21 ފެބުރުއަރީ 2022 - 22:30

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއިން ކޮވިޑް ޖެހުނު 79 މީހުންނާއެކު މުޅި ރާއްޖެއިން ބަލި ޖެހުނީ 656 މީހަކަށް ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.
އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން އެންމެ ފަހުން ނަގާފައި ވަނީ 4191 ސާމްޕަލް އެވެ. އޭގެ ތެރެއިން 1161 ސާމްޕަލަކީ މާލެއިން ނެގި ސާމްޕަލްގެ އަދަދެވެ.
އެންމެ ފަހުގެ ނަތީޖާ ދައްކާ ގޮތުން މާލެއިން 79 މީހުންނާއި ރަށްރަށުން 497 މީހުންނާ އެކު ދެން ޕޮޒިޓިވްވީ ރިސޯޓުތަކުން 48 މީހެކެވެ.
މިއާ އެކު ކޮވިޑް ޖެހުނު ޖުމްލަ އަދަދު 165،729 އަށް އަރާފައިވާއިރު އޭގެ ތެރެއިން 150،436 މީހުން ބަލިން ރަނގަޅުވެފައިވާތީ އެކްޓިވް ކޭސްތަކުގެ އަދަދު އުލެނީ 14،988 ގަ އެވެ.
ފާއިތުވި 24 ގަޑިއިރު ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދަށް މާބޮޑު ބަދަލެއް ނާދެ އެވެ. އިއްޔެ އެ އަދަދު 24 ގައި ހުރިއިރު މިއަދު ހުރީ 23 ގަ އެވެ. އަދި މިއަދު ކޮވިޑްގައި މަރުވި މީހާ އާ އެކު ބަލީގައި މަރުވި މީހުންގެ ޖުމްލައަކީ ވެސް 292 އެކެވެ.
މިވަގުތު މާލޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ ހަތް ޕަސެންޓްގަ އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް އަނެއްކާ ވެސް ދަށްވެފައިވާތީ އެޗްޕީއޭ އިން މިރޭ ވަނީ ކުރިން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިދީފަ އެވެ. އޭގެ ތެރޭގައި ކޮވިޑު ޕީސީއާރު ޓެސްޓްކޮށްގެން މާލެއިން ފުރަން މަޖުބޫރުކޮށްފައި އޮތް އޮތުމާއި އެއްވެ އުޅުމާއި ހަފުލާތަކާއި އިވެންޓްތަކުގައި އެއްފަހަރާ ބައިވެރިވެވޭނެ މީހުންގެ ލިމިޓް އުވައިލުމާއި ކުޅިވަރު މުބާރާތްތަކަށް މީހުންނަށް ނުވަދެވޭ ގޮތަށް އޮތް އޮތުން ވެސް ވަނީ އުވާލައިފަ އެވެ.