21 ފެބުރުއަރީ 2022 - 10:14

ކޮންކްރީޓް ހާއްޔެއްގެ ގޮތުގައި އޮތް މާލޭގައި މަގުތަކާއި ޕާކުތަކުގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން 500 ގަސް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ މާލޭގައި އިންދުމަށް 180 ކަދުރު ރުއް އަދި 320 އެހެން މޭވާ އަޅާ ގަސް ފޯރުކޮށްދޭނެ ބަޔަކު ހޯދަން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ މީހުން، މައުލޫމާތު ސާފުކުރުމަށް ފަހު، މި މަހުގެ 28 ވަނަ ދުވަހު ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް އަގު ހުށަހެޅުމަށް އިއުލާނުގައިވެ އެވެ.
ބީލަން ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް ނުވަތަ ލޯކަލް އިންވެސްޓްމަންޓާއި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.
މާލެ ފެހިކުރުމުގެ ގޮތުން މަގުތަކާއި ޕާކުތަކުގައި އަނބުގަހާއި ސައްކެޔޮ، ހިތިގަހާއި އަދި ދަނބުގަސް ފަދަ ގަސްތައް އިންދަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.
މި ޕްރޮގްރާމު ފަށާފައި ވަނީ އަމީނީ މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތުގެ ކުރިމަތީގައި އަނބު ގަހެއް އިންދައިގެންނެވެ.
ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ 100،000 ގަސް އިންދުމުގެ މި ޕްރޮގްރާމުގެ ދަށުން މަގުތަކާއި ޕާކުތަކުގައި މުޅި އަހަރަށް ބަލާއިގެން އެކި ދުވަސްތަކުގެ މަތިން ގަސްތައް އިންދަން ރާވާފައިވެ އެވެ. އަދި މިހާރު މާލޭގައި އިންދާފައި ހުރި ގަސްތަކުގެ ތެރެއިން ނުހެދި ނުވަތަ މަރުވެފައި ހުރި ގަސްތައް ނެގުމަށް ފަހު އެ ތަންތަނުގައި ވެސް އާ ގަސްތައް އިންދާނެ އެވެ.