21 ފެބުރުއަރީ 2022 - 06:15

އެއްވެސް ބަޔަކަށް ނޭނގި ސިންގަޕޫރްގެ ޖަންގައްޔެއްގައި ދިރިއުޅޭތާ 30 އަހަރުވީ މީހެއްގެ ވާހަކަ ވައިރަލް ވެއްޖެ އެވެ.

އުމްރާނީ ތަރައްގީގާއި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ ސިންގަޕޫރް މަޝްހޫރުވެފައި ވަނީ ލަގްޒަރީ ބޮޑެތި އިމާރާތްތަކާ އެކު އެންމެ މަތީ ފެންވަރުގައި މީހުން ދިރިއުޅެމުން އަންނަ ގައުމެއްގެ ގޮތުގަ އެވެ. އެހެންވެ، އެ ގައުމުގައި މީހަކު ޖަންގައްޔެއްގައި ދިރިއުޅޭ ވާހަކަ އިވުމުން ގިނަ ބަޔަކަށް ހައިރާން ކަން ލިބުނެވެ.

އޯ ގޮން ސެން ކިޔާ އުމުރުން 79 އަހަރުގެ އެ މީހާ އާންމުންގެ ސަމާލުކަމަށް އައީ، މިދިޔަ ޑިސެމްބަރު މަހުގައި އޭނާ ހައްދާ ތަރުކާރީތައް ވިއްކަން މަގުމަތީގައި އުޅެނިކޮށް ފުލުހުން އޭނާ ހުއްޓުވުމުންނެވެ. ފުލުހުން އޭނާ ހުއްޓުވީ މާ އަގުބޮޑުކޮށް އެއްޗެހި ވިއްކާ ކަމަށް ބުނެ އޭނާގެ ކަސްޓަމަރަކު ރިޕޯޓްކުރުމުންނެވެ.
އެ މައްސަލަ ރިޕޯޓްކުރުމުން ފުލުހުން އުޅުނީ އޯ ގޮން ވިއްކަން ގެންގުޅުނު ތަރުކާރީތައް އަތުލާށެވެ. އެ މަންޒަރު ފެނުނީ އެ ވަގުތު މަގުމަތީގައި ހުރި ސިންގަޕޫރްގެ ޗެރިޓީ ވޯކަރަކަށެވެ. އޭނާ އެކަމާ މެދު ރުޅި އައިސް، އެ މަންޒަރުތައް ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކުރި އެވެ.
އެ ވީޑިއޯ ވައިރަލްވުމުން، ސިންގަޕޫރްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު އޯ ގޮން ހޯދާއި، އޭނާއާ ބައްދަލުކުރި އެވެ. އޭނާ ޖަންގަލީގައި ދިރިއުޅޭތާ 30 އަހަރުވެފައިވާ ކަން އާންމުންނަށް އެނގުނީ ވެސް އެ މެމްބަރުގެ ފަރާތުންނެވެ.
އޯ ގޮން ބުނި ގޮތުގައި އަހަރުތަކެއް ކުރިން އޭނާގެ އާއިލާ ދިރިއުޅުނީ ސިންގަޕޫރްގެ ރަށްފުށު ހިސާބެއްގަ އެވެ. އެކަމަކު 1980 ގެ އަހަރުތަކުގައި އެ ގައުމުގައި އުސް އިމާރާތްތައް އަޅަން ފެށުމާ އެކު އޭނާގެ އާއިލާ ދިރިއުޅުނު ގެ ވެސް ދައުލަތަށް ނެގި އެވެ. އަދި އޭގެ ބަދަލުގައި އެ މީހުން ސަރުކާރުން ފްލެޓް ދިން ނަމަވެސް، އޭނާ އަށް ފްލެޓެއް ނުލިބެ އެވެ.
އެކަމަކު އޭނާގެ ބޭބެ އަށް ފްލެޓެއް ލިބުނެވެ. އެ ފްލެޓްގައި ދިރިއުޅެން ދާން ބޭބެ ބުނި ނަމަވެސް، އޯ ގޮން އެ ގޮތެއް ބޭނުމެއް ނުވި އެވެ. ޓެންޓެއް ޖަހައިގެން އޭނާ ޖަންގަލީގައި ދިރިއުޅެން ނިންމީ އޭގެ ފަހުންނެވެ. އަދި އޭނާ އާމްދަނީ ހޯދަނީ ޖަންގަލީގައި އެކި ބާވަތްތަކުގެ ތަރުކާރީ އާއި މޭވާ ހައްދައިގެންނެވެ.
އޯ ގޮން އަށް ލިބޭ އާމްދަނީން އޭނާ ހަރަދުކުރަނީ އެހެން ރަށެއްގައި ދިރިއުޅޭ އޭނާގެ ކުޑަކުޑަ އާއިލާ އަށެވެ. އޭނާގެ އަންބަކާއި 17 އަހަރު އަންހެން ކުއްޖަކު ވެސް ހުރެ އެވެ. އޭނާ އަސްލު ދިރިއުޅެނީ ޖަންގައްޔެއްގައި ކަމެއް އެމީހުނަށް ނުވެސް އެނގެ އެވެ. އެމީހުން ގަބޫލުކޮށްގެން ތިބި ގޮތުގައި، ރަށުން ބޭރުގައި އޯ ގޮން އުޅެނީ ވަޒީފާއެއް އަދާކުރާށެވެ.
އާއިލާގެ ކައިރިއަށް އޯ ގޮން ދަނީ ކޮންމެ ހަފުތާ ބަންދެއްގަ އެވެ. އަދި ލިބޭ އާމްދަނީން ކޮންމެ މަހަކު 500 - 600 ޑޮލަރު އާއިލާގެ ހަރަދުތަކަށް ފޮނުވަ އެވެ.
އެ ހުރިހާ ވާހަކަތަކެއް އެނގުމުން ސިންގަޕޫރުގެ ސަރުކާރުން މިހާރު ވަނީ އޭނާގެ އާއިލާ އަށް ފްލެޓެއް ވެސް ދީފަ އެވެ.