22 ފެބުރުއަރީ 2022 - 06:28

ތެލުގޫ ފިލްމީ ތަރި އަދި މިހާރު ސިޔާސީ ދާއިރާގައި ވެސް މަަސައްކަތް ކުރަމުން އަންނަ ޕަވަން ކަލްޔާން އޭނާގެ ސިޔާސީ މަސައްކަތަކަށް، ނަރަސަޕުރަމް އަށް ގޮސް އުޅެނިކޮށް ބޮޑު އަނިޔާއެއް ނުލިބި ކިރިޔާ ސަލާމަތްވެއްޖެ އެވެ.
އޭނާގެ ކާރު ވަށާލައިގެން ސަޕޯޓަރުން ތިބި އިރު، އެއްވެފައި ތިބި މީހުން ދެކިލަން އޭނާ އެރީ އޭނާގެ ކާރުގެ މައްޗަށެވެ. އެތަނަށް އަރާ ހުރެ އެންމެނަށް އަތް ހޫރަމުންދަނިކޮށް ކުއްލިއަކަށް ޕަވަންގެ ފަހަތުން ކާރުގެ މައްޗަށް ސަޕޯޓަރަކު އަރައި އޭނާއާ ބައްދާލަން އުޅެނިކޮށް ކަހާލައިގެން ޕަވަން ވެއްޓުނީ ކާރު މައްޗަށެވެ. އަދި އޭނާގެ ސަޕޯޓަރު ވެއްޓުނީ ބިން މައްޗަށެވެ.
އެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެއިން ފެންނަ ގޮތުގައި ބިން މައްޗަށް ވެއްޓުމާ އެކު ތެދުވެގެން އަވަހަށް ކާރުގެ އެތެރެ އަށް ވަންނަން އޭނާ މަސައްކަތްކުރާ ތަން ފެނެ އެވެ. އެކަމެއް ހިނގީ އެތަނުގައި އޭނާގެ ބޮޑީގާޑުން ވެސް ތިއްބާ ކަމަށް ބެލެވެ އެވެ.
"ޕޮލިސްވާލާ ގުންޑާ" އަދި "ސަރްދާރު ގައްބަރު ސިން" އާއި "ޝިވަމް" ފަދަ ފިލްމުތަކުން ފެނުނު ޕަވަންގެ ކުރިއަށް އޮތް ފިލްމަކީ "ބީމްލާ ނަޔަކް" އެވެ. ތެލުގޫ އެ ފިލްމަކީ މަލަޔާލަމް ބްލޮކްބާސްޓާ "އަޔަޕަންނުމް ކޮޝިޔުން" ގެ ރިމޭކެކެވެ.