20 ފެބުރުއަރީ 2022 - 20:31

މިއަހަރުގެ ނޮވެމްބަރު މަހު ފާހަގަކުރާ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދޭ ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
މިއީ މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކެއް ހިންގަން ބީއެމްއެލް އިން ފެށި ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ހަރަކާތެވެ. ކުރިއަށް އޮތް ކޮންމެ މަހެއްގައި ވެސް މިފަދަ އިތުރު ކަމެއް ރޭވިފައިވެ އެވެ.
މި ސްކޮލަޝިޕަކީ ބޭންކިން އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމުގެ އަމާޒުގައި ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ދޭ ފަންޑެކެވެ.
މި ސްކޮލަޝިޕަށް އެދި ހުށަހަޅާ ދަރިވަރުންނަށް ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން ފައިނޭންޝަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް އަދި ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލިޓިކްސް ނުވަތަ ފައިނޭންޝަލް އިންޖިނިއަރިން ފަދަ ދާއިރާއަކުން އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެދި ހުށަހެޅިދާނެ އެވެ.
އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ފަރާތްތަކަށް މި ފަންޑަށް އެދި ހުށަހޭނެ އެވެ. މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ބީއެމްއެލް އިން ނިންމާފައިވެ އެވެ.
މި ފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާ އެކު އެޕްރީލް 21 ގެ ކުރިން[email protected]އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.