އާ ސީޕްލޭން ޓާމިނަލާއެކު 122 ވަޒީފާ
އާ ސީޕްލޭން ޓާމިނަލާއެކު 122 ވަޒީފާ

އާ ސީޕްލޭން ޓާމިނަލް ހުޅުވުމުގެ ކުރިން އެ ތަނުން ގިނަ އަދަދެއްގެ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލަން އެމްއޭސީއެލުން ނިންމައިފި އެވެ.

ރާއްޖޭގައި އެންމެ ގިނަ ދިވެހިން ވަޒީފާއަދާކުރާ، އެމްއޭސީއެލްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އާ ސީޕްލޭން ޓާމިނަލާއެކު އެތަނުން 122 ވަޒީފާގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. މީގެ ތެރޭގައި ހައުސް ކީޕިން އާއި ޓާމިނަލް އޮޕަރޭޝަނަށް ބޭނުންވާ މުވައްޒަފުންނާއި ބިޒްނަސް ލައުންޖާއި އެސެޓް ސެކިއުރިޓީ އަށް ބޭނުންވާ މުވައްޒަފުން ހިމެނެ އެވެ.

މި ހުރިހާ މަގާމަކަށް ވެސް ނަގާނީ ދިވެހިން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މީގެ ތެރެއިން 46 މަގާމަކަށް މީހުން ނެގުމުގެ މަސައްކަތް މިހާރު ވެސް އެމްއޭސީއެލުން އަންނަނީ ކުރަމުންނެވެ. ކުރިއަށް އޮތްތަނުގައި އިތުރު މަގާމުތަކަށް ވެސް އިއުލާން ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އާ ސީޕްލޭން ޓާމިނަލް ބޭނުން ކުރަން ފަށަން އެމްއޭސީއެލުން ތާވަލު ކޮށްފައި ވަނީ އަންނަ އޭޕްރިލް މަހުން ފެށިގެންނެވެ. އެހެންވެ، މިހާރުގެ ސީޕްލޭންގައި ހިދުމަތްދޭ، ޓީއެމްއޭ އަދި މަންޓާ އެއާގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ޓްރާންސް މޯލްޑިވިއަން އެއާވޭސްއިން އަންނަނީ އާ ސީޕްލޭން ޓާމިނަލުގެ ހޭންގަރު ވެސް މިހާރު ބޭނުން ކުރަމުންނެވެ.

އެމްއޭސީއެލުން 58.83 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި މި ޓާމިނަލުގައި 54 ލައުންޖް ހުރެ އެވެ. މިތަން ތަރައްގީކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލު ކޮށްގެންނެވެ.

ދިވެހިން ގެންގުޅުމަށް އެމްއޭސީއެލުން ފެށުނީއްސުރެ ހާއްސަ އިސްކަމެއް ދޭއިރު މިހާރު ވެސް 3،500 އަށް ވުރެ ގިނަ ދިވެހިން އެ ކުންފުނީގައި އުޅެ އެވެ. އަދި އެ މީހުންގެ ކުރިއެރުމަށް ހާއްސަ ސަމާލުކަމެއް ދޭ ކަމަށް ބުނެފައި ވެ އެވެ.