ކޮންމެ ހާލަތަކަށް ވެސް ތައްޔާރު: ޔޫކްރޭން ސިފައިން
ކޮންމެ ހާލަތަކަށް ވެސް ތައްޔާރު: ޔޫކްރޭން ސިފައިން

ދުޝްމަނުންގެ ފަރާތުން މެދުވެރިވެދާނެ ކޮންމެ ފަދަ ހާލަތަކަށް ވެސް ފުރިހަމަ އަށް ތައްޔާރުވެގެން ތިބި ކަމަށް ޔޫކްރޭންގެ ސިފައިން ބުނެފި އެވެ.

ކޮންމެ ހާލަތަކަށް ވެސް ތައްޔާރު: ޔޫކްރޭން ސިފައިން
ކޮންމެ ހާލަތަކަށް ވެސް ތައްޔާރު: ޔޫކްރޭން ސިފައިން

ޔޫކްރޭން ސިފައިންގެ ތައްޔާރީތައް ބައްލަވައިލެއްވުމަށް، އެ ގައުމުގެ ދާހިލީ ވަޒީރު ޑެނީސް މޮނަސްޓީރްސްކީ ކުރެއްވި ޒިޔާރަތުގައި ބައިވެރިވި ހުޅަނގުގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ޔޫކްރޭންގެ ސިފައިން ބުނީ އެމީހުން ތިބީ ގައުމުގެ ދިފާއުގައި އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. ކުރީ ސަފަށް ނުކުމެ ތިބި ސިފައިންގެ ގާތަށް ދާހިލީ ވަޒީރު ޒިޔާރަށް ކުރެއްވި ވަގުތު، އެ ސަރަހައްދަށް މޯޓަރު ބަޑީގެ ހަމަލާތަކެއް އަމާޒުވި އެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ނޫސްވެރިން ބުންޏެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސިފައިންގެ ފަރާތުން ފެނުނީ ވަރަށް ވަރުގަދަ އަޒުމެއްގައި ސާބިތުކަމާ އެކުގައި ތިބި މަންޒަރެވެ. ސިފައިން ރޫހު ވަރަށް ވަރުގަދަ ކަމަށާއި ކޮންމެ ފަދަ ހާލަތަކަށް ވެސް ފުރިހަމަ އަށް ތައްޔާރުވެގެން ތިބި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސީއެންއެންއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރަޝިޔާ ސިފައިން ޔޫކްރޭންގެ ސަރަހައްދީ ތޮނގު ކައިރިއަށް ޖަމާވެގެން ތިބެ ކުރަން އުޅޭ ކަމެއް މުޅިން ސާފެއް ނޫނެވެ. އެހެން ނަމަވެސް ރަޝިޔާ ސިފައިންގެ ބައެއް ޔުނިޓްތައް ޔޫކްރޭންގެ ސަރަހައްދީ ރޮނގާ ކައިރިވަމުން އަންނަ ކަމަށް ހަބަރު ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ވެގްނާ ޕީއެމްސީގެ ޔުނިޓްތަކެއް މިހާރު ވެސް ޔޫކްރޭންގެ ސަރަހައްދު ތެރެއަށް ވަދެފައިވާ ކަމަށާއި، އެމީހުންގެ އަމާޒަކީ ޔޫކްރޭންގެ ތެރޭގައި ހަމަނުޖެހުމާއި ގަޑުބަޑު އުފެއްދުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ވެގްނާ ޕީއެމްސީ އަކީ، ރަޝިޔާގައި އޮންނަ އަމިއްލަ ޕެރަމިލިޓަރީ ލަޝްކަރެކެވެ. ލީބިޔާގައި އެންމެ ފަހުން ކުރި ދާހިލީ ހަނގުރާމައިގައި ވެސް މި ލަޝްކަރުގެ ހަނގުރާމަވެރިން ބައިވެރިވެފައިވާ އިރު، ޔޫކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ މީހުންނާ ގުޅިގެން ވެސް، މި ލަޝްކަރުގެ ހަނގުރާމަވެރިން ޔޫކްރޭން ތެރޭގައި ކަންތައްތަކެއް ހިންގަ އެވެ.

ނަމަވެސް ރަޝިޔާ ސަރުކާރުން ބުނާ ގޮތުގައި ވެގްނާ ޕީއެމްސީ އަކީ، ރަޝިޔާ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ޖަމާއަތެއް ނޫނެވެ.

ޔޫކްރޭން ސަރުކާރުން ބުނާ ގޮތުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުން ޔޫކްރޭން ސިފައިންގެ މަގާމުތަކަށް އެކި ފަހަރުމަތިން ހަމަލާތައް ދެމުން އަންނަތާ މިހާރު ދެ ހަފުތާވަރު ވެއްޖެ އެވެ. އެ ގޮތުން އިއްޔެގެ ހަވީރު ވެސް، ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ޔޫކްރޭންގެ ބައެއް ސަރަހައްދުތަކުން ޔޫކްރޭން ސިފައިންނަށް ހަމަލާ ދިން ކަމަށް ޔޫކްރޭންގެ ދިފާއީ ވުޒާރާ އިން ބުންޏެވެ.

ރަޝިޔާ އިން ތުހުމަތުކުރާ ގޮތުގައި ޔޫކްރޭން ސިފައިން މިހާރު ގެންދަނީ ވަކިވެގަތުމަށް މަސައްކަތްކުރާ ސަރަހައްދުތަކަށް ހަމަލާ ދެމުންނެވެ. ނަމަވެސް ޔޫކްރޭން ސަރުކާރުން އެ ތުހުމަތުތައް ދޮގުކުރެ އެވެ.

އަމިއްލަ އަށް މިނިވަންކަން އިއުލާން ކޮށްފައިވާ ދެ ޖުމްހޫރިއްޔާއެއް ކަމަށްވާ ލުހަންސްކް އާއި ޑޮނެޓްސްކް އިން ބުނާ ގޮތުގައި ޔޫކްރޭނުން މިހާރު ރާވާފައިވަނީ، ވަކިވެގަތުމަށް މަސައްކަތްކުރާ ސަރަހައްދުތަކާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފެށުމަށެވެ. ވަކިވެގަތުމަށް މަސައްކަތްކުރާ ސަރަހައްދުތަކަށް އަސްކަރީ ގޮތުން މަދަދު ފޯރުކޮށްދެނީ ރަޝިޔާ ސަރުކާރުންނެވެ.

ޔޫކްރޭންގެ ދިފާއީ ވަޒީރު އޮލެކްސީ ރެޒްނިކޯވް ވިދާޅުވާ ގޮތުގައި އެއްވެސް ބަޔަކާ ދެކޮޅަށް ހަނގުރާމައެއް ކުރުމަށް ޔޫކްރޭން ސަރުކާރުން ވިސްނާފައެއް ނެތެވެ. ނަމަވެސް ވަކިވެގަތުމުގެ ހަރަކާތެއްގެ ނަމުގައި، ޔޫކްރޭންގެ ސިފައިންގެ މަގާމުތަކަށާއި އާންމު ރައްޔިތުން ދިރިއުޅޭ ތަންތަނަށް ހަމަލާދޭން ދޫކޮށްލައިގެން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލުހަންސްކް އާއި ޑޮނެޓްސްކް އަކީ 2014 ވަނަ އަހަރު އަމިއްލަ އަށް މިނިވަންކަން އިއުލާންކޮށްފައިވާ ދެ ޖުމްހޫރިއްޔާ އެވެ. އެ ދެ ޖުމްހޫރިއްޔާގައި ތިބި ރަޝިޔާގެ އަސްކަރީ މަދަދު ލިބޭ ހަނގުރާމަވެރިންނާއި ޔޫކްރޭންގެ ސިފައިންނާ ދެމެދު އެޕްރީލް 2014 އިން ފެށިގެން ކުރަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް 10 ހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.