22 ފެބުރުއަރީ 2022 - 09:51

ނިއު ޒީލެންޑުގެ އަންހެން ފުޓުބޯޅަ ޓީމުގެ ޑިފެންޑަރު މިކޭލާ މޫރް ގައުމީ ޓީމަށް ކުޅެދިން 50 ވަނަ މެޗުގައި ބައިކޮޅަށް ތިން ގޯލު ޖަހައިފި އެވެ.
އެމެރިކާގައި ކުރިޔަށްދާ ޝީބިލީވްސް ކަޕުގައި ނިއު ޒީލެންޑުން އެމެރިކާއާ ދެކޮޅަށް އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އެމެރިކާ މޮޅުވީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ތިން ލަނޑަކީ ނިއު ޒީލެންޑުގެ 25 އަހަރުގެ މޫރް އަތުން ބައިކޮޅަށް ވަން ޕާފެކްޓް ހެޓްރިކެކެވެ. ފުރަތަމަ ލަނޑު ފަސްވަނަ މިނިޓުގައި އޭނާގެ ކަނާތު ފައިގައި ޖެހިފައި ވަންއިރު، ޖެހިގެން އައި މިނިޓުގައި ބައިކޮޅަށް ގޯލު ވަނީ އޭނާގެ ބޮލުގައި ޖެހިފަ އެވެ. އަދި ވާތު ފައިގައި ޖެހިފައި ތިންވަނަ ލަނޑު ވަނީ 36 ވަނަ މިނިޓުގަ އެވެ.
ބައިކޮޅަށް ތިން ލަނޑު ވަނުމާ އެކު މެޗުގެ 40 ވަނަ މިނިޓުގައި މޫރް ވަނީ ބަދަލު ކޮށްފަ އެވެ. އެމެރިކާގެ ޓީމުން އަނެއް ދެ ލަނޑު ޖެހީ ދެވަނަ ހާފުގަ އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕް އަންހެން ޗެމްޕިއަން އެމެރިކާ ވަނީ މި މޮޅާ އެކު އެ ޓީމުގެ އަމިއްލަ ގައުމުގައި ބަލި ނުވެ 64 މެޗު ހަމަކޮށްފަ އެވެ. މީގެ ތެރެއިން އެއްވަރުވީ ހަތް މެޗުންނެވެ.
ލިވަޕޫލުގެ އަންހެން ޓީމަށް ކުޅޭ މޫރް މިހާތަނަށް ގައުމީ ޓީމަށް 50 މެޗު ކުޅެދިންއިރު އޭނާ ވަނީ ގައުމީ ޓީމަށް ތިން ގޯލު ޖަހައިދީފަ އެވެ. ގައުމީ ޓީމަށް 2013 ވަނަ އަހަރު ކުޅެން ފެށި ކުޅުންތެރިޔާ 2015 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްކޮޑުގައި ހިމެނުނު ނަމަވެސް މެޗެއް ނުކުޅެ އެވެ. އަދި ވޯލްޑް ކަޕް 2019 އޮތްއިރު އޭނާ ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ.
މެޗަށް ފަހު ނިއު ޒީލެންޑުގެ ކޯޗު ޖިޓްކާ ކިމްކޯވާ ބުނީ މޫރް އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި، އޭނާގެ ހިއްސާ ޓީމަށް ބޮޑު ކަމަށެވެ. އަދި ކުޅުންތެރިޔާ އަށް މިއީ ހިތާމަވެރި ވަގުތެއް ކަމަށާއި، ނަމަވެސް ޓީމު އޮތީ އޭނާއާ އެކު ކަމަށެވެ.
އެމެރިކާގެ ކޯޗު ވްލަޓްކޯ އަންޑޮނޮވްސްކީ ވަނީ، ބައިކޮޅަށް ވަން ތިން ބޯޅައިގައި ވެސް މޫރް ދިފާއަށް އަރާ ހުރީ، ޑިފެންސް ކުރަން އެންމެ ރަނގަޅު ޕޮޒިޝަނުގައިކަން ފާހަގަ ކޮށްފަ އެވެ.