21 ފެބުރުއަރީ 2022 - 15:10

ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ މައާފުކޮށްދޭން މާލެ ސިޓީ ކައުންސިލުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިއްޖެ އެވެ.

ވިލިމާލޭގައި ހުންނަ ސިނަމާލެ 4 ގެ އޮފީސް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ ސިނަމާލޭގެ ހަ ފްލެޓެއްގެ ޖޫރިމަނާ މައާފުކުރުމަށް ފެންނާތީ އެކަން މިދިޔަ ހަފުތާގައި ރައީސަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެ ފްލެޓުތަކުގެ އިތުރުން ހުޅުމާލޭ ފްލެޓުތަކުގެ ޖޫރިމަނާ މައާފުކޮށްދިނުމަށް ވެސް ސިޓީ ކައުންސިލުން އެދިފައިވެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ އަށް ބޮޑު އަދަދެއް އަރާފައިވާ ކަމަށެވެ. އޭގެ ސަބަބުން، ފްލެޓުގެ މަހު ކުލި ދެއްކުމަށް ވެސް ގިނަ ބަޔަކަށް ދަތިވެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ޖޫރިމަނާއާ އެކު ކުލި މި ދެއްކެނީ. އެކަމަކު ޖޫރިމަނާ ނުދެއްކޭތީ ކުލި ވެސް ނުދައްކާ މީހުން އެބަ އުޅޭ. އެ މީހުންނަށް ލުއި ފަސޭހަ ގޮތެއް ހަމަޖައްސައިދިނުން ބޭނުމަކީ،" މޭޔަރު ވިދާޅުވި އެވެ.
ވިލިމާލޭ ފްލެޓު ލިބުނު މީހުންނަށް، ފްލެޓު އަމިއްލަ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ވެސް ވަނީ ފަށައިފަ އެވެ. ނަމަވެސް މޭޔަރު ވިދާޅުވީ އެކަން ކުރާނީ ޖޫރިމަނާ އަށް ކޮންމެ މަހަކު 500ރ. ދައްކައި އަދި ކުލީގެ ގޮތުގައި 2،390ރ. ދައްކާ ގޮތަށެވެ.
މުއިއްޒު ވިދާޅުވީ ފްލެޓު ޖޫރިމަނާ މައާފުކޮށްފި ނަމަ، ޖޫރިމަނާގެ ގޮތުގައި ދައްކާފައިވާ 500ރ. ކަނޑާނީ ފްލެޓުގެ އަގުންނެވެ.
ވިލިމާލޭގައި ސިޓީ ކައުންސިލުން ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމާއި ވިލިމާލެ ވަގުތީ މާރުކޭޓުގެ ބިންގާ އަޅައިފަ އެވެ. އޭގެ އިތުރުން، މަގުމަތީ ރޭމްޕްގެ މަސައްކަތް ވެސް ފަށާފައިވެ އެވެ.
މާރުކޭޓާ ގުޅޭގޮތުން މޭޔަރު ވިދާޅުވީ ވަގުތީ މާރުކޭޓުގެ ނަން ދިން ކަމުގައި ވިޔަސް ދުރު ރާސްތާގައި ތަރައްގީގެ ބޮޑު މަޝްރޫއުތައް އަންނައިރު ވެސް އެތަން ބޭނުންކުރެވޭނެ ކަމަށެވެ.
ރޯދަ މަސް ފެށެން ވާއިރަށް މާރުކޭޓު ނިންމައި، ގޮޅިތައް ލިބޭނެ މީހުން ކަނޑައަޅައި ރޯދަ މަހަށް ބޭނުންކުރަން ފެށޭނެ ކަމުގެ ޔަގީންކަން ސިޓީ ކައުންސިލުން ދީފައިވެ އެވެ.