހަރެން އަބަދުވެސް އުޅެނީ ވަރަށް ބިޒީކޮށް. އަހަރެން ދަރިން ބަލަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން. އިވެންޓްތަކަށް ދަށް. ބްރޭންޑްތަކުގެ އިޝްތިހާރު ކުޅެން. ނަމަވެސް ފިލްމެއް ކުޅޭކަމުގެ ޔަގީންކަމެއް މި ވަގުތަކު ދެވޭކަށް ނެތް،" ކަރިޝްމާ ބުންޏެވެ.

ކަރިޝްމާ، 42، ފިލްމީ ދުނިޔެއަށް ނުކުތީ އުމުރުން އެންމެ 17 އަހަރުގައި، 1991ގައި، ނުކުތް "ޕްރޭމް ގައިދީ" އިންނެވެ. އޭގެ ފަހުން ވަރަށް ގިނަ ކާމިޔާބު ފިލްމުތަކެއް ކުޅެ 1990 ގެ އަހަރުތަކުގައި ފިލްމީ ދުނިޔޭގެ އެންމެ އުހަށް އެރި އެވެ.

ނެޝަނަލް އެވޯޑު ވެސް އެއް ފަހަރު ހޯދި ކަރިޝްމާ ކައިވެނިކޮށް ދަރިން ލިބުނު ފަހުން ފިލްމީ ދުނިޔެއަށް އެނބުރި އައިސް 2013 ގައި "ޑޭންޖަރަސް އިޝްގް" ކިޔާ ފިލްމެއް ކުޅުނެވެ. ނަމަވެސް އެ ފިލްމު ފްލޮޕްވުމުން އިތުރަށް ފިލްމެއް ކުޅުމުގެ ވިސްނުން ކަރިޝްމާ ދޫކޮށްލީ ކަމަށް ބެލެވެ އެވެ.

ކަރިޝްމާ ފިލްމު ކުޅެން ބޭނުން ނުވާ ކަމަށް ބުނެފައިވަނީ ވަރުން ދަވަން އާއި ތާޕްސީ ޕަންނޫ އަދި ޖެކްލީން ފެނާންޑީސްގެ "ޖުޅްވާ 2" ގައި މެހެމާނެއްގެ ރޯލު އޭނާ އަދާކުރާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

ނަމަވެސް މި ރޯލު ގަބޫލުނުކޮށް ދޫކޮށްލާފައިވާ ކަމަށް އޭނާ ނުބުނެ އެވެ. އެއްވެސް ކަމެއް ކުރަނީ ރާވައިގެން ނޫން ކަމަށާއި ފަހުން ވާނެ ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ ކަމަށް ވެސް ބުންޏެވެ.

ކަރިޝްމާ އޭނާގެ ދެ ކުދިންގެ ބައްޕަ ސަންޖޭ ކަޕޫރު ކައިރިން މި އަހަރު ކުރީކޮޅު ވަނީ ވަރިވެފަ އެވެ. އެކަމަކު ދެ ދަރިން ބެލުމުގެ ޒިންމާ ނަގަނީ އޭނާ އެކަންޏެވެ.

ކަރިޝްމާ މިހާރު އުޅެނީ ސަންދީޕް ތޮޝްނިވާލް ކިޔާ މީހަކާ ރައްޓެހިވެގެން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. އަދި ދެ މީހުން އެކުގައި ބޭރު ތެރޭގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތައް ވެސް ނޫސްތަކުގައި ޖެހި އެވެ. މި ދެ މީހުން ރައްޓެހިވެގެން އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް ބޭރަށް އެކުގައި ނުކުންނަން ފެށީ އަދި ކިރިޔާ އެވެ.

ސަންދީޕް އަކީ އިންޑިއާގެ މަޝްހޫރު ފާމަސޫޓިކަލް ކުންފުންޏެއްގެ ސީއީއޯއެކެވެ.