21 ފެބުރުއަރީ 2022 - 21:51

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، ދޫވެފައި ހުރި މީހަކު، އެ ވިޔަފާރީގައި ބައެއްގެ އަތުން 160،000ރ. ނެގުމަށް ފަހު އެ މީހުންނަށް "ލަނޑުދީފައި" އިދާރާތަކަށް ވެސް ފިލައިގެން ރާއްޖެ އިން ބޭރަށް ހިނގައްޖެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 30 ގައި ރާއްޖެ އިން ފިލައިގެން ދިޔައީ ގއ. ދެއްވަދޫ، އަބްދުﷲ ޖުނައިދު، 37 އެވެ.
މަސްތުވާތަކެތީގެ ވިޔަފާރީގައި ބަޔަކަށް ލަނޑުދޭން އޭނާ ފުލުހުންނަށް ވެސް ފުރަތަމަ އޮޅުވާލީ އެވެ. ތިން ކިލޯގެ މަސްތުވާތަކެތި ބަޔަކަށް ވިއްކަން އެއްބަސްވެ، އެ މީހުންގެ އަތުން ފައިސާ ނެގީ އެވެ. އެކަމަކު އެ މަސްތުވާތަކެތި އެ މީހުންނަށް ނުދޭން ވެގެން ނުވަތަ ދެވެން ނެތިގެން ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށް، ސަލާމަތްވާނެ ގޮތުގެ ޕްލޭނެއް ރޭވީ އެވެ.
އެ ޕްލޭނުގައި ފުލުހުން ޖައްސައި، ފަހުން ފަޅާއަރައި ހައްޔަރުކުރުމުން ވެސް ކޯޓުގެ ހަމްދަރުދީއާ އެކު ބަންދުން ދޫވެ އިދާރާތައް ގާނޫނީ ނިޒާމުގެ "ވާނުވާގައި" ތިއްބައި ފިލީ އެވެ. ދިގު މުއްދަތުގެ ޖަލު ހުކުމެއް އޮތް ޖުނައިދު ދޫވި ގޮތެއް ފުލުހުންނަށް މިއަދު ބުނެދޭކަށް ނޭނގުނެވެ. އޭނާ މި ފަހުން ހައްޔަރުކޮށް ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްފައި ހުއްޓައި ފުރައިގެން އެހާ ފަސޭހަ އިން ދެވުނުއިރު، ކޯޓުން ކުރި ޝަރުތުތަކުގެ އެންމެ ފުރަތަމަ އަށް ވެސް އޮތީ ރާއްޖެ އިން ބޭރަށް ނުދިއުމެވެ.
ޖުނައިދުގެ ކޭސް ފުރަތަމަ މީޑިއާއަށް ފެންމަތިވެގެން އައީ ނީލަން ފިހާރަ ކައިރިން ތިން ކިލޯގެ ހަޝިޝް އޮއިލްއާ އެކު ބިދޭސީއަކު ހައްޔަރުކޮށްފި ކަމަށެވެ. މިއީ، ޖުނައިދު ގަސްތުގައި އޮޅުވާލަން ބަޔަކަށް އެ ވާހަކަ ކިޔައިދީގެން ރިޕޯޓްކުރުވި ގޮތެއް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
މީޑިއާތަކަށް 'އެމްވީކްރައިސިސް' މެދުވެރިކޮށް އެކަން ރިޕޯޓްކުރުވުމަށް ފަހު،ވ ޖުނައިދު ވަނީ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް ވެސް ނީލަން ފިހާރަ ކައިރީގައި މަސްތުވާތަކެތި ހުރި ފޮށިގަނޑެއް ފެނުނު ކަން ރިޕޯޓްކޮށްފަ އެވެ.
ފުލުހުން އެ ފޮށިގަނޑު ނަގައިގެން ދިޔައިރު ޖުނައިދަށް ތުހުމަތެއް ނުކުރެ އެވެ. ފުލުހުން ތަހުގީގު ފެށުމުން ޖުނައިދު ދިޔައީ ހުޅުމާލެ އަށެވެ.
- މައްސަލަ ރިޕޯޓްކުރި ރޭ އިރާކޮޅު ގެސްޓް ހައުސްއެއް ކުއްޔަށް ހިފި.
- ބަރުދަން ބަލައި ފިހާރައަކުން އެމަރޯން ޝޭމްޕޫ ފުޅިތަކެއް ގަތް.
- މައްޗަންގޮޅި ސަހަރާ ކައިރިއަށް ގޮސް 4،500 ރުފިޔާގެ ކެނަބިސް ގަތް.
- މާލޭ ގްރޭންޑް ކުރިމަތީ ހުރި ފިހާރައަކުން ފެން ހޫނުކުރާ ދެ ޖަގު ގަތް.
- އެނބުރި ގެސްޓް ހައުސްއަށް ވަނީ ކަޅު ކޮތަޅެއް ގަނެގެން.
- އިރުގަނޑެއް ފަހުން ދެ ޖަގު ހިމެނޭ ފޮށިގަނޑު ކޮތަޅަށް ލައިގެން ގެސްޓް ހައުސް އިން ނުކުތް.
- އޭނާ އެ ފޮށިގަނޑު ގެންގޮސް ބެހެއްޓީ ނީލަން ފިހާރަ ކުރިމަތީގައި އޮތް ޕިކަޕެއް ކައިރީގައި.
- ޕެޓްރޯލްކުރާ ފުލުހުންތަކަކާ ބައްދަލުކޮށް ފޮށިގަނޑުގެ މައުލޫމާތު ރިޕޯޓްކުރި.
- ތަހުގީގު ފެށުމުން ދިޔައީ ހުޅުމާލެއަށް
އޭނާ ހުޅުމާލެ އަށް ދިޔައީ ފުލުހުން ތުހުމަތުކުރާ ގޮތުގައި މަސްތުވާތަކެތި ގަތުމަށް ފައިސާ ނެގި ތިން މީހުން ގުޅައިގެންނެވެ. އެ ތިން މީހުންގެ އަތުގައި އެނާ ޖެހުމާ އެކު ރަހީނުކުރީ އެވެ.
އޭނާ ދޫކޮށްލެވޭނެ ގޮތަކީ ފައިސާ އަނބުރާ ދިނުން ކަަމަށް ބުނެ އެ މީހުން ގުޅީ ޖުނައިދުގެ ބޭބައަށެވެ. އެކަމަކު އެ އަދަދަށް ފައިސާ އެ ވަގުތު ނެތް ކަމަށާއި 10،000ރ. ދެވިދާނެ ކަމަށް ބުނުމުން ދޫކޮށްލަން އެއްބަސްވީ އެވެ.
އެ ތިން މީހުން ޖުނައިދު ގޮވައިގެން ދެން ދިޔައީ އޭނާގެ ބޭބެ ހުރި ތަނަށެވެ. އޭރު ފުލުހުން ތިބި ތަން ފެނިފައި ވާހަކަ ބަދަލުކޮށް ފައިސާގެ މައްސަލައެއް ޖެހުނީ ކަަމަށް މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެ އެންމެންގެ ވެސް ބަޔާން ތަހުގީގަށް ނެގި އެވެ.
އޭނާ އަށް އެކަނި ގެއަށް ދާން ނުކުރޭނެ ކަމަށް ބުނުމުން ފުލުހުން އެހީ ވެސް ވި އެވެ. އެކަމަކު ޖެހިގެން އައި ދުވަހު އޭނާ އުޅުނީ ފުރައިގެން ރާއްޖެ އިން ދާށެވެ. ޖުނައިދު ހައްޔަރުކުރީ ފުލުހުން ބުނި ގޮތުގައި ޓިކެޓް ނަގައިގެން ފުރަން ގޮސް ޑިސެމްބަރު 29 ވަނަ ދުވަހު ހުޅުލޭ އައިލެންޑް ހޮޓަލުގައި ހުއްޓަ އެވެ.
މުއްދަތު އިތުރުކުރަން ޖެހިގެން އައި ދުވަހު ކޯޓަށް ގެންދިއުމުން އޭނާ ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލީ އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ދޫކޮށްލީ ފުލުހުން ދައްކާ ވާހަކަ ފަނޑިޔާރަށް ގަބޫލުނުކުރެވިގެންނެވެ. ސަބަބުވެރި މީހެއްގެ ވިސްނުން ބަލާއިރު މަސްތުވާތަކެތި ބެހެއްޓި މީހަކު އަމިއްލައަށް އެކަން ފުލުހުންނަށް ރިޕޯޓްނުކުރާނެ ކަމަށް ޖުނައިދު ދޫކޮށްލަން ގާޒީ ނިންނެވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ކޯޓުން ދޫކޮށްލުމާ އެކު ހަމަ އެ ދުވަހު އޭނާ ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފަ އެވެ. އޭނާ ކައިވެނިކޮށްގެން އުޅެނީ ތުރުކީގެ މީހަކާ ކަމަށް ވެ އެވެ.
ފުލުހުން ބުނި ގޮތުގައި ޖުނައިދުގެ ބަޔާން ނެގުން ފިޔަވައި ތަހުގީގު ވަނީ ނިމިފަ އެވެ. އޭނާ އެނބުރި ރާއްޖެ އައުމާ އެކު ހައްޔަރުކުރެވޭ ވަރަށް އޭނާއާ ދެކޮޅު ހެކި ހުރި ކަމަށް ބުންޏެވެ.