މޭރީގެ މަރު: މާވިންގެ ޝަކުވާއަކީ ރިމާންޑް ޖަލަކަށް ބަދަލު ނުކުރުން
މޭރީގެ މަރު: މާވިންގެ ޝަކުވާއަކީ ރިމާންޑް ޖަލަކަށް ބަދަލު ނުކުރުން

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން ވާގަސް ފުލުހުންގެ ބަންދުގައި ހުންނަން ޖެހޭތީ އެކަމުގެ ޝަކުވާ ކޯޓުގައި ކޮށްފި އެވެ.

މިދިޔަ އޮކްޓޫބަރު މަހު މޭރީއަށް ހަމަލާދީ މަރާލި މައްސަލާގައި މާވިންގެ މައްޗަށް، އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކުރާއިރު، މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާގެ މައްޗަށް ވެސް އެކަމުގައި ބައިވެރިވުމުގެ ދައުވާ ދައުލަތުން ކުރެ އެވެ. މާވިން އާއި ލަމްހާގެ ޝަރީއަތް މިއަދު ކުރިއަށް ގެންދިޔައީ ވަކިވަކިންނެވެ.

މިއަދުގެ އަޑުއެހުމުގައި މާވިންގެ ވަކީލް އިސްމާއިލް މުހައްމަދު ވިދާޅުވީ މާވިންއާ ބައްދަލު ކުރެވޭނީ އޭނާގެ ވަކީލަކަށް އައްޔަންވުމަށް ފޯމް ހުށަހެޅުމުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެކަމަކު ކޯޓުން އަމުރު ކޮށްފައި އޮތީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން ހިންގާ ރިމާންޑް ޖަލެއްގައި މާވިން ބެހެއްޓުމަށް ކަމަށްވާތީ ފުލުހުންނަށް ހުށަހަޅަންޖެހޭ ފޯމެއް ނޯންނާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އަދި ފުލުހުންގެ ބަންދުގައި މާވިން ގެންގުޅެމުން ދަނީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، އެއީ ވަކީލާ ބައްދަލު ކުރަން ފުލުހުން ހުރަސް އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކީލް އިސްމާއިލް ވިދާޅުވީ މާވިންއަށް ވަކީލާ ބައްދަލު ނުކުރެވޭތީ ކަމާބެހޭ އެކި އިދާރާތަކަށް ޝަކުވާ ހުށަހަޅާފައިވާނެ ކަމަށެވެ. އެހެންވެ، އެކަމަށް ކޯޓުން ފިޔަވަޅު އަޅައިދޭން އޭނާ އެދިވަޑައިގަތެވެ. އަދި އެކަން ނުކުރެވޭ ނަމަ، މާވިން ބަންދުން ދޫކޮށްލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތުން ބުނީ މާވިން ހުރީ ފުލުހުންގެ ބަންދުގައި ކަމަށްވާތީ މާވިންއާ ބައްދަލު ކުރެވޭނީ އެކަމަށް ފުލުހުންގެ ކިބައިން އެދުމުން ކަމަށެވެ. އަދި މާވިންގެ ވަކީލު އެގޮތަށް ފޯމް ހުށަހަޅަން ބޭނުން ނުވުމަކީ ފުލުހުންގެ އެ ފުރުސަތު ނުދިނީ ކަމަށް ބުނެވޭނެ ސަބަބެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި ފުލުހުންގެ ބަންދުގައި މާވިން ހުރީ ރިމާންޑް ޖަލުގައި ޖާގަ ނެތުމުންނެވެ. އަދި ރިމާންޑް ޖަލަށް ބަދަލުކުރަން ކޯޓުން 15 ދުވަހުގެ ފުރުސަތެއް ދީފައިވާ ކަމަށާއި އެކަމަކު ރިމާންޑް ޖަލަށް ބަދަލު ނުކުރެވުމަކީ އެ މީހަކު ބަންދުން ދޫކުރަންޖެހޭ ސަބަބެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

ތަރުޖަމާނެއް މެދުވެރިކޮށް ވާހަކަ ދައްކަމުން މާވިން ވެސް ކުރީ އެ ޝަކުވާ އެވެ. އޭނާ ބުނީ ރިމާންޑް ޖަލަކަށް އޭނާ ބަދަލު ނުކުރުމުގެ އިތުރުން ފުލުހުންގެ ބަންދުގައި އޭނާއަށް ވަކީލާ ބައްދަލު ނުކުރެވޭ ކަމަށެވެ. އަދި ޝަރީއަތް ކުރިއަށް ދާއިރު، ޝަރީއަތުގައި ވަކީލު ބައިވެރިވަނީ އެހެން ތަނެއްގައި ހުރެގެން ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ހުސެން ފާއިޒް ރަޝާދު ވިދާޅުވީ ރިމާންޑް ޖަލަށް ބަދަލު ނުކުރެވުމަކީ ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ. އެކަމަކު މާވިންއާ ވަކީލުންނާ ބައްދަލުކުރަން ފުރުސަތު ނުދިން މައްސަލަ ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ މާވިންއަށް ވަކީލާ ބައްދަލުކުރަން ފުރުސަތު ދިނުމަށް ފަހު ޖަވާބުދާރީވުމުގެ އަޑުއެހުން ބާއްވަވާނެ ކަމަށެވެ. އަދި އަންނަ މަހުގެ 15 ވަނަ ދުވަހު އެކަމަށް އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މާވިން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވާއިރު ލަމްހާ ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މިއަދު ވަނީ އަމުރުކޮށްފަ އެވެ.