20 ފެބުރުއަރީ 2022 - 10:22

ރާއްޖޭގައި ފުޓްބޯޅަ ކުޅުމަކީ ތަފާތު އިހްސާސެއް ކުރުވާ ކަމެއް ކަމަށް، ވެލެންސިއާގެ ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިން ބުނެފި އެވެ.

މިދިޔަ މަހު ބޭއްވި ޕްރެޒިިޑެންޓްސް ކަޕް ވެލެންސިއާ އަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ ބުނީ ރާއްޖޭގެ ފުޓްބޯޅަ އޭނާ އަށް ސިފަ ކުރެވެނީ ތަފާތު ގޮތަކަށް ކަމަށެވެ.
"މިއީ ވަރަށް ބޮޑު ތަޖުރިބާއެއް. ސަބަބަކީ އަހަރެންގެ ކެރިއާގައި ފެނުނު ފުޓްބޯޅަ އަށް ވުރެ ތަފާތުގޮތަކަށް މިތާނގެ ފުޓްބޯޅަ އޮންނަނީ،" ބޯހަސް ބުންޏެވެ.
"ކޮންމެ ގޮތެއް ވިޔަސް ފުޓްބޯޅަ އަކީ ކޮންމެ ތަނެއްގައި އެއް ގަވާއިދުތަކަކަށް ކުޅޭ އެއްޗެއް. ކޮންމެ ތަނެއްގައި ވެސް އެންމެން ވެސް އިންތިޒާރު ކުރާ ލެވަލްއެއް ކުޅެން ތައްޔާރަށް ތިބެން ޖެހޭނެ."
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗް ރ. އަލިފުށީގައި ކުޅެ، އެ މެޗުން ވެލެންސިއާ މޮޅުކޮށްދިން ލަނޑު ޖަހައިދިން ބޯހަސް ބުނީ ފައިނަލް މެޗު ވެލެންސިއާ އަށް ކާމިޔާބުވުމަކީ ރާއްޖޭގެ ފުޓްބޯޅަ އަށް ވެސް ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ. ފައިނަލް މެޗު ކުޅުނުތާ އެތައް ދުވަހެއް ފަހުން ވެސް އެ މެޗުގެ ވާހަކަ ގިނަ ބަޔަކު ދައްކާފައިވުމަކީ އޭގެ ހެއްކެއް ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެންނަށް އެކަން ކާމިޔާބުކުރެވުނީމާ، އަހަންނަށް ފެނުނީ ވެލެންސިއާގެ ހުރިހާ މެންބަރުން ވެސް ވަރަށް ބޮޑަށް އުފާވެފައި ތިބިތަން. މި ކަމުގައި ބައިވެރިވުމަކީ ފުޓްބޯޅައިގައި ކުޅުންތެރިޔަކަށް އިހްސާސް ކުރެވޭނެ އެންމެ ރަނގަޅު އެއް ކަންތައް،" އޭނާ ބުންޏެވެ.
ބޯހަސް ބުނީ ޕްރޮފެޝަނަލް ކުޅުންތެރިޔެއްގެ އެންމެ ބޮޑު ޒިންމާއަކީ އަބަދުވެސް ތައްޔާރަށް ހުރުން ކަމަށެވެ. ހަށިގަނޑު ފިޓްކޮށް ބެހެއްޓުމާއި ކޮންމެ މެޗަކަށް ވެސް ލޯހުޅިވިފައި ހުންނަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
"މިސާލަކަށް ފައިނަލް މެޗު. އަހަންނަށް އެނގޭ މާޒިޔާއަކީ ވަރަށް ބޮޑު ޓީމެއްކަން. އެހެންވީމަ ގިނަ ފުރުސަތުތައް ހޯދަން އުނދަގޫވާނެކަން އެނގޭ. އެހެންވެ ސަމާލުކަން ދީގެން މަސައްކަތް ކުރީ،" ފައިނަލް މެޗުގެ އެކްސްޓްރާ ޓައިމްގައި ވެލެންސިއާ އަށް ލަނޑު ޖަހައިދިން ބޯހަސް ބުންޏެވެ.
"އަހަންނަށް އެނގޭ ލަނޑު ޖަހާނެ އެންމެ ފުރުސަތެއްކަން ލިބޭނީ. އެ ފުރުސަތުގެ ބޭނުން ހިފަން ޖެހޭނެކަން. އެގޮތަށް ފޯކަސްކޮށްގެން ކުޅުނީ."
ގިނަ އަހަރުތަކަކަށް ރާއްޖޭގައި ކުޅެން ވިސްނަންތޯ ސުވާލު ކުރުމުން ބޯހަސް ބުނީ ވެލެންސިއާއާ އެކު މިހާރު އޮތް ކޮންޓްރެކްޓް މި އަހަރުގެ ނިޔަލަށް ހަމަވުމުން އެކަމާ ވިސްނާނެ ކަމަށެވެ.
"އަހަރެންގެ އަމިއްލަ ގައުމުގައި އަމިއްލަ ސިޓީގައި ދިރިނުޅޭތާ މިހާރު 12 އަހަރު ވެއްޖެ. އެކި ގައުމުތަކުގައި ފުޓްބޯޅަ ކުޅުމުގައި 2010 އަކުން ފެށިގެން އަހަރެން މި ހޭދަކުރަނީ،" ސްޕެއިންގެ ކެނެރީ އައިލެންޑަށް އުފަން ބޯހަސް ބުންޏެވެ. "އެހެންވީމަ އެއީ ވަރަށް ދިގު މުއްދަތެއް. ބައެއް ފަހަރު އަމިއްލަ ގައުމުގެ ދިރިއުޅުމާއި އާއިލާއާ އެކު އުޅުނު ދުވަސްތައް އަލުން ގެންނަން ބޭނުންވޭ."