21 ފެބުރުއަރީ 2022 - 00:41

ސީޝެލްސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ސައުދީ އަރަބިއާގެ އަންހެން ފުޓްބޯޅަ ޓީމުން ކުޅުނު ބައިނަލްއަގްވާމީ ފުރަތަމަ މެޗް ކާމިޔާބުކޮށްފި އެވެ.

އެފްއޭއެމްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އަންހެން ފުޓްބޯޅައިގެ ބައިނަލްއަގުވާމީ މެޗްތަކުގެސީރީޒްގެ ތިންވަނަ މެޗުގައި މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗްގައި ސައުދީގެ އަންހެން ފުޓްބޯޅައިގެ ތާރީހްގައި ގައުމީ ޓީމަށް ޖަހައިދިން ތާރީހީ ފުރަތަމަ ލަނޑު ޖެހީ އަލް ބަންދާރީ މުބާރަކް އެވެ.
ރާއްޖޭގެ މީޑިއާތަކަށް ފޮޓޯ އާއި ވީޑިއޯ ނެގުމުގެ ފުރުސަތު ނުދިންނަމަވެސް ސައުދީގެފުޓްބޯލް ފެޑެރޭޝަނުން ވަނީ މެޗުގެ ފޮޓޯ ނަގައި އާންމުކޮށްފަ އެވެ.
ހުކުރު ދުވަހުގެރޭ ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ހަތަރު ލަނޑުޖެހި ސީޝެލްސްގެ ޓީމަށް ސައުދީގެ ޓީމާ ދެކޮޅަށް މާބޮޑު ކަންތައްތަކެއް ނުކުރެވުނެވެ.
ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން މަރްޔަމް އަލް ތަމީމީ ވަނީ ސައުދީގެ ދެވަނަ ލަނޑު ޖަހައިފަ އެވެ. ސައުދީގެ ގައުމީ އަންހެން ޓިމުގެ ފުރަތަމަ ބައިނލްއަގްވާމީ މެޗްގައި ބައިކޮޅަށް ލަނޑެއް ނުވަދޭ ކާމިޔާބު ކުރުމުން ސައުދީގެ ފެޑެރޭޝަނުން ވަނީ ހާއްސަ ގޮތެއްގައި އެކަން ފާހަގަކޮށްފަ އެވެ.
ސައުދީ އާއި ސީޝެލްސްގެ އިތުރުން ރާއްޖެ ބައިވެރިވާ މި ސީރީޒް އެފްޢޭއެމްއިން އިންތިޒާމުކޮށްފައިވަނީ ކޮންމެ ޓީމެއް އަނެއް ޓިމަކާ ދެފަހަރު ކުޅޭގޮތަށެވެ. ސައުދީން ސީޝެލްސްއާއެކު އަދި އެއް މެޗު ކުޅޭނެ އެވެ. އޭގެ އިތުރުން ރާއްޖެއާއެކު ކުޅޭ ދެމެޗް އަދިއޮންނާނެ އެވެ.
ރާއްޖެ ސީޝެލްއާ ދެކޮޅަށް ކުޅުނު ދެމެޗްގެ ތެރެއިން ފުރަތަމަ މެޗް ކާމިޔާބު ކުރީ 1-0 ންނެވެ. ދެވަނަ މެޗުން ބަލިވީ 4-0 ންނެވެ.