22 ފެބުރުއަރީ 2022 - 06:21

އެޗްބީއޯ މެކްސްއިން ދާދި ފަހުން ނިންމާލި ހިޓް ޓީވީ ސީރީޒް "ޕީސްމޭކާ"ގެ ޑައިރެކްޓަރު އައި ޕްރޮޑިއުސަރު ޖޭމްސް ގަން އާއި އެ ޝޯގެ އެކްޓަރު ޖެނިފާ ހޮލެންޑް އެންގޭޖުވެއްޖެ އެވެ.
ބޮޑެތި ސުޕަހީރޯ ފިލްމުތަކާއި ޝޯތައް އުފައްދައި ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޖޭމްސް، އެންގޭޖުވިކަން އާންމުކޮށްފައި ވަނީ ސޯޝަލް މީޑިއާ އަށް އާންމުކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ޖެނިފާގެ އިނގިލީގައި އަނގޮޓިއެއް އަޅައިގެން އިން ފޮޓޯއެއް ވެސް ހިމެނެ އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޖޭމްސް ވަނީ އެކަން ކަށަވަރު ވެސް ކޮށްދީފަ އެވެ.
ޕީސްމޭކާގެ އިތުރުން "ސުސައިޑް ސްކޮޑް" ގައި ވެސް އެމިލިއާ ހާކޯޓް ނަމަކަށް ކިޔާ ކެރެކްޓާއެއްގެ ރޯލުން ފެނިފައިވާ ޖެނިފާ ވަނީ ޖޭމްސްއާ އެކު ޑީސީގެ ތަފާތު ޕްރޮޖެކްޓުތަކުގައި ކުރިން ވެސް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ދެ ތަރިން ދިމާވެފައި ވަނީ ޝޫޓިންތަކުގެ ތެރެއިންނެއް ނޫނެވެ.
ޖޭމްސް އާއި ޖެނިފާ އެންމެ ފުރަތަމަ ދިމާވީ 2015 ވަނަ އަހަރުގަ އެވެ. އެ ދެ މީހުން ދިމާވީ ޖެނިފާގެ ރައްޓެއްސެއްގެ ފަރާތުންނެވެ. އޭގެ ކުރިން ޖޭމްސް އަކީ ކާކު ކަމެއް އޭނާ އަށް ނޭނގެ އެވެ. އަދި އޭނާ އަކީ ފިލްމު ޑައިރެކްޓަރަކަށް ވުމުން ފުރަތަމަ ޑޭޓަކަށް ދާން ވެސް ކަންބޮޑުވި ކަމަށް ޖެނިފާ ބުންޏެވެ.
އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ ދެ މީހުން ރައްޓެހިވެ، މިހާރު އެންގޭޖުވެފައިވާ އިރު ކައިވެނިކުރާ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.