21 ފެބުރުއަރީ 2022 - 11:52

އިދިކޮޅުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން އަމާޒުކޮށް، އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައިވާ ބިލާ މެދު އެ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުޅޭތީ، އެ ބިލް މަޖިލީހަށް ހުށަނާޅާއި ބާއްވަން ނިންމާފައިވާ ކަމަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ސިޔާސީ ހަރަކާތް ހިންގުން ހުއްޓުވުމުގެ ބިލް، މި ހަފުތާގައި މަޖިލީހަށް ހުށަހަޅަން ކުރިން ނިންމާފައި ވިޔަސް، މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަޝިޕްގެ އިންތިހާބަށް އިޝާރާތް ކުރައްވައި، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާޒިމް ވިދާޅުވީ، އެ ބިލް ހުށަހެޅުން ފަސްކުރީ ވަގުތީ ގޮތުން ކަމަށެވެ.
"[އެ ބިލު ހުށަހެޅުން ފަސްކުރީ] އެކަމުގައި ވަރަށް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވެސް ހުރުމުގެ ސަބަބުން،" މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ވިދާޅުވި އެވެ.
"ވަކިން ހާއްސަކޮށް، އަޅުގަނޑުމެންގެ މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ސަރުކާރުގެ އެހީތެރިކަމަށް ބޭނުންވާ މެމްބަރުން އެ ބިލާ މެދު ވަރަށް ބޮޑު ހިތްނުތަނަވަސް ކަމެއް އުޅޭ ކަން އަޅުގަނޑަށް ފެނިގެން ދިޔައީ."
އާޒިމްގެ ވާހަކައިން ބޮޑަށް ދޭހަވީ "އިންޑިއާ އައުޓް" ބިލާ މެދު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުގައި ތިއްބެވި މެމްބަރުންނާއި އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުޅޭ ކަމެވެ. އޭނާގެ ވާހަކައިގައި ފާހަގަ ކުރެއްވީ "ސަރުކާރުގެ އެހީތެރިކަމަށް ބޭނުންވާ މެމްބަރުން" ގެ ވާހަކަ އެކަނި ކަމަށް ވުމުން އެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރަން އެ ބޭފުޅުން ބޭނުން ނުވާކަން އާޒިމްގެ ވާހަކަ އިން އެނގެ އެވެ.
ބިލް ތައްޔާރުކުރުމުގައި އިސްކޮށް އުޅުއްވީ ނަޝީދުގެ ފެކްޝަންގެ މެމްބަރުންނެވެ.
"އިންޑިއާ އައުޓް" ބިލް މަޖިލީހަށް ހުށަހެޅުން މި ވަގުތަށް އެމްޑީޕީން މަޑުޖައްސައިލި ނަމަވެސް އެ ބިލްގެ ކަންކަން ކުރިއަށް ގެންދަން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ކުރިން އޮތީ ފާސްކޮށްފަ އެވެ. މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ޕީޖީގެ ބައްދަލުވުމުގައި ނިންމާފައި އޮތީ ބިލުގެ ޑްރާފްޓް މިހާރު އޮތް ގޮތަށް މަޖިލީހަށް ހުށަހަޅައި، ކޮމިޓީ މަރުހަލާގައި އިތުރު ބަދަލުތައް ގެނައުމަށެވެ.
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" އަށް އަމާޒުކޮށް ހެދި އެ ބިލާ ގުޅޭ ގޮތުން އާޒިމް މިއަދު ވިދާޅުވީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން، އެ ބިލާ މެދު ގޮތެއް ނިންމައި އަދި ސަރުކާރާއެކު މަޝްވަރާ ކުރުމަށް ފަހު، މަޖިލީހަށް ފަހުން ހުށަހަޅާނެ ކަމަށެވެ.
މި ބިލު މަޖިލީހަށް ހުށަހަޅަން އުޅުނީ، އިންޑިއާއާ ދެކޮޅު ކެމްޕޭނުން ގެއްލުން ލިބޭ ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދޭން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ވެސް ނަޝީދު ހުށަހަޅުއްވައިފައި ވަނިކޮށެވެ. މި މައްސަލަ ބަލަން ފަށައި، "އިންޑިއާ އައުޓް" ހަރަކާތުން ލިބިދާނެ ގެއްލުމެއް ބެލުމުގެ ދިރާސާއެއް ހެދުމަށް ފާސްކޮށް، މަސައްކަތްތަކެއް އެ ކޮމިޓީގައި ކުރިއަށް ގެންދެ އެވެ.
އެ ކޮމިޓީ އަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ހާޒިރުކޮށް، ސުވާލުކޮށްފައިވެ އެވެ. ކޮމިޓީގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އެ ހަރަކާތަށް މިލިއަނުން ފައިސާ ހޭދަކުރާ އިރު، ރާއްޖޭގައި ޑްރަގުގެ ވިޔަފާރީގައި އުޅޭ ބޮޑުންތަކެއް އޭގައި ބައިވެރިވާ ކަމަށެވެ.
އިދިކޮޅުގެ ކެމްޕޭނަށް އަމާޒުކޮށް ހެދި ޑްރާފްޓްގައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ ބޭރު ގައުމުތަކާ އެކު، ގާއިމު ކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުން ކަމަށެވެ. އަދަބެއްގެ ގޮތުގައި ބޮޑު ޖޫރިމަނާއަކާއި ޖަލު ހުކުމެއް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.
މިއީ، ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ބިލެއް ބުނެ އިދިކޮޅުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ބިލެއް ހެދިޔަސް "އިންޑިއާ އައުޓް" ކެމްޕޭނެއް ނުހުއްޓުވޭނެ ކަމަށާއި މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅުގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އެ ބޭފުޅުންގެ ކަންބޮޑުވުމަކީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބޭ މައްސަލަ އެވެ. އެއީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ބުނެ ސިފައިން ބޭލުމަށް އިދިކޮޅުން ގެންދަނީ ގޮވަމުންނެވެ.