އުމުރުން 50 އަހަރު ވަންދެން ކުޅެވިދާނެ: އިބްރަހިމޮވިޗް
އުމުރުން 50 އަހަރު ވަންދެން ކުޅެވިދާނެ: އިބްރަހިމޮވިޗް

މެންޗެސްޓާ (ޑިސެމްބަރު 19) – އުމުރުން ދުވަސްވާ ވަރަކަށް އޭނާގެ ކުޅުން ރަނގަޅުވާނެ ކަމަށާއި އުމުރުން 50 އަހަރު ވަންދެއް ކުޅެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.

މި އަހަރު 35 އަހަރު ފުރިފައިވާ އިބްރަހިމޮވިޗް ވަނީ މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް 25 މެޗުން 16 ގޯލް ޖަހައިދީފަ އެވެ.

"އަހަރެން މިހާރު މި އަންނަނީ ޔުނައިޓެޑަށް ހޭނެމުން. އަހަރެން ވަރަށް ހިތްހަމަޖެހިގެން މިހިރީ. އުމުރުން މިހާރު ތިރީސް ފަހެއްވީ ނަމަވެސް އަހަރެންގެ ސިކުނޑީގައި އަހަންނަށް 20 އަހަރު. އަހަންނަށް ހީވަނީ 50 އަހަރު ވަންދެއް ކުޅެވިދާނެހެން،" އިބްރަހިމޮވިޗް ބުންޏެވެ. " އަހަރެން މުސްކުޅި ވާވަރަކަށް ދާނީ މޮޅުވަމުން."

މީގެ ކުރިން ނެދަލެންޑްސް ލީގާއި އިޓާލިއަން ލީގާއި ސްޕެނިޝް ލީގު އަދި ފްރެންޗް ލީގުގައި ވެސް ކާމިޔާބު ހޯދާފައިވާ އިބްރަހިމޮވިޗް އަންނަނީ ޕްރިމިއާ ލީގުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި އޭނާގެ ގޯލްތަކާ އެކު ޔުނައިޓެޑް އަންނަނީ މަޑުމަޑުން ފޯމަށް އެޅެމުންނެވެ.

"އަހަރެން ވަރަށް ގިނަ ގައުމުތަކެއްގެ ވަރަށް ގިނަ މުބާރާތްތަކެއްގައި ކުޅެފިން. މީގައި މުހިއްމު ކަމަކީ އެ ގައުމެއްގެ ފުޓްބޯޅައަށް މީހާގެ ހަށިގަނޑު ހޭނުން،" އިބްރަހިމޮވިޗް ބުންޏެވެ.