21 ފެބުރުއަރީ 2022 - 20:20

ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ، މާލެ އިން ފުރުމުގެ ކުރިން ކޮވިޑް ޕީސީއާރު ޓެސްޓް ހައްދަން ޖެހޭ ގޮތަށް މަޖުބޫރުކޮށްފައި އޮތްއޮތުން އެޗްޕީއޭ އިން އުވާލައިފި އެވެ.
ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ދެންމެ ނެރުއްވި އިއުލާނެއްގައި ވާ ގޮތުން، މާލެ އިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާއިރު، މާދަމާ އިން ފެށިގެން ދެން ޕީސީއާރު ޓެސްޓް ހައްދާކަށް ނުޖެހޭނެ އެވެ.
މިދިޔަ ސްކޫލް ޗުއްޓީ އަށް އަތޮޅުތަކުން ގިނަ ބަޔަކު މާލެ އައިސްފައި ވަނިކޮށް، ޖެނުއަރީ 10 ވަނަ ދުވަހުން ފެށިގެން މާލެ އިން ފުރޭނީ ކޮވިޑް ޕީސީއާރު ޓެސްޓް ހަދައިގެން ކަމަށް އެޗްޕީއޭ އިން އެންގީ ކުއްލި ގޮތަކަށެވެ.
އެކަމަކު އެކަން މަޖުބޫރު ކޮށްފައި އޮތަސް، ރާއްޖެ އިން ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދާން ފެށުމުން، އެ ޓެސްޓް ހެދުމަށް ބައެއް މީހުން މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. އަދި މާލެ އިން ފުރާއިރުގަ އާއި އެހެން ރަށްރަށަށް ދާއިރު ކަމާ ބެހޭ ފަރާތްތަކުން ބެލުމެއް ވެސް ފަހަކަށް އައިސް ނޯވެ އެވެ. އެހެންވެ، އެއީ ނަމަކަށް މަޖުބޫރު ކޮށްފައި އޮތް ކަމަކަށް އޮތީ ވެފަ އެވެ.
މާލެ އިން ރަށްރަށަށް ދަތުރުކުރާއިރު، ޕީސީއާރު ހެއްދުން މަޖުބޫރު ކޮށްފައި އޮތް އޮތުން އުވައިލުމުގެ އިތުރުން ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގައި އެޗްޕީއޭ އިން އަޅާފައިވާ އެހެން ދެ ފިޔަވަޅަކަށް ވެސް މާދަމާ އިން ފެށިގެން ނިމުމެއް އަންނާނެ އެވެ. އެއީ މީހުން އެއްވެ އުޅުމާއި ހަފުލާތަކާއި އިވެންޓްތަކުގައި އެއްފަހަރާ ބައިވެރިވެވޭނެ މީހުންގެ ލިމިޓް އުވައިލުމާއި ކުޅިވަރު މުބާރާތްތަކަށް މީހުންނަށް ނުވަދެވޭ ގޮތަށް އޮތް އޮތުން އުވައިލުމެވެ. އެކަމަކު، ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނަށް އަމަލުކުރަން އެ އިދާރާ އިން އެދެ އެވެ.
އެޗްޕީއޭގެ އުސޫލުގައި އޮންނަނީ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓުން މައްޗަށް އަރައިފި ނަމަ، ޕީސީއާރު ހައްދައިގެން ނޫނީ ދަތުރު ނުކުރެވޭނެ ކަމަށެވެ. އެކަމަކު އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލޭގެ ޕޮޒިޓިވިޓީ ރޭޓް މިހާރު ހުރީ 13 ޕަސެންޓުގަ އެވެ. ނަމަވެސް ކޮވިޑަށް ޓެސްޓްކުރާ އަދަދު މަދުވެ، މާލޭގައި އެ ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ދަށްވެފަ އެވެ.