20 ފެބުރުއަރީ 2022 - 21:44

ލަންޑަން (ފެބްރުއަރީ 20) - އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ބަކިންހަމް ޕެލަސް އިން މިރޭ އިއުލާންކޮށްފި އެވެ.
އުމުރުފުޅުން 95 އަހަރުގެ އެލިޒަބަތުގެ ފަރާތުން އަދި މިހާތަނަށް ފެންނަމުން ދަނީ ކޮވިޑުގެ ވަރަށް އާދައިގެ އަލާމަތްތައް ކަމަށް ވެސް ގަނޑުވަރުން ބުނެފައިވެ އެވެ.
ރާނީ އަށް ކޮވިޑް ޖެހިފައި ވަނީ އެކަމަނާގެ ދޮށީ ދަރިކަލުން އަދި ވަލީއަހުދު ޗާލްސްގެ ފަރާތުން ކަމަށް ބެލެވެ އެވެ. ޗާލްސް އަށް މިދިޔަ ހަފުތާގައި ވަނީ ކޮވިޑް ޖެހިފަ އެވެ. އަދި ޗާލްސް ކޮވިޑަށް ޕޮޒިޓިވްވުމުގެ ދެ ދުވަސްކުރިން ވަނީ ރާނީއާ ބައްދަލުވެވަޑައިގެންފަ އެވެ. ރާނީ ދިރިއުޅުއްވާ ވިންޑްސާ ގަނޑުވަރުން ވެސް ވަނީ އެތައް ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
އުމުރުން 73 އަހަރުގެ ޕްރިންސް ޗާލްސް ކޮވިޑަށް ޕޮޒިޓިވްވީ މި މަހު 10 ވަނަ ދުވަހު އެވެ. ރާނީއާ ޗާލްސް ވަނީ ފެބްރުއަރީ 8 ވަނަ ދުވަހު ބައްދަލުވެވަޑައިގެންފަ އެވެ. ޗާލްސް އަށް ކޮވިޑް ޖެހުނު ފަހުން އަނބިކަނބަލުން ކެމީލާ، 74، ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ޗާލްސް އަށް ވަނީ މާޗް 2020 ގައި ވެސް ކޮވިޑް ޖެހިފަ އެވެ. ކޮވިޑުގެ އަލާމާތްތައް އާއްމުކޮށް ފެންނަނީ ވައިރަހަށް އެކްސްޕޯޒްވާތާ 2-14 ދުވަހާ ދެމެދު އެވެ.
ކޮވިޑުގެ ފުރަތަމަ ވެކްސިން ރާނީ ޖައްސަވާފައި ވަނީ ޖެނުއަރީ 2021 ގަ އެވެ. އޭގެ ފަހުން ދެ ވަނަ ޑޯޒާއި ބޫސްޓަ ޑޯޒް ވެސް އެކަމަނާ ވަނީ ޖައްސަވައިފަ އެވެ.
އަަންނަ އެޕްރީލް މަހު 96 ވަނަ އުފަން ދުވަސް ފާހަގަކުރާ އެލިޒބަތުގެ ރަނިކަމަށް 70 އަހަރު ފުރުން ފާހަގަކޮށްފައި ވަނީ މި މަހު 6 ވަނަ ދުވަހު އެވެ.
ބީބީސީގެ ކޮރެސްޕޮންޑެންޓަކު ވިދާޅުވީ ކޮވިޑް ޖެހޭ އުމުރުން ދުވަސްވީ މީހުން ބޭނުން ކުރުމަށް ކޮވިޑުގެ އެންޓިވައިރަލް ޑްރަގަށް މިހާރު ވަނީ ހުއްދަދީފައި ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑް ޖެހުމުން އެ ބޭސް ބޭނުންކުރުމުން ރިސްކް ކުޑަކޮށްދެ އެވެ. ނަމަވެސް ރާނީ އަށް އެންޓިވައިރަލް ޑްރަގު ދޭނެ ކަމެއް ގަނޑުވަރުން ހާމަކޮށްފައެއް ނުވެ އެވެ. މިހާރު ހުރި އެންޓިވައިރަލް ޑްރަގު ބޭނުންކުރަން ޖެހޭނީ ކޮވިޑް ޖެހޭތާ ތިން ދުވަހާއި ފަސް ދުވަހާ ދެމެދު އެވެ.