ކަންގަނާ، އާލިއާއާ ޖެހިގެންފި
ކަންގަނާ، އާލިއާއާ ޖެހިގެންފި

ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުތަކީ އެއްވެސް ފަސްޖެހުމެއް ނެތި މީހުންނާ ދިމާލަށް ކޮންމެ ފަދަ އެއްޗެއް ވެސް ގޮވަން ކެރޭ ތަރިއެއްގެ ގޮތުގައި ވަނީ ލޭބަލް ވެފަ އެވެ. މިފަހަރު އޭނާ ރުޅިގަނޑު ބޭލީ ޒުވާން ތަރި އާލިއާ ބަޓް އަށެވެ.

ކަންގަނާ، އާލިއާއާ ޖެހިގެންފި
ކަންގަނާ، އާލިއާއާ ޖެހިގެންފި

ބޮލިވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ" ރިލީޒްކުރުމުގެ ކުރިން އެ ފިލްމަކީ ފްލޮޕަކަށް ވާނެ ކަމަށް ކަންގަނާ މިފަހުން ބުންޏެވެ.

މި މަހުގެ 25 ގައި ނެރޭ އެ ފިލްމުގައި ގަންގޫބާއީގެ ރޯލުން ފެންނަނީ އާލިއާ އެވެ. އެ ފިލްމާ ގުޅޭ އެކި ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައި ބައެއް މީހުން ބުނަނީ އެ ރޯލަށް އާލިއާ މާ ބޮޑަށް ވެސް ހަގު ކަމަށެވެ. އަދި ވިދްޔާ ބާލަން ނުވަތަ ކަންގަނާ ފަދަ ތަރިއަކު އެ ރޯލަށް މާ ރަނގަޅު ވާނެ ކަމަށެވެ.

ކަންގަނާ އޭނާގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ބުނީ އަންނަ ހުކުރު ދުވަހު ބޮކްސް އޮފީހުގައި 200 ކްރޯޑް ރުޕީސް އަނދާ އަޅި އަށް ވާނެ ކަމަށެވެ. އެއީ ކޮން ފިލްމެއްގެ ވާހަކައެއް ކަން އޭނާ ނުބުންޏަސް، އޭނާ އެ އިޝާރާތްކުރީ ގަންގޫބާއީ އަށް ކަން އެނގެ އެވެ. އަންނަ ހުކުރުގައި ބޮލީވުޑްގައި ޕްރިމިއާކުރަނީ އެ ފިލްމެވެ.

އެ ޕޯސްޓުގައި ކަންގަނާ އާލިއާގެ ނަން ނުހިމެނިޔަސް، "މޫވީ މާފިއާގެ ޕަރީ" ކަމަށް ބުނުމުން އެއީ އާލިއާ ކަން އެންމެން ވެސް އެނގުނެވެ.

ކަރަން ޖޯހަރަކީ މޫވީ މާފިއާ ކަމަށް އެ ޕޯސްޓުގައި ކަންގަނާ އިޝާރާތްކުރި އިރު، އާލިއާ އަކީ ކަރަން ބޮލީވުޑަށް ނެރެދިން ތަރިއެކެވެ. އާލިއާ ވެސް ދެކެެނީ ކަރަން އަކީ އޭނާގެ ދެ ވަނަ ބައްޕަ ކަމަށެވެ. އެހާ ގާތް ގުޅުމެއް އެމީހުންގެ އޮވެ އެވެ.

"ސަބަބަކީ އޭނާގެ [އާލިއާގެ] ބައްޕަ ހީކުރީ އޭނާ އަށް އެކްޓްކުރެވޭނެ ކަމަށް. އެ ފިލްމު ނާކާމިޔާބު ވާނީ ނުބައި ކާސްޓެއް އޮތުމުން،" ކަންގަނާ ބުނެފައިވެ އެވެ.

ކަންގަނާ ބުނީ ސައުތު ފިލްމުތަކާއި ހޮލީވުޑް ފިލްމުތައް އިންޑިއާގައި ބެލުން އިތުރުވެފައި ވަނީ "މޫވީ މާފިއާ" ގެ އަތުގައި ބާރުތައް އޮތުމުން ކަމަށެވެ.

"ކްއީން" ފަދަ ފިލްމުތަކުން ވިދާލި ކަންގަނާ މިގޮތަށް ބުންޏަސް، ސަންޖޭ ލީލާ ބަންސާލީގެ ފިލްމުތަކަކީ އަބަދު ވެސް ބޮޑު ހިޓަކަށްވެ އެވެ. މިއީ ބޮކްސް އޮފީހުގައި ކާމިޔާބުވި "ޕަދްމާވަތު" އަށް ފަހު ސަންޖޭގެ ޑައިރެކްޓްކުރާ ފިލްމެއް ފެންނާނެ ފުރަތަމަ ފަހަރެވެ.