20 ފެބުރުއަރީ 2022 - 14:31

މަސްތުވާތަކެތީގެ މައްސަލައެއްގައި އިންޑިއާއިން ހައްޔަރުކޮށްފައިވާ ދިވެހި އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
އިންޑިއާ އިން ރާއްޖެ އަށް ފޮނުވަން އުޅެނިކޮށް މިދިޔަ އަހަރު އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ބ. އޭދަފުށީ، އާމިނަތު ރަޝީދާ ހައްޔަރުކުރީ ބޭސް ފަރުވާ އަށް ދިޔަތަނާ ކޮޗީ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަންގާރަ ދުވަހެވެ.
އެއަށްފަހު އިންޑިއާގެ މެޖިސްޓްރޭޓް ކޯޓަކަށް ހާޒިރުކޮށް، އޭނާގެ ބަންދަށް ތިން ދުވަސް ޖެހި އެވެ.
ރަޝީދާގެ އާއިލާއިން ބުނީ އެ މުއްދަތު ހަމަވުމުން، ކޯޓަށް ހާޒިރުކޮށް އިތުރު 14 ދުވަސް ޖަހާފައިވާ ކަމަށެވެ. މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެކަމާ ގުޅޭގޮތުން އިތުރު ވާހަކައެއް ނުދައްކަ އެވެ.
އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ތުހުމަތުކުރާ ރަޝީދާ، 58، އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 11 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އަށް ފޮނުވަން އުޅުނު 3.9 ކިލޯގެ އޮޕިއަމްގެ މައްސަަލައިގައި ހައްޔަރުކުރި މީހެކެވެ. މި މަސްތުވާތަކެތި ހުރީ އިންޑިއާ އިން މުދާ ފޮނުވާ ބަޔަކު މެދުވެރިކޮށް ފޮނުވި އެއްޗެއްގެ ތެރޭގައި ކަމަށާއި އެ ތަކެތި އެޑްރެސްކޮށްފައިވާ މީހަކީ އައިމިނަތު ރަޝީދާ ކަމަށް އެންސީބީން ބުނެ އެވެ.
އެ ތަކެތި އިންޑިއާ އިން ފޮނުވި ކަމަށް ލިޔުންތަކުން ފެންނަނީ ކެރެލާގައި އުޅޭ އަރީފް ކިޔާ މީހަކާއި އަލީ ނަމަކަށް ކިޔާ މީހެކެވެ. އެކަމަކު އެ މީހުން ތަހުގީގުގައި ބުނެފައި ވަނީ އެ މީހުންގެ ނަމާއި އެޑްރެސް ބޭނުންކޮށްފައި ވަނީ ސައްހަ ނޫން މައުލޫމާތު ބޭނުންކޮށްގެން އެހެން ބައެއް ކަމަށާއި އެ ފޮށި ތެރެއިން ފެނުނު މަސްތުވާތަކެއްޗާ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
އެންސީބީން ބުނެފައި ވަނީ އަރީފާއި އަލީއާ މި މައްސަލާގައި ސުވާލުކުރުމަށް ފަހު، އެ މީހުންނާ ގުޅުމެއް ނެތް ކަމަށް ބެލެވޭތީ ދޫކޮށްލާފައިވާ ކަމަށެވެ.