21 ފެބުރުއަރީ 2022 - 06:07

ދިވެހިންގެ ތެރޭގައި ކޮންމެ ކަހަލަ ފިލްމެއް ވެސް އަދި ޝޯއެއް ވެސް މަގުބޫލު ވެދާނެ އެވެ. ދިވެހިންގެ މެދުގައި ތަފާތު އެކި ޖޯންރާތަކުގެ އުފެއްދުންތައް މަގުބޫލުވާކަން ނެޓްފްލިކްސްގެ ލިސްޓުން އެނގޭނެ އެވެ. މިފަހަރު އެންމެ ކުރީގައި އުޅެނީ ޑްރާމާ ސީރީޒް "އިންވެންޓިން އެނާ" އެވެ.
ޑްރާމާ ސީރީޒްތައް އުފެއްދުމަށް މަޝްހޫރު ޝޮންޑާ ރައިމްސްގެ އިންވެންޓިން އެނާ ރިލީޒްކޮށްފައިވަނީ ލިމިޓެޑް ސީރީޒްއެއްގެ ގޮތުގަ އެވެ. މި މަހުގެ 11ގައި އެ ސީރީޒް ރިލީޒްކުރި ފަހުން ރާއްޖޭގެ ނެޓްފްލިކްސްގެ އެންމެ ޓްރެންޑިން އުފެއްދުންތަކުގެ ލިސްޓުގެ އެއް ވަނައިގައި އިންނަތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
އެ ސީރީޒް ކަމުދިޔަ ކަމަށް ބެލެވެނީ ޝޮންޑާ ރައިމްސް އަށް އޮންނަ ސަޕޯޓު ރާއްޖޭގައި ވެސް ބޮޑުވުމެެވެ. އެގޮތުން ޝޮންޑާގެ އުފެއްދުން ކަމަށްވާ "ހައު ޓު ގެޓް އަވޭ ވިތު މާޑާ" އާއި "ގްރޭސްް އެނެޓޮމީ" އަކީ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝޯތަކެވެ. އެހެންކަމުން އޭނާގެ އާ އުފެއްދުމެއްގެ އިންތިޒާރުގައި ތިބި މީހުންނަށް މިއީ މުހިންމު މަސައްކަތެކެވެ.
އިންވެންޓިން އެނާގައި ދައްކަނީ އެމެރިކާ އަށް ގޮސް ބޮޑު މަގުބޫލުކަމެއް ހޯދާ ޒުވާނެއްގެ ވާހަކަ އެވެ. އެކި ކަހަލަ "ސްކޭމް"ތައް ޖައްސައިގެން މަޝްހޫރުކަމާއި ފައިސާ ހޯދަނީ އެނާ ވަރަށް މޮޅަށެވެ. އެގޮތުން މަހުޖަނުންނަށް އޮޅުވާލައިގެން އެނާ ފައިސާ ހޯދައިގެން އުޅެނިކޮށް އޭނާ އަތުވެ އެވެ. އެ ހުރިހާ ކަމެއްގެ ހަގީގަތް ހޯދުމަށް ނޫސްވެރިޔަކު މަސައްކަތް ކުރާތަން ވެސް އެ ސީޒުން ފެނެ އެވެ.