ނިއުގެ އިންތިހާބު އަންނަ މަހުގެ 6 ވަނަ ދުވަހުގެރޭ
ނިއުގެ އިންތިހާބު އަންނަ މަހުގެ 6 ވަނަ ދުވަހުގެރޭ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަނާއި އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން އިސްތިއުފާ ދެއްވާފައިވާތީ މަގާމްތަކަށް މެމްބަރުން އިންތިހާބުކުރުމަށް އަންނަ މަހުގެ 6 ވަނަ ދުވަހުގެރޭ އިންތިހާބީ ކޮންގްރެސްއެއް ބާއްވަން އެ ކްލަބުން ނިންމައިފި އެވެ.

ނިއުގެ އެގްޒެކެޓިވް ކޮމިޓީގެ ނުވަ މެމްބަރުންގެ ތެރެއިން އަށް މެމްބަަރަކު އިސްތިއުފާ ދެއްވީ، ކްލަބް ހިންގުމަށް އާ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން މުއައްސިސުންނާ އެކު އެއްބަސްވެގެންނެވެ. ކްލަބް މިވަގުތު ހިންގަނީ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް މޫސާ (ޓެޑް) އެވެ.

ނިއު އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، 2017 ޖެނުއަރީ 4 ވާ ބުދަ ދުވަހުގެ ކުރިން، ސިޓީއަކުން އެކަން މިކްލަބުގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވާ" ކަމަށެވެ.

އެނގިފައިވާ ގޮތުގައި ނިއުގެ ޗެއާމަންގެ މަގާމަށް ވާދަކުރައްވާނީ ދިވެހި ސިފައިންގެ ކްލަބުގެ ކުރީގެ ރައީސް މުހައްމަދު ޒިޔާދެވެ. އޭނާއާ އެކު އެގްޒެކެޓިވް ކޮމިޓީއަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންނާއި ނިއުގެ އިސް ސަޕޯޓަރުންތަކެއް ހިމެނެ އެވެ. މީގެ އިތުރުން ބޯޑަށް ވަޑައިނުގެންނެވި ނަމަވެސް ކްލަބަށް ހަރަދުކުރައްވަން ބައެއް ވިޔަފާރިވެރިން ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.

އިންތިހާބު ބޭއްވުމުގެ ތައްޔާރީތަކާ އެކު ނިއު އިން ވަނީ އަންނަ ސީޒަނަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. އެގޮތުން ވަނީ ވެލެންސިއާގެ އަކްރަމް އަބްދުލްގަނީގެ ސޮއި ހޯދައިފަ އެވެ. މީގެ އިތުރުން އެ ކްލަބުން އަންނަނީ މާޒިޔާގެ ގޯލްކީޕަރު އިމްރާން މުހައްމަދާއި ޓީސީގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަދި ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އާ ވެސް ވާހަކަދައްކަމުންނެވެ.

އަލީ ވަހީދުގެ ޗެއާމަންކަމުގެ ދަށުން ނިއު 2012-2014 އަށް ވަރުގަދަ ބާރެއްގެ ގޮތުގައި އޮވެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު މި އަހަރު ހަވާލުވި ބޯޑާ އެކު މި ސީޒަނުގައި ނިއު ފެނިގެން ދިޔައީ ވަރަށް ބަލިކަށިކޮށެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފަސް ވަނަ އަށް ދިޔައިރު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން ފުރުސަތެއް ނުލިބެ އެވެ.

ނިއުގެ ބާނީ ކުއީން އަހުމަދު ވަހީދާއި ވިޔަފާރިވެރިޔާ މުހައްމަދު ވަހީދުއްދީން އަދި ކާމިނީޕޫލް ހަސަން މަނިކުގެ ދުވަސްތަކަށް ފަހު، ދެހާހުގެ އަހަރުތަކުގައި އެ ކްލަބް ގިނަ ދުވަސްތަކެއްވަންދެއް ހިންގެވީ އަލީ އާޒިމެވެ. އޭގެ ފަހުން އަލީ ވަހީދު ހަވާލުވި ނަމަވެސް އަބަދުވެސް ކްލަބުގެ ބޯޑުގައި ކުއީން ވަހީދުގެ އާއިލާގެ ބޭފުޅުން ތިއްބަވަ އެވެ.