21 ފެބުރުއަރީ 2022 - 08:13

މިލާން (ފެބްރުއަރީ 21) - އިޓާލިއަން ސެރީ އާގައި އިންޓަ މިލާނުން އަމިއްލަ ދަނޑުގައި ސަސުއޮލޯއާ ދެކޮޅަށް ރޭ ކުޅުނު މެޗުން 2-0 އިން ބަލި ވެއްޖެ އެވެ.

މި މެޗަށް ނުކުތުމުގެ ކުރިން އިންޓަ އޮތީ އެއްވަނައިގައި އޮތް އޭސީ މިލާނަށްވުރެ ދެ މެޗު މަދުން ކުޅެގެން ޓޭބަލްގެ ދެވަނައިގަ އެވެ. ނަމަވެސް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޖިއަކޯމޯ ރަސްޕަޑޯރީ އާއި ޖިއާންލޫކާ ސްކަމާކާ ޖެހި ލަނޑުން މޮޅުވެ، އިންޓަ އެއްވަނައަށް އެރިޔަ ނުދީ ސަސުއޮލޯ އިން ވަނީ ހިފަހައްޓައިފަ އެވެ.
އިންޓަ ވަނީ ރޭގެ މެޗުގެ ކުރިން، ޗެމްޕިއަންސް ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފް ފުރަތަމަ ލެގުގައި ވެސް އަމިއްލަ ދަނޑުގައި ހަމަ މި ނަތީޖާއިން ލިވަޕޫލް އަތްދަށުވެފަ އެވެ. އެ މެޗުގެ ކުރިން ލީގުގައި ނަޕޯލީއާ ވާދަކޮށް އެއްވަރުވިއިރު، އޭސީ މިލާން އަތުން ވަނީ ބަލިވެފަ އެވެ. މި މަހު މިހާތަނަށް އިންޓަ އަށް ކާމިޔާބު ކުރެވިފައި ވަނީ ކޮޕާ އިޓާލިއާ މުބާރާތުގެ ކުއާޓާ ފައިނަލުގައި ރޯމާއާ ދެކޮޅަށް ކުޅުނު މެޗެވެ.
އޭސީ މިލާނަށް އެއްވަނައިގައި ލީޑު ފުޅާކުރަން ހޮނިހިރު ދުވަހުގެ ރޭ ލިބުނު ފުރުސަތު ގެއްލުނީ ލީގުގެ ފުލުގައި އޮތް ސެލަނިޓާނާއާ ރަށުން ބޭރުގައި ކުޅުނު މެޗު 2-2 އިން އެއްވަރު ވުމުންނެވެ. މިލާނުން އެ މެޗުގެ ފަސްވަނަ މިނިޓުިގައި ޖޫނިއާ މެސިއަސްގެ ގޯލަކުން ލީޑު ނަގައިފައި ވަނިކޮށް ފުރަތަމަ ހާފުގައި ސެލަނިޓާނާ އިން ވަނީ އެއްވަރު ކޮށްފަ އެވެ. އަދި އެޓީމުން ވަނީ 72 ވަނަ މިނިޓުގައި ލީޑު ވެސް ނަގައިފަ އެވެ. ލީޑު ނެގިތާ ފަސް މިނިޓު ފަހުން މިލާނަށް އެއްވަރު ކޮށްދިނީ އަންޓޭ ރެބިޗް އެވެ.
އޭސީ މިލާން އެއްވަނައިގައި އޮތީ ކުޅުނު 26 މެޗުން ހޯދި 56 ޕޮއިންޓާ އެކު އެވެ. އަދި އިންޓަ މިލާން ކުޅުނު 25 މެޗުން އެޓީމަށް ވަނީ 54 ޕޮއިންޓް ލިބިފަ އެވެ. އިންޓަ އަށްވުރެ އެއް ޕޮއިންޓް މަދުން ހޯދައިގެން ތިންވަނައިގައި އޮތް ނަޕޯލީ މިރޭ ރަށުން ބޭރުގައި ނުކުންނާނީ ރެލިގޭޝަން ޒޯނުގައި އޮތް ކަލިއަރީއާ ދެކޮޅަށެވެ. ނަޕޯލީ މި މެޗުން މޮޅުވެއްޖެ ނަމަ، އޭސީ މިލާނާ ޕޮއިންޓުގެ ގޮތުން އެއްވަރު ވިޔަސް، ފައިދާ ގޯލުގެ ތަފާތުން އެޓީމަށް ޓޭބަލްގެ އެއްވަައަށް ޖެހިލެވޭނެ އެވެ.
ފިއޮރެންޓީނާ ވެސް ވަނީ ރޭ އަމިއްލަ ދަނޑުގައި އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް، އޭއެސް ރޯމާ ފަހަތަށް ޖައްސާލައި ހަތްވަނައަށް ޖެހިލައިފަ އެވެ. ރޯމާ ވަނީ ހޮނިހިރު ދުވަހުގެ ރޭ ލީގުގައި ވެރޯނާއާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-2 އިން އެއްވަރު ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ 20 މިނިޓު ތެރޭ ވެރޯނާއިން ދެ ގޯލުގެ ލީޑެއް ނަގާފައި ވަނިކޮށް ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ރޯމާގެ ދެ ލަނޑު ވެސް ޖަހައިދިނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ޒުވާން ދެ ކުޅުންތެރިންނެވެ. ފުރަތަމަ ލަނޑު 65 ވަނަ މިިޓުގައި އޮސްޓްރޭލިއާގެ މިޑްފީލްޑަރު ކްރިސްޓިއަން ވަލްޕަޓޯ، 18، ކާމިޔާބު ކޮށްދިންއިރު، 84 ވަނަ މިނިޓުގައި އެއްވަރު ކޮށްދިނީ އެޑުއާޑޯ ބޯވް، 19، އެވެ.
މެޗުގެ އިތުރު ވަގުތުގައި ކޯޗު ހޯސޭ މޮރީނިއޯ، ރެފްރީގެ ނިންމުންތަކާ ދެކޮޅު ހަދައި، މެޗު ލަސްކުރަން އުޅުމުން އޭނާއަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.