20 ފެބުރުއަރީ 2022 - 09:20

ބުދަ ދުވަހާ ގުޅޭ
"އަދި އެއް ވާހަކަ،" މީޒާ ބުންޏެވެ. "އަހަރެން ބޭނުން ބުރުގާއަޅަން."
"އެއީ ކީއްވެ؟ ކުރިން ނާޅާ އެއްޗެއް މިހާރު ކީއްކުރަން އަޅަންވީ؟ ބުރުގާއެޅީމަ އަހަންނަކަށް ރީއްޗެއް ނޫން،" ޖަނާން ބުނަން ބޭނުންވީ އެހެންނެވެ. އެކަމަކު ޖަނާން ބުނީ މިހެންނެވެ. "އޯކޭ! މީޒާ ހަމަ ބޭނުން ގޮތެއް. މި ގޭގަ ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުން ގޮތަކަށް އުޅުމުގެ ފްރީޑަމް އޮންނާނެ."
މީޒާއަށް ލިބުނީ މީޒާ އުންމީދުކުރި ޖަވާބެއް ނޫނެވެ. ވާންވީ އުފާކަމެއް ނުވަތަ ހައިރާންކަމެއް މީޒާއަކަށް ނޭނގުނެވެ.
"އަސްލު ވެސް؟" މީޒާއަށް ސުވާލުކުރެވުނެވެ. "ޖަނާން ހިތްހަމަނުޖެހެންޏާ މިހާރު ބުނޭ. އޭރުން އަހަރެން ވިސްނާނަން. އެކަމަކު ބުރުގާއަޅާފަ ދެނެއް ނުނަގާނަން."
"އަހަރެން ބޭނުން އެއްޗެއް އަހަންނަށް ލެވޭ އިރު، މީޒާ ބޭނުން އެއްޗެއް ކީއްވެ މީޒާއަށް ނުލެވޭންވީ؟" ޖަނާން ޖަވާބުދިނެވެ. "އެ މީހަކު ބޭނުން ގޮތަކަށް އެ މީހަކަށް އުޅެވެން ޖެހޭނެ."
ޖަނާން އެ ބުނި އެއްޗެއްގެ ފުރިހަމަ މާނައެއް މީޒާއަކަށް ނުވިސްނެއެވެ. ދެ ފޮޅުވަތް ދޭތެރޭގައި ފޮރުވިފައިވާ މާނައަށް ވުރެ ބޮޑަށް، މީޒާއަށް އިސްކަންދެވުނީ ލިބުނު މިނިވަންކަމަށެވެ. އަވަހަށް މަންމައަށް ގުޅައިފައި އެ ޚަބަރުދިނެވެ. މަންމަޔާ އެކުގައި ބާޒާރަށް ގޮސް ކުލަކުލައިގެ ބުރުގާ ގަތެވެ. ހަފީޒާއަށް ހުރެވުނީ ދެ ފިކުރެއްގައެވެ. މީޒާއަށް ހިތްވަރުދޭންވީ ހެއްޔެވެ؟ އިތުރަށް ވިސްނަން ބުނަންވީ ހެއްޔެވެ؟
ރޭގަނޑު ޖަނާން ގެއަށް އައި އިރު މީޒާ ހުރީ ލޯގަނޑު ކައިރީގައި ބުރުގާއަޅައިގެން ފަރިބަލާށެވެ. ޖަނާން ކޮޓަރިއަށް ވަނުމާއެކު މީޒާ އެނބުރިލިއެވެ. ޖަނާންގެ މޫނަށް އަރާ ކުލަވަރު މީޒާއަށް ވަރަށް މުހިންމެވެ. އިރުކޮޅެއްވަންދެން ޖަނާން އެއްޗެއް ނުބުނެ މީޒާއަށް ބަލަހައްޓައިގެން ހުއްޓެވެ. ކިތަންމެ ވާހަކައެއް ޖަނާންގެ ސިކުނޑީގައި ހަރުލައިފައި ހުއްޓެވެ. ކިތަންމެ ސުވާލެއް، އެ ވަގުތު ވެސް ހިތުގައި އުފެދެމުންދިޔައެވެ. ޖަނާންގެ އެކުވެރިން ބުނާނީ ކީކޭ ހެއްޔެވެ؟ މީޒާގެ އިސްތަށިގަނޑު ކުރިން ބަލަހައްޓާހެން ދެން ވެސް ބަލަހައްޓާނެ ހެއްޔެވެ؟ މީޒާ ދެކެ ޖަނާން ލޯބިވެއެވެ. އެކަމަކު ސަބަބެއް ނެތިއެއް ލޯތްބެއް ދެމިއެއް ނޯންނާނެއެވެ.
"އަހަންނަށް އޯކޭ!" ޖަނާން ބުނެލިއެވެ. "އެކަމަކު މީޒާގެ ޓޮލަރެންސް ލެވަލް ޖެހޭނެ ތަންކޮޅެއް މަތިކޮށްލަން. ތީ މި ގެއަށް އާ މަންޒަރެއް. އެހެން މީހުންގެ ސުވާލު ތަންކޮޅެއް ގިނަވެދާނެ. ޖަވާބުދިނުމާ ނުދިނުން އެއީ މީޒާގެ ކަމެއް."
މީޒާ އެ ކަމަށް ތައްޔާރެވެ. ޖަނާން ވެސް ކަމަކަށް ތައްޔާރުވާން ޖެހުނެވެ. މުނާޒު ސިއްސައިލާކަށް ޖަނާން ބޭނުމެއް ނޫނެވެ. މުނާޒަކީ ޖަނާންގެ އެންމެ ގާތް އެކުވެރިޔާއެވެ. ޖަނާންގެ ހަޔާތުގައި ބޮޑު ކަމެއް ހިނގުމުގެ ކުރިން މުނާޒަށް އެނގޭނެއެވެ. އެނގެން ޖެހޭނެއެވެ. ދެ އެކުވެރިން ކޮފީބޯން ތިބި އިރު ޖަނާން ވިސްނަމުން ގެންދިޔައީ ވާހަކަ ފަށާނެ ގޮތަކާ މެދުގައެވެ. ކަންތައް ދިމާވީ ވަރަށް ރަނގަޅަށެވެ. އަންހެންކުއްޖަކު އައިސް މުނާޒަށް ގޮވައި، ހާލުއަހައިފައި ދިޔައެވެ. އެއީ ޖަނާން ދަންނަ ކުއްޖެއް ނޫނެވެ. ޖަނާން ނުދަންނަ މުނާޒުގެ ރައްޓެއްސެއް ހުރެގެން ނުވާނެއެވެ.
"އެއީ ކާކު؟" ޖަނާން ސުވާލުކުރިއެވެ.
"އަހަރެން ވެސް ހަމަ ތިހެން ހިތަށްއެރީ،" ހީނގެންފައި މުނާޒު ބުންޏެވެ. "ބުރުގާއަޅާފަ ހުރީމަ ނުވެސް އެނގުނު. އެއްކަލަ ފިރާއޭ އެއީ. ހީވޭ ދޯ ކުރިޔަށް ވުރެ ކިއުޓްހެން ވެސް؟"
"އަހަރެން ވެސް ވެއްޖެ އަންހެނުން ބުރުގާއަޅުވަން،" ޖަނާން ލިބުނު ފުރުސަތު ބޭނުންހިފިއެވެ. "އެކަމަކު މީޒާ ހިޔެއްނުވޭ އެއްބަސްވާނެހެނެއް. މިއަދު ޖެހޭނެ އެ ކަމާ އުޅެން."
މީޒާ ބުރުގާއެޅިއެވެ. ޖަނާންގެ ބައެއް އެކުވެރިން ތިބީ ހައިރާންވެފައެވެ. ޖަނާންގެ އަންހެނުން ބުރުގާއެޅީމައެވެ. ބައެއް އެކުވެރިންގެ ނަޒަރުގައި އަނބިމީހާގެ ފުރިހަމަ ކޮންޓުރޯލު އޮންނަނީ ޖަނާން އަތުގައެވެ. ބޭނުންވާ އިރަށް ބުރުގާ ވެސް އެޅުވުނީއެވެ. އެކަމަކު ވެދާނެކަމަށް މީޒާ ގާތުގައި ޖަނާން ބުނި ކަންތަކެއް ނުވިއެވެ. ގޭގެ އެކަކު ވެސް މީޒާޔާ ސުވާލެއް ނުކުރެއެވެ. ކުރިޔަށް ވުރެ ބޮޑަށް މީޒާޔާ ދިމާއަށް ބަލައެވެ. ކަޅިއަޅައެވެ. ބުރުގާއެޅި ދުވަހު މެންދުރު މީޒާ ކާން ވަން ވަގުތު، ކަޅުހެދުމޭ ކިޔަފައި އެއްޗެއް ބުނިހެން މީޒާއަށް ހީވިއެވެ. މީޒާ ފެނުމުން ވަގުތުން މައުލޫ ބަދަލުކޮށްލިއެވެ.
ކުރިން މީޒާ ގޮވައިގެން ޖަނާން ސައިކަލުދުއްވަން ދެއެވެ. ރެސްޓޯރަންޓުތަކަށް ވެސް ދެއެވެ. މަޑުމަޑުން ހުއްޓެމުން ގޮސް އެ ކަންތައް އެއްކޮށް ހުއްޓުނެވެ. ވިޔަފާރީގެ ކަންކަމުގައި މާ ބޮޑަށް އަވަދިނެތި އުޅެންޖެހުމުން ޖަނާނަށް ވަގުތު ނުވަނީއެވެ. ކުރިން ގެނެސްދޭ ރަނުގެ ހަދިޔާތައް މަޑުޖެހުނެވެ. ގަހަނާއެޅިޔަސް ނުފެންނާނެތީއެވެ. ވިޔަފާރި ދަތުރުތަކުގައި ކުރިޔަށް ވުރެ މާ ގިނައިން ޖަނާން ރަށުން ބޭރަށް ދާން ފެށިއެވެ. ޖަނާން ބުނާ ގޮތުން ނަމަ، ޖަނާން ބޭނުންވަނީ މީޒާ ގާތުގައި ހުންނާށެވެ.
މީޒާ ވިހަން ކައިރިވަމުން އައި އިރު ޖަނާން ގިނަ ވަގުތު ހޭދަކުރަނީ ގެއިން ބޭރުގައެވެ. ބައްޕަ އިތުރު ފިހާރައެއް ހުޅުވުމާއި، އާ ވައްތަރުތަކުގެ މުދާ ވިއްކަން ފެށުމުން، ވިޔަފާރީގައި ޖަނާންގެ ޒިންމާ ވެސް ބޮޑުވީއެވެ. ހަމަ އެހެންމެ ޖަނާނަށް ވަރަށް ބޮޑު މުސާރައެއް ވެސް ޖަނާންގެ ބައްޕަ ދޭން ފެށިއެވެ. ގޭގައި ކާ ދުވަސްދުވަހު މީޒާއަށް ގޮވުމުގެ ބަދަލުގައި ޖަނާން ކާން އިށީންނަނީ ބައްޕަޔާ އެއްކޮށެވެ. ކާމޭޒުމަތީގައި ވެސް ދެކެވޭން ފެށީ ވިޔަފާރީގެ ވާހަކައެވެ. ބައެއް ދުވަސްދުވަހު މީޒާއަށް ބައިވެރިވެވޭނީ ކެއުމުގެ މެދުތެރެއިންނެވެ. އަނެއްބައި ދުވަސްދުވަހު މީޒާ ކާންއިންދައި ޖަނާން ކައި ނިމިގެން ކޮޓަރިއަށް ވަދެއެވެ. އެ ކަމާ މީޒާ އެއްޗެއް ބުނާކަށް ނުޖެހެއެވެ. މީޒާގެ ޝަކުވާއެއް ނެތެވެ. ފިރިމީހާއަށް ލިބޭ ކޮންމެ ކުރިއެރުމެއްގެ ފަހަތުގައި ހުންނަން މީޒާ ބޭނުމެވެ. މީޒާއަށް ވަގުތު ދެވޭލެއް މަދުކަމުން އެންމެ ކަންބޮޑުވީ ވެސް ޖަނާނެވެ.
މީޒާ ވިހޭ ރޭ ވެސް ޖަނާނަށް އުޅެންޖެހުނީ ރާއްޖެއިން ބޭރުގައެވެ. އެ ރޭ މީޒާގެ ހިތަށް ތަދުވިއެވެ. އެ ތަދު ބޭރަށް ހާމަނުކޮށް ކެތްކޮށްލައިގެން އޮތީއެވެ. މީޒާ ގާތުގައި ގިނަ ވަގުތު ހޭދަކުރީ ހަފީޒާއެވެ. މީޒާގެ މަންމައެވެ. މަންމަ ކޮންމެވެސް އެއްޗެއް ބުނަން އުޅޭކަން މީޒާއަށް ޔަގީނެވެ. އެހެނަސް، އެ ސުވާލުކުރާނެ ރަނގަޅު ދަނޑިވަޅެއް ނުލިބުނެވެ. ދަންވަރުގެ ވަގުތު ފިޔަވައެވެ.
"މަންމަ އެއްޗެއް ބުނަން އުޅޭހެން ހާދަ ހީވެޔޭ!" ހަފީޒާގެ މޫނަށް ނުބަލައި މީޒާ ބުންޏެވެ.
ހަފީޒާ އިންކާރެއް ނުކުރެއެވެ. ސެހެރީއެއް ނުދަމައެވެ.
"ދަރިފުޅު ބުރުގާއެޅި ފަހުން ޖަނާން ހާދަ ދުރުވެއްޖޭ!" ހަފީޒާ ހިތް ހުޅުވައިލިއެވެ. "މަންމައަށް ވެސް އެނގޭ އޭނަ މިހާރު ބިޒީވާނެކަން. އެކަމަކު ފުރަތަމަ ދަރިފުޅު ލިބުނީމަ ވީޑިޔޯކޯލެއް ކޮށްލެވެން ޖެހޭނެ ދޯ؟ މި ދަނޑިވަޅު ދަރިފުޅު ބިރުގަންނަވާލާކަށް ނޫނީ ޝައްކުބަލި އުފައްދާކަށް ވެސް ބޭނުމެއް ނޫން. މަންމަގެ ވާހަކައަކީ މަންމަ އެބަ ބިރުގަނެޔޭ."
"ތި ކަމާ ނުވިސްނާ މާމަދަރިޔަށް ކިޔާނެ ނަމަކަށް ވިސްނަމާ!" މީޒާ ދެއްކީ އެހެން ވާހަކައެކެވެ.
"ތީ ވެސް ތެދެއް،" ހަފީޒާ ގަބޫލުކުރިއެވެ. "ކޮބާ ނަން ފޮތް؟"
މީޒާއާއި ހަފީޒާއަށް ރީތީ ޝީނުން ފެށޭ ނަމެވެ. އާތިފުގެ ހިޔާލު ވެސް ހުރީ އެހެންނެވެ. އެ ކަމުގައި ޖަނާންގެ މައިންބަފައިން ބައިވެރިއެއް ނުވެއެވެ. އެ މީހުން އުޅުނީ ވަރަށް ދުރުދުރުންނެވެ. ސަބަބެއް ނޭނގެއެވެ. ތިން މީހުންނަށް އެއްބަސްވެވުނު ނަމަކީ ޝަހުދުއެވެ. މާނައަކީ މާމުޔެވެ. ދެ ދުވަސް ފަހުން މާލެ އާދެވުނު ޖަނާނަށް ވެސް އެ ނަން ކަމުދިޔައެވެ. ޖަނާން އައީ ދަރިފުޅަށް ވަރަށް ގިނަ ހަދިޔާ ހިފައިގެންނެވެ. ދަރިފުޅަށް އެއްޗެހި ގަންނަން ހަދައިގެން މީޒާއަށް އެއްޗެއް ގަންނާނެ ވަގުތެއް ނުވިއެވެ. މީޒާ އެ ކަން ގަބޫލުކުރިއެވެ. ދަރިޔަކު ލިބުމުން ދެމަފިރިންނަށް ވެސް އިސްކަން ދެވޭނީ ދަރިފުޅަށެވެ.
އެއްބަސްވެފައިވާ ގޮތުގެ މަތިން، ހޮސްޕިޓަލުން މީޒާ ދިޔައީ ހަފީޒާގެ ގެއަށެވެ. ޖަނާން ގިނަ ވަގުތު އުޅުނީ އެ ގޭގައެވެ. ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ޖަނާން ބޭރަކަށް ނުނިކުމެއެވެ. ވިޔަފާރީގެ ގިނަ ކަންކަން ހަމަޖައްސަނީ ފޯނުންނެވެ. މީޒާއަށް މީރުވާނެހެން ހީވާ ކާއެއްޗެހި ގަނެގެން ގެނެސްދެއެވެ. ކާންދެނީ ޖަނާންގެ އަތުންނެވެ. ޖަނާން ބޭނުންވަނީ ދަރިފުޅު އަބަދު ވެސް ޖަނާންގެ އުނގުގައި އޮންނާށެވެ. ކުޑައެނދުގައި ބޭއްވިޔަސް އެނދު ކައިރިން ޖަނާން ދުރަކަށް ނުދެއެވެ.
ޖަނާންގެ ގެއަށް މީޒާ އެނބުރިދިޔައީ ހިތުންރުހުމުންނެވެ. ހަފީޒާ ދުށް ގޮތުގައި ހަފީޒާއަށް ކުރެވުނީ ކުށްހީއެކެވެ. ދަރިފުޅު ދެކެ ޖަނާނާއި ޖަނާންގެ މައިންބަފައިން ވެސް ވަރަށް ލޯބިވެއެވެ. ކުޑަދަރިފުޅުގެ ދުޅަހެޔޮކަމަށް ޓަކައި ހާއްސަ ސަމާލުކަމެއް އެ މީހުން ދިނެވެ. ކައްކާމީހާ ލައްވައި، މީޒާ ބޭނުން ކެއުމެއް ތައްޔާރުކުރަން ފެށިއެވެ. ބައެއް ފަހަރު ބޭރުން ވެސް އެއްޗެހި ގެނެއެވެ. ޝަހުދު ބަލަން މީހަކު ގެނައުމުގެ ފުރުސަތު ވެސް މީޒާއަށް ދިނެވެ. މީޒާ އެ ގޮތް ބޭނުން ނުވީއެވެ. ދެމަފިރިން ދެމެދުގައި ޖެހޭ ކަހަލަ ކުދިކުދި، ކޫސަނި މައްސަލަޖެހެއެވެ. އެހެނަސް މީޒާގެ އުފާތައް ދިޔައީ ގުނަވަމުން، އިތުރުވަމުންނެވެ.
ކައިވެންޏަށް ހަތަރު އަހަރު ފުރުނު އިރު މީޒާއަށް ދެވަނަ ދަރިފުޅު ލިބިއްޖެއެވެ. އަންހެންކުއްޖެކެވެ. އޭނައަށް ކިއީ ޝަހުދާއެވެ. ނަސީބު ރަނގަޅުކަމުން، ދެ ވައްތަރުގެ ދެ ކުދިން ލިބުނީއެވެ. ދެން ކުއްޖަކު ނުހޯދުމަށް މީޒާއާއި ޖަނާން ވެސް އެއްބަސްވިއެވެ. އެހާ ހިސާބަށް ދިޔަ އިރު، ކުރިން ލީ އެއްވެސް ހެދުމެއް މީޒާއަކަށް ނުލެވެއެވެ. އެ ކަން ފާހަގަވީ މީޒާއަށެވެ. ޖަނާން ނުވެސް ދެނަހުރި ކަހަލައެވެ. އެހެން ވެދާނެ ހެއްޔެވެ؟ އެއީ ޖަނާނަށް މައްސަލައަކަށް ނުވަނީ ހެއްޔެވެ؟ ނުވަތަ މީޒާޔާ މެދު ޖަނާން ސަމާލުކަންދިނުން ހުއްޓައިލީ ހެއްޔެވެ؟ މީޒާގެ ހިތުގައި ސުވާލު އުފެދެން ފެށިއެވެ. މީޒާ ގަބޫލުކުރާ އުސޫލެއް އޮވެއެވެ. ލޯބިވެވެނީ ތިން ސަބަބަކަށް ޓަކައެވެ. އޭނަގެ ސިފަ ރީތިވުމެވެ. އޭނަގެ މިޒާޖު ކަމުދިޔުމެވެ. އޭނަގެ ފަރާތުން ފައިދާއެއް ލިބުމެވެ. ސިފަ ހުތުރުވާން ފެށިޔަސް، މިޒާޖު ބަދަލުވާން ފެށިޔަސް، ފައިދާ ނުވާން ފެށިޔަސް ލޯތްބަށް ބަދަލުއަންނާނެއެވެ. ދެން އުފެދުނު ސުވާލަކީ، ޖަނާނަށް މީޒާ ކަމުދިޔައީ ކީއްވެގެން ހެއްޔެވެ؟
ނުނިމޭ