21 ފެބުރުއަރީ 2022 - 10:19

އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސްގެ އޮޓޮޕްސީ ހެދި އިރު، އޭނާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ހަލީމަތު ލަމްހާގެ ގެއިން ފެނުނު ބާރުގަދަ އިންޖެކްޝަނެއްގެ އަސަރު، މޭރީގެ ލޭގައި ހުރި ކަމަށް ދައްކައިފި އެވެ.
މޭރީގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން ވާގަސްއާ އެކު ހައްޔަރުކޮށްފައިވާ ލަމްހާ އަކީ މާވިންގެ ލޯބިވެރިޔާ ކަމަށް ދައުލަތުން ކުރި ދައުވާގައި ވަނީ ބުނެފަ އެވެ. މީހަކު މެރުމުގެ ދައުވާ މާވިންގެ މައްޗަށް ކޮށްފައި ވާއިރު ލަމްހާގެ މައްޗަށް ވަނީ މީހަކު މެރުމުގައި ބައިވެރިވުމާއި އިތުރު އެހެން ދެ ދައުވާއެއް ވެސް ކޮށްފަ އެވެ.
އޮންލައިންކޮށް ބޭއްވި ޝަރީއަތުގައި ދައުލަތުން ވަކީލް އަހްމަދު ނައުފަލް ވިދާޅުވީ މޭރީގެ ޓޮކްސޮލޮޖީ ރިޕޯޓް ނިމި، އޭގެ ނަތީޖާ އަނގަބަހުން ލިބިފައިވާ ކަމަށާއި އޭގައިވާ ގޮތުން މޭރީގެ ލޭގައި ސަކްސިނައިލްކޮލިންގެ އަސަރު އެބަހުރި ކަމަށެވެ. ރާއްޖޭން ބޭރުން ހެދި މި ޓެސްޓްތަކުގެ ރިޕޯޓް ވަރަށް އަވަހަށް ލިބޭނެ ކަމަށް ދައުލަތުން ބުންޏެވެ.
ސަކްސިނައިލްކޮލިން އަކީ ހޮސްޕިޓަލްތަކުގައި ކުރާ ބޮޑެތި ސާޖަރީ ފަދަ ކަންކަމުގައި ހޭނެއްތުމަށް ބޭނުންކުރާ އެއްޗެކެވެ. މިއީ މަރުގެ މައްސަލަ އަށް ފަހު ފުުލުހުން ލަމްހާގެ ގެ ފާސްކުރި އިރު އެ ގެއިން ފެނުނު އިންޖެކްޝަންތަކުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ.
ލަމްހާގެ ގެއިން ދެން ފެނުނީ ޕޮޓޭސިއަމް ކްލޮރައިޑް އާއި ޕްރޮޕޮފޯލް އެވެ. މިއީ މީހަކު މަރާލަން ބޭނުންކުރެވިދާނެ އިންޖެކްޝަންތަކެއް ކަމަށް ދައުލަތުން ކުރިން ބުނެެފައިވެ އެވެ.
މާފުށީ ޖަލުން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވި ލަމްހާ، މި ވާހަކަތައް ދައުލަތުން ދެއްކި އިރު ގިނައިރު އިނީ އިސްދަށަށް ޖަހާލައިގެންނެވެ. މިއީ ގަޑިއެއްހާއިރަށް ދެމިގެން ދިޔަ ޝަރީއަތެކެވެ.
ފިޒިކަލް އެގްޒަމިނޭޝަން ރިޕޯޓް ހަވާލާދީ ދައުލަތުގެ ވަކީލް ނައުފަލް ވިދާޅުވީ ސަކްސިނައިލްކޮލިން އިންޖެކްޝަންގެ 10 އެމްއެލް ހުންނަން ޖެހޭ އެއްޗެއްގައި ބާކީ ހުރީ ހަތަރު އެމްއެލް ކަމަށާއި އޭނާ ސީލް ވެސް ހަލާކުވެފައިވާ ކަމަށެވެ. އަދި މޭރީގެ ހަށިގަނޑުގައި ވެސް އިންޖެކްޝަން ޖަހާފައި ހުރި ފަދަ ނިޝާންތަކެއް ފެނިފައިވާ ކަމަށް ވިދާޅުވި އެވެ.
ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންތަކަކީ މީހުން ހޭނެއްތުން ނޫން ކަމަކަށް އާންމުކޮށް ބޭނުންކުރާ އެއްޗެއް ނޫން ކަމަށާއި މި އިންޖެކްޝަންތައް ދީގެން މީހަކު މަރާލެވިދާނެ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރަކު ބަޔާން ދެއްވާފައިވާ ކަމަށް ވަކީލް ނައުފަލް ވިދާޅުވި އެވެ.
މި އިންޖެކްޝަންތަކާއި ބައެއް މަނާ ބޭސްތައް ލަމްހާގެ ގެއިން ފެނިފައި ވާތީ އޭނާގެ މައްޗަށް ވަނީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާކޮށްފަ އެވެ. މިއިން ކޮންމެ ކުށެއްގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.
ދައުލަތުން ކުރިން ބުނެފައިވާ ގޮތުގައި އިންޖެކްޝަން ޖަހަންވީ ގޮތުގެ އިރުޝާދު ލަމްހާ ވަނީ މާވިން އަށް ދީފަ އެވެ. އަދި އެކަމާ ބެހޭ ގޮތުން ދެ މީހުން ފޯނުން ކޮށްފައިވާ މުއާމަލާތްތައް އެބަހުރި ކަމަށާއި އެ ހެކި ހުށަހަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.
ލަމްހާގެ މައްޗަށްކޮށްފައިވާ ދައުވާތަކުގެ އިބްތިދާއީ އަޑުއެހުން މިއަދު ކުރިއަށް ގެންދިއުމަށް ފަހު ބަންދުގެ މުއްދަތު އިތުރުކުރުމުގެ އަޑުއެހުން ކުރިއަށް ގެންދާތީ އަޑުއެހުން ސިއްރުކޮށްދޭން ލަމްހާގެ ވަކީލުން ކަމަށްވާ އަބްދުﷲ ޝާއިރާއި އަހްމަދު ޔާމީން އެދިވަޑައިގަތެވެ. ލަމްހާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ޒާތީ ވާހަކަތަކެއް ދައްކަންޖެހޭތީ ކަމަށް ވިދާޅުވެ އަޑުއެހުން ސިއްރުކޮށްދޭން އެދިވަޑައިގަތް ނަމަވެސް ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ އަޑުއެހުން ސިއްރު ނުކޮށް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ޒިންމާދާރުކަމާ އެކު ނޫސްވެރިން ޝަރީއަތުގެ މައުލޫމާތު ފެތުރުމަށް އެދިވަޑައިގަތެވެ. ނޫސްވެރިން އެ ޝަރީއަތް ރިޕޯޓްކުރާތީ، ސިއްހީ ހާލަތާ ބެހޭ ވާހަކަތައް ދައްކަވަން ވަކީލުން އުޒުރުވެރިވެ ވަޑައިގަތެވެ.
ލަމްހާގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށާއި އެ ކަންކަމަށް ބަލާއިރު ލަމްހާ އަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ދައުލަތުން ބުނަމުން ދިޔައިރު ދިފާއުން ބުނަމުން ދިޔައީ ލަމްހާގެ މައްޗަށް އެފަދަ ހެކި ހުށަހަޅާފައި ނެތް ކަމަށެވެ. ވާހަކަ ދައްކަން ދެ ފަރާތަށް ފުރުސަތު ދެއްވުމަށް ފަހު ގާޒީ ފާއިޒް ނިންމެވީ ހުށަހަޅާފައިވާ ކަންކަމަށް ބަލައި ޝަރީއަތް ނިމެންދެން ލަމްހާ ބަންދުގައި ބެހެއްޓުމަށެވެ.
މިދިޔަ ހަފްތާގައި ވަނީ މޭރީގެ ފިރިމީހާ މާވިން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.
މާޗް 15 ގައި އިތުރު އަޑުއެހުމެއް އޮންނާނެކަން އިއުލާނުކުރައްވައި ގާޒީ ވިދާޅުވީ ޝަރީއަތް ސިއްރުކުރަންޖެހޭ ކަމަށް ދިފާއުން ބުނާ ސަބަބުތައް ލިޔުމުން ހުށަހެޅުމުން އެ ކަންކަމަށް ގޮތެއް ނިންމަވާނެ ކަމަށެވެ.