19 ޑިސެމްބަރ 2016 - 10:59

ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމުގެ އެހީތެރިންނަށް ދެ ބޭފުޅަކު، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް އައްޔަން ކުރައްވައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަމީން އާންމުގެ އެހީތެރިންގެ މަގާމަށް އައްޔަން ކުރެއްވީ، މަޖިިލިހުގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި މިހާތަނަށް ހުންނެވި މުހައްމަދު ރަޝީދާއި ހެޑް އޮފް ފޮރިން ރިލޭޝަންސްގެ މަގާމުގައި ހުންނެވި އަބްދުލް ހަމީދު ޒަކަރިއްޔާ އެވެ.
މަޖިލިހުގެ އަމީން އާންމުގެ އެހީތެރިންނަށް ރަޝީދާއި ހަމީދު ޒަކަރިއްޔާ އައްޔަން ކުރެއްވިކަން މަޖިލިހުގެ ރައީސް އަދި ރަސްމީކޮށް، މަޖިލިހުގެ އިދާރާގެ މުވައްޒަފުންނަށް ނާންގަވާ ކަމަށްވެ އެވެ. އެކަމަކު މަޖިލިހުގެ އެކި ލިޔުންތަކުގައި ރަޝީދާއި ހަމީދު ޒަކަރިއްޔާ މިހާރު ސޮއިކުރައްވަނީ އަމީން އާންމުގެ އެހީތެރިންގެ ހައިސިއްޔަތުންނެވެ.
އަމީން އާންމުގެ އެހީތެރިންގެ މަގާމަށް އައްޔަން ކުރެއްވި ދެ ބޭފުޅުންގެ ތެރެއިން ރަޝީދަކީ މަޖިލިހުގެ އިދާރާގައި މަަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ރަޝީދަކީ އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ވެސް މެ އެވެ.
ހަމީދު ޒަކަރިއްޔާ މަޖިލިހުގެ އިދާރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2014 އިން ފެށިގެންނެވެ. އެކަމަކު އޭނާ ވަނީ އޭގެ ކުރިން ފޮރިން މިނިސްޓްރީގަ އާއި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގައި މަސައްކަތް ކުރައްވައިފަ އެވެ. ހަމީދު ޒަކަރިއްޔާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ހާރިޖީ ދާއިރާގަ އެވެ. އަދި އޭނާ ވަނީ ޖަޕާންގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރުގެ ނައިބުކަން ވެސް 2005 އިން 2008 އަށް އަދާކުރެއްވި އެވެ.
މަޖިލިހުގެ އަމީން އާންމުގެ އެހީތެރިންނަށް ދެ ބޭފުޅަކު އައްޔަން ކުރުމުގެ ބާރު މަޖިލިހުގެ ރައީސަށް ދިނުމަށް އާންމު ކޮމިޓީން ވަނީ ދާދި ފަހުން ފާސްކޮށްފަ އެވެ. މިއީ އަމީން އާންމުގެ އެހީތެރިންނަށް ބޭފުޅުންތަކެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
މަޖިލިހުގެ އަމީން އާންމުގެ މަގާމުގައި މިހާރު ހުންނެވީ އަހުމަދު މުހައްމަދެވެ. އޭނާގެ ނައިބަކީ ފާތުމަތު ނިއުޝާ އެވެ.