22 ފެބުރުއަރީ 2022 - 06:23

މަޝްހޫރު ކޭ-ޑްރާމާ "ސަމްތިން އިން ދަ ރެއިން" ގެ އިންޑިއަން ރިމޭކެއް ހަދަން ނިންމާފައިވާ ކަން އިއުލާންކޮށްފި އެވެ.
ޑައިރެކްޓަރު އަން ޕަން ސިއޯކް ޑައިރެކްޓްކޮށް 2018 ވަނަ އަހަރު ނެރުނު، "ސަމްތިން އިން ދަ ރެއިން" އަކީ ޖަންގް ހޭ އިން އާއި ސޮން ޔެ ޖިން ލީޑު ރޯލުން ފެނުނު 16 އެޕިސޯޑުގެ ޑްރާމާއެކެވެ.
ކޮރެއާ އާއި ކޭ-ޑްރާމާ އަށް ލޯބިކުރާ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ އެ ޑްރާމާ ނެޓްފްލިކްއިން ވެސް ބެލެ އެވެ. އެއީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ މިނިވަން އަންހެނަކު އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ބޭބެ އަށް ހިތްދެވިގެން ދެން ހިނގާ ކަންތައްތަކެއް ދައްކާ ލޯބީގެ ޑްރާމާއެކެވެ.
ކޮރެއާގެ ޖޭޓީބީސީ ސްޓޫޑިއޯ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ސްޓޫޑިއޯ އާ ގުޅިގެން އިންޑިއާގެ ޑިޖިޓަލް އެންޓަޓެއިންމަންޓް ކުންފުންޏެއް ކަމަށްޗާ "ޕޮކެޓް އޭސެސް" އިން "ސަމްތިން އިން ދަ ރެއިން" ގެ ރިމޭކެއް އުފެއްދުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އިންޑިއާގައި މި ޑްރާމާގެ ރިމޭކް ނެރުމަށް މަސައްކަތްކުރާ ޕޮކެޓް އޭސެސް އަކީ އިންޑިއާގެ އެންމެ ބޮޑު އެއް ޑިޖިޓަލް އެންޓަޓެއިންމަންޓް ކުންފުންޏެވެ. އެ ކުންފުނީގެ އެންމެ ކާމިޔާބު އެއް ޝީރީޒަކީ "ލިޓްލް ތިންސް" އެވެ. ނެޓްފްލިކްގައި ޝޯ އަށް ލިބުނު ތަރުހީބުގެ ސަބަބުން އޭގެ ހަތަރު ސީޒަނެއް ގެނެސްދިނެވެ.
ކޮރެއާ ޑްރާމާއެއްގެ ރިމޭކެއް އިންޑިއާއިން ހަދަން ތައްޔާރުވަމުން އަންނައިރު، އެ ޑްރާމާގެ ލީޑު ރޯލުން ފެންނާނެ ތަރިންނެއް އަދި ނޭނގެ އެވެ. އަދި ޝޯ އެ ޑްރާމާ ބެލޭނެ ދުވަހެއް ވެސް ހަމާއެއް ނުކުރެ އެވެ.