21 ފެބުރުއަރީ 2022 - 06:12

ގިނަ ބައެއްގެ މެދުގައި މިހާރު ވަރަށް މަގުބޫލުވެފައިވާ ވޯޑް ގޭމެއް ކަމަށްވާ "ވޯޑުލް" އެމެރިކާގެ ދުވަހު ނޫސް ނިއު ޔޯކް ޓައިމްސް އަށް ވިއްކާލި ފަހުން ބަސްތައް ދިމާކުރަން މާ އުނދަގޫވާ ކަމަށް ބުނެ، އެ ގޭމް ކުޅޭ ބައެއް މީހުން ރުޅިއަތުވެއްޖެ އެވެ.
ނިއު ޔޯކް ޓައިމްސް އިން އެ ގޭމް ގަތް ފަހުން، ގޭމްގެ އޮރިޖިނަލް ވެބްސައިޓާއި ނޫހުގެ ވެބްސައިޓްގައި ދިމާކުރާ ބައެއް ބަސްތައް ދިމާނުވުމުގެ ޝަކުވާ ވެސް ވަނީ އިތުރުވެފަ އެވެ. އެ ގޭމްގައި ކޮންމެ ދުވަހަކު، އެންމެން ވެސް ދިމާކުރަން ޖެހެނީ ފަސް އަކުރު ހިމެނޭ އެއް ބަހެކެވެ.
އެ ގޭމް ގަތުމަށް ފަހު ނިއު ޔޯކް ޓައިމްސް އިން ވަނީ ފަސް އަކުރުގެ ބައެއް ބަސްތައް އޭގެން ނުފެންނާނެ ގޮތް ހަދައިފަ އެވެ. އެހެން ހެދީ، ބޭއަދަބީ ބައެއް ބަސްތަކަށް ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށްވެ އެވެ. އެ ގެނައި ބޮޑު ބަދަލުގެ ފަހުން، ކޮންމެ ދުވަހެއްގެ ބަސް ދިމާކުރަން އުނދަގޫވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ.
"ވޯޑްލް" ގެ އުފެއްދުންތެރިޔާ އަދި އެމެރިކާގެ ސޮފްޓްވެއާ އިންޖީނިއަރަކު ޖޯޝް ވާޑުލް ނިއު ޔޯކް ޓައިމްސް އަށް އެ ގޭމް ވިއްކާލީ އަގު ސިއްރުކުރުމަށް ފަހު އެވެ. ސީދާ އަގު ނުބުނެ، އޭނާ ބުނީ އެ ގޭމް ވިއްކާލީ މަދުވެގެން މިލިއަން ޑޮރަލަށް ކަމަށެވެ.
ނިއު ޔޯކް ޓައިމްސްގެ ވެބްސައިޓްގައި ހިމެނޭ ގޭމްތަކަށް "ވޯޑުލް" މިހާރު ވަނީ އިތުރުކޮށްފަ އެވެ. އެ ނޫހުގެ ވެބްސައިޓުގައި މިހާރު ވެސް 10،000 ވުރެ ގިނަ ކްރޮސްވޯޑް ގޭމްތައް ހުރެ އެވެ. ލާރީ ދީގެން ކުޅެވޭ އެ ގޭމްތަކާ ހިލާފަށް މި ގޭމް ކުޅެވެނީ ހިލެ އެވެ.