20 ފެބުރުއަރީ 2022 - 09:34

ޝާޔަންއާ 2016 ވަނަ އަހަރު ބައްދަލުވި ހަނދާނަކުން ފަށާނަމެވެ. ޝާޔަން ޝާހިދަކީ އޭރު ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރެކެވެ. އަހަރެމެން ތައްޔާރުވަމުން ދިޔައީ ޝާޔަންގެ އިންޓަވިއު އަކަށެވެ. އޭނާ އަކީ އެ ދުވަސްވަރު ޓީވީއެމުން ގެނެސްދިން މަގްބޫލު މޯލްޑިވިއަން އައިޑޮލްގެ ޕްރޮޖެކްޓް ހެޑް ވެސް މެއެވެ. – މުޅިން ވެސް އުފާވެރި ޚަބަރެވެ. ވަރަށް ސަޅި ލައިފެކެވެ. އެކަމަކު އެ ދުވަހުގެ ބައްދަލުވުމުގައި އޭނާގެ މޫނު މަތިން ފާޅުވަމުން ދިޔަ އާދަޔާހިލާފު އުފާވެރިކަމުގެ ސިއްރަކީ އެ ލައިފެއް ނޫނެވެ. – އެކަމަކު ސިންގަލް ލައިފެއްގެ އުފަލެވެ. – އެކްޓަރު އަބްދުﷲ މުއާޒު (މުއާ) އާ ކުރި ކައިވެނި ނިމުމަކަށް އައިސް ސިންގަލްވުމުގެ އުފަލެވެ.

އެ ބައްދަލުވުމަށް ފަހު އޭނަ އެ ވާހަކަ ބުނަން ވެސް ބުންޏެވެ. ނުވަތަ އެ އުފާވެރިކަން ބޭއިހުތިޔާރުގައި ބަންޑުންކޮށްލެވުނީ އެވެ.

އޭގެ ހަ އަހަރު ފަހެވެ. ޝާޔަންއާ މީގެ ދެ ތިން މަހެއްހާ ދުވަސް ކުރިން މާލެއިން ބައްދަލުވިއިރު މިފަހަރު ވެސް އެންމެ އަޅައިގަތީ އޭނާގެ މޫނުމަތިން ފާޅުވަމުންދިޔަ ހިތްހަމަޖެހުމާއި އެއްކަހަލަ އުފާވެރި ކަމެވެ. އެ ދުވަހުގެ ބައްދަލުވުމުގައި ވެސް އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔަ ހިނިތުންވުމެވެ. – އާނއެކެވެ. އަނެއްކާ ވެސް ސިންގަލް ލައިފެއްގެ އުފަލެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް، އުފާވެރި މިނިވަން ހަޔާތެއްގެ އާ ފެށުމަކާއި އޭގެ ހިތްހަމަޖެހުމެވެ.

އަހަރެންގެ ހިތުގައި އުފެއްދި ސުވާލު ދެން އޭނާ އާކޮށްލީމެވެ.

ޝާޔަންގެ އެންމެ ބޮޑު އުފަލަކީ އަދި ފަހުރަކީ ކޮބައި ހެއްޔެވެ؟
"އަމިއްލަ މަސައްކަތުން، ވަރަށް ބުރަ މަސައްކަތުން އަމިއްލަ ފައި މައްޗަށް ތެދުވި މީހެއް އަޅުގަނޑަކީ. އެ މިނިވަން އިހުތިޔާރާއި ބާރު. އަމިއްލަ ލައިފްގެ ރިމޯޓް ކޮންޓްރޯލް، އަމިއްލަ އަތުގައި އަބަދު ވެސް އޮތުން،" ޝާޔަން ބުނެލި އެވެ.
މީގެ ހަ އަހަރު ކުރިން ޝާޔަންގެ އަތުގައި އެ ރިމޯޓް އޮތެވެ. އޭގެ ފަހުން މިއަދު އަނެއްކާ ވެސް އެ ލައިފްގެ ހުރިހާ ކޮންޓްރޯލެއް އޭނާގެ އަތަށް އެރީއެވެ. – ރިމޯޓް އަތުން ދޫވެ ވަޅުގަނޑަކަށް ވެއްޓިގެން ދިޔަޔަސް، މޫނުމަތިން ފާޅުވަމުންދިޔަ އުފާވެރިކަމުގެ ހަގީގަތަކީ މިއެވެ.
އެކަމަކު ޝާޔަން ޝާހިދަކީ އެއްގޮތަކަށް ވެސް ބައެއްގެ މެދުގައި މާކަ މަގްބޫލު ޝަހުސިއްޔަތެއް ނޫނެވެ. ވަރަށް ގިނަ މީހުން ހިތަށް އަރާނީ އަދި ބުނާނީ ވެސް މިހެންނެވެ. ވަކިން ހާއްސަކޮށް ޕީއެސްއެމްގެ ވެރިން އޭރު ހޭވި ހަޑީގެ އެންމެ "ރީތި މޫނެއް"ގެ ގޮތުގައި އެންމެނަށް ވެސް އޭރު ފެނުނީ ޝާޔަން އެވެ.
އެކަމަކު މިއަދުގެ 'ޗާރާ ސްޓޯރީ' އަކީ އެއްގޮތަކަށް ވެސް އެ ހަޑީގެ ވާހަކައެއް ނޫނެވެ. އެކަމަކު ޝާޔަންގެ ހަޔާތުގައި ޖެހުނު 'ހަޑިއެއް' ގެ ވާހަކައެވެ. ޕީއެސްއެމްގެ ސްކެންޑަލްގަނޑަށް ފަހު ޕީއެސްއެމުން އޭރު ވިއްކި އެންމެ ރީތި މޫނު ކުއްލިއަކަށް އާންމުންގެ ލޯތަކަށް ގެއްލިގެން ދިޔަ ވާހަކައެއް ވެސް ނޫނެވެ. އެކަމަކު ޝާ--ޔަން، އާންމުންގެ ލޯތަކަށް ގެއްލުވާލި އަސްލު ސަބަބެވެ. – ޕީއެސްއެމްގެ އެ އަރާމަށް ފަހު އޭނާގެ ހަޔާތަށް އެރި ފުރޭތައެއްގެ ވާހަކައެވެ.
"އަޅުގަނޑަކީ 24 ގަޑިއިރު މަސައްކަތުގައި އުޅޭ މީހެކޭ ބުންޏަސް ރަނގަޅުވާނެ. އަޅުގަނޑަކީ ހަމަ ވޯކަހޯލިކެކޭ ބުނެވިދާނެ. އެގޮތަށް، އެހާ ގިނައިރު މަސައްކަތްނުކޮށް ހުންނަންޏާމު އައި އެމް ނޮޓް އީވެން މައިސެލްފް،" ޝާޔަން އޭނާގެ ކެރިއާ އޮރިއެންޓެޑް ލައިފްގެ އެންމެ ބިޒީ ދުވަސްތަކުން ސަފުހާތައް އުކައިގަތެވެ.
"އެކި މީހުން ތަފާތުވާނެ. ބައެއް މީހުންނަކީ ވަރަށް ކެރިއާ ފޯކަސްޑް މީހުން."
"އެހެންވީމަ އެންމެ ކުޑައިރު ވެސް، އޯލެވެލް ނިންމި ހިސާބުން ފެށިގެން ވެސް އަޅުގަނޑު ފަށައިފިން މަސައްކަތްކުރަން. އަމިއްލަ މަސައްކަތުން އިންކަމްއެއް ހޯދައިގެން އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ދަތުރުފެށިއްޖެ. އިންޑިޕެންޑެންޓްވުމުގެ ދަތުރު."
"އޭރު ވެސް ޕާސަނަލް ލައިފާއި ލޯބިވެރިންނާއި މީހުންނާ އިނުމަކީ އެއްގޮތަކަށް ވެސް މުހިންމު ކަމެއް ނޫން އަޅުގަނޑުގެ ލައިފުގައި."
އެކަމަކު ވަކި ހިސާބަކުން ދެން މީހަކާ ވެސް އިންނަން ޖެހޭނެއެއް ނޫން ހެއްޔެވެ؟ އޭނާ ބުނީ މިހެންނެވެ.
"ވިމެން އެމްޕަވާމެންޓާއި ވޯކް ލައިފާއި ޕާސަނަލް ލައިފް ބެލެންސްކުރުމަކީ މީހުންގެ މެދުގައި ވަރަށް ހިޔާލު ތަފާތު އަދި ވަކިން ހާއްސަކޮށް އަންހެނަކު އެ ބެލެންސަށް ލައިފުގައި މަސައްކަތްކުރުމަކީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް. ހާއްސަ ގޮތެއްގައި އަޅުގަނޑުމެންގެ މި މުޖުތަމައުގައި."
މި ރާޅާއި ބާނިތަކުގެ ތެރެއިން ގޮސް މުއާއާ އެކު ފެށި ޒަވާޖީ ހަޔާތަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ޝާޔަން ބަދަލުކޮށްލި ބަދަލެކެވެ. ނަމަވެސް ދެން ވެސް ބަދަލުނުވި އެއް ކަމެއް އޮތެވެ. އަދި ގުރުބާން އޭނާ ނުކުރި ކަމެއް ވެސް އޮތެވެ. މިނިވަން އިހުތިޔާރާއި އޭނާގެ ކެރިއަރެވެ.
"މުއާ އަސްލު ވެސް ވަރަށް ސަޕޯޓިވް އަޅުގަނޑުގެ ޕާޓްނަރެއްގެ ގޮތުގައި އަޅުގަނޑުގެ ވޯކްލައިފަށް. ވަކިން ހާއްސަކޮށް ޕީއެސްއެމްގައި އެހާ ބިޒީކޮށް އުޅުނުއިރު،" ޝާޔަން ބުންޏެވެ.
"ޕީއެސްއެމްގެ ޖޮބް އަދާކުރަމުން ކުޑަކުޑަ ކުއްޖަކު ބަލަމުން، އަނެއްކޮޅުން މާސްޓާސް އަށް ކިޔަވަމުން ދިޔައީ ވެސް އެ ދުވަސްކޮޅު. އަނެއްކޮޅުން މޯލްޑިވިއަން އައިޑޮލްގައި ޕްރޮޖެކްޓް ހެޑަކަށް ވެސް މަސައްކަތްކުރަމުން ދިޔައީ. އެއީ ވަރަށް ބައިވަރު މަސައްކަތް."
"އަނެއްކޮޅުން ޕޮލިޓިކަލް ޕްރެޝާ ވެސް ބޮލަށް ލައިގެން. އެހެންވީމަ އެ ދުވަސްކޮޅު ޕާޓްނަރެއްގެ ފަރާތުން ލިބެން ޖެހޭ ވަރުގެ ސަޕޯޓް ލިބިގެންދިޔަ މުއާގެ ފަރާތުން."
އެކަމަކު ޝާޔަންގެ އެ ލައިފުގައި ލޯތްބަށް ވަގުތު ނުދެވި ވަގުތު ހުސްކުރެވުނީ މަސައްކަތަށެވެ. އެކަމުގައި "އެއްވެސް ރިގްރެޓެއް" ނެތް ކަމަށް ބުންޏަސް ޝާޔަން ބުނަނީ ލޯތްބަށް އޭނާގެ ދިރިއުޅުމުން ވަގުތު ހުސްކުރަން ނިންމި ނިންމުމަކީ އެ ދިރިއުޅުން ހަގީގަތުގައި އަނެއްފުށަށް ޖަހާލި ހިސާބު ކަމަށެވެ.
ވަކިން ހާއްސަކޮށް ޕީއެސްއެމްގެ "ވެރިން ހޭވި ހަޑި"އަށް ފަހު ޝާޔަން ބުނީ އޭނާގެ ދިރިއުޅުން ވެއްޓިގެން ދިޔަ ހިސާބަކީ މިފަދަ އިންޓަވިއުއެއްގައި ކިޔައިދޭން ވެސް އުނދަގޫ ވާހަކަތަކެއް ކަމަށް އޭނާ ބުންޏެވެ.
"އޭރު އައި ހެޑް އަ ލޮޓް އޮފް ފްރެންޑްސް. ދުވާލެއް ނިމިގެން ދާނީ ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ގުޅައި އެ މީހުންނަށް ޖަވާބު ވެސް ނުދެވި. އެހާ ބައިވަރު މީހުން އަދި އޭރު ގުޅާނެ. ބައްދަލުކުރަންށާ ކޮފީ އަށް ދާން ވެސް އެތައް ބަޔަކު ގުޅާނެ. އެކަމަކު ކުއްލިއަކަށް އެ ހުރިހާ އެންމެން ގެއްލިގެން ދިޔައީ،" ޕީއެސްއެމްގެ ވަޒީފާ ގެއްލިގެން ދިއުމާ އެކު ދިރިއުޅުމުގެ ދަތުރު ނަގައިދޭން ފެށި ފިލާވަޅު ކިޔައިދެމުން ޝާޔަން ބުންޏެވެ.
"ހަޔާތުގެ މި ދަތުރުގައި އަހަންނަށް ދަސްވި ކަމަކީ ތިން ވައްތަރެއްގެ ރައްޓެހިންނޭ އުޅޭނީ މީހެއްގެ ލައިފުގައި. އެއް ބަޔަކީ ބާރާއި ނުފޫޒުގެ ފައިދާ ލިބިގަތުމަށް އަންނަ މީހުން. އަނެއް ބަޔަކީ ލާރި އޮތީމަ ނުވަތަ މުއްސަނދި އާއިލާއަކަށް ނިސްބަތްވާތީ އަންނަ ރައްޓެހިން. ދެން މި ތިބެނީ ޓްރޫ އަސްލު ރައްޓެހިން."
އެހެންވީމަ ޝާޔަން އާންމުންގެ ލޮލަށް ގެއްލުވައިލި ސަބަބަކީ ކޮބައި ހެއްޔެވެ؟
"ފޭމް އާއި މަނީއެއް ނޫން ލައިފް ބަދަލުކޮށްލީކީ. އަހަރެން އަހަރެންގެ އަމިއްލަ ނަފުސަށް ކުރި އިތުބާރު ގެއްލުނު ހިސާބުން ހުރިހާ ކަމެއް ބޮއްސުންލީ. ރިމޯޓް ކޮންޓްރޯލް ގެއްލުނު ހިސާބުން އެ ކޮންފިޑެންސް ގެއްލުނީ. އެ ހިސާބުން ވެއްޓިގެން ދިޔަ ގޮތަށް ދިޔައީ އަޑިއަށް ހިފެހެއްޓުމެއް ނެތި،" އޭނާ ބުނެލިއެވެ.
"ޝާޔަން ޝާޔަންއަކަށް ވަނީ އެ މިނިވަންކަމާއި އިތުބާރާ އެކު މަސައްކަތްކުރެވުނީމަ."
އެހެންވީމަ އެ މިނިވަންކަން ޝާޔަންގެ ހަޔާތުން ޖަހައިގަތީ ކޮން ބާރެއް ހެއްޔެވެ؟
ލޯތްބެވެ! ލޯތްބަށް ދިން ވަގުތެވެ!
ޕީއެސްއެމްގެ ކުލަ ދުވަސްތަކަށް ފަހު ޝާޔަން ފާޑަކަށް އިސްޓޭޖުން ވެއްޓުނީ އެވެ. ހަޔާތަށް އަޅުވާފައި ހުރި ސްޕޮޓްލައިޓް ނިވުނީ އެވެ. ވަޒީފާއަކަށް ނުގޮސް، ރައްޓެހިންނާ އެކު ކޮފީގެ އުފާވެރި އަނގަތަޅާލަން ނުދެވި ގޭގެ ފަނޑު އަނދިރީގައި ފާޑަކަށް އެކަނިވީ އެވެ. – އަދި ލޯތްބަށް އޭނާގެ ހިތުން ޖާގައެއް އުފަންވީ އެވެ.
"މުއާއާއެކު އުޅުނުއިރަކު ޕާސަނަލް ލައިފަކަށް އަސްލު އެހާ ވަގުތެއް ނުދެވޭ. ޕީއެސްއެމް އަށް ފަހު ދެން ލިބުނު ބްރޭކުގައި އެކަމަކު ވަރަށް މަސައްކަތްކުރިން ޕާސަނަލް ލައިފް ހަމައަކަށް އަޅުވަން،" ޝާޔަން ބޭނުންވީ އޭނާގެ ލައިފު ހުއްޓުމަކަށް ގެނެސް ވެއްޓުމަކަށް ހަދާލި ހުއްޓުން ލޯބީގެ ބްރޭކަކަށް ހަދާށެވެ.
ހަޔާތަށް ވެރިވި ހުރިހާ ނެގެޓިވް ވައިބެއް ލޯތްބަށް ބަދަލުކޮށްލާށެވެ. ލޯބި އޭނާ ސަލާމަތްކޮށްދޭނެ ކަމަށް ގަބޫލުކޮށެވެ. އެކަމަކު ލޯބީގެ ނަމުގައި އޭނާގެ ހަޔާތަށް ދެން އެރީ ފުރޭތައެކެވެ. ޖެހީ ކަސްތޮޅެވެ.
'ލޯބީގެ ކަސްތޮޅަކީ' ކޮބައި ހެއްޔެވެ؟ ޝާޔަންއަކަށް އެ ވާހަކަތައް އެންމެ ފުރަތަމަ ކިޔައެއް ނުދެވުނެވެ. ހަޔާތުގެ ދަތުރު އޭނާ ނަގައި އެއްލައިލި މި ހިސާބުގެ ވާހަކަ ފެށުމުން އެ އަޑު ތުރުތުރުލައިގަތެވެ. އަޑު ކެނޑެން ފެށިއެވެ. ދެ ލަފުޒު ގަތައި ނުލެވޭ ވަރަށެވެ.
އެހެންވެ މި ވާހަކަ ކިޔައިދޭން ހީކުރި ވަރަށް ވުރެ ގިނަ އިރު ނެގިއެވެ. ރަނގަޅަށް ހަމަޖެހިލާން ޖެހުނެވެ. އަދި ލައިފަށް ދައުވަތު ދެވުނު "ޕާފެކްޓް ގައި" ގެ ވަކިތަކުން ހެދުނު ލަކުނުތައް ލަފުޒުތަކުން ސިފަކޮށްދޭން މަޑުމަޑުން ފެށުނެވެ.
"އަހަރެން ހީކުރީ ފަހުން ދިމާވި މި މީހާ އަކީ، އައި ތޯޓް އައި ފައުންޑް ދި ޕާފެކްޓް ގައިއޭ. އޭރުގަ ހަމަ އަސްލު ވެސް. އެހެންވީމަ އަހަރެން ބޭނުންވީ އަހަރެންނަށް ދެވުނު ހުރިހާ އެއްޗެއް އެ ރިލޭޝަންޝިޕަށް ދޭން. އަހަރެން ބޭނުންވީ އަހަރެންގެ ބެސްޓް ދޭން،" ޝާޔަން ކިޔައިދިނެވެ.
ބެސްޓް ދޭން ހަދައިގެން "ބެސްޓް ލައިފް" ޝާޔަންގެ އަތުން ބީވެގެންދިޔައީ އެވެ.
"އަހަރެން އެ ރިލޭޝަންޝިޕް ވޯކްކުރަން ބޭނުންވެފައި ހުރިވަރު ބޮޑުކަމުން އަހަރެންގެ ލައިފުގެ އެންމެ މުހިންމު ކަމަކަށް ވެސް ހެދީ އެ ރިލޭޝަންޝިޕް. އެއީ އަބަދުގެ އަބަދަށް ވެސް އެ ރިލޭޝަންޝިޕްގައި އެމީހާއާ އެކުގައި އުފަލުގައި އުޅުމުގެ އުއްމީދުގައި. އެގޮތް އެވަރަށް ވެސް ބޭނުންވެފައި ހުރެވުނީތީ،" އޭނާ ކިޔައިދިނެވެ.
"ވަރަށް ހޯޕްސް ދެވުނު ރިލޭޝަންޝިޕެއް އެއީ. ސަބަބަކީ އޭރު އަހަރެންގެ ލައިފުގައި އަހަރެން އެއަށް ވުރެ ބޮޑަށް ބޭނުންވި ހަމަ އެއްވެސް އިތުރު ކަމެއް ނެތީމަ. އެކަމަކު އެކި މީހުންނަށް އެ މީހުންގެ ލައިފުގައި ހިތްދަތި ދުވަސްތައް ތަޖުރިބާކުރަން ޖެހެނީ އެކި ވަރަށްހެން އަޅުގަނޑަށް ހީވަނީ. އެ ޕެއިންފުލް މޮމެންޓްސްތައް އަޅުގަނޑުގެ ދިރިއުޅުމަށް ވެސް އައި."
އެކި ސިފަސިފައިގެ އަނިޔާގެ ގޮތުގަ އެވެ.
"މި ވާހަކަ ދެއްކީމަ ވެސް ތުރުތުރުއަޅާއެބަ. އެކަމަކު ފިޒިކަލް އެންޑް މެންޓަލް އެބިއުސް ވެސް ކުރިމަތިވި އެ ރިލޭޝަންޝިޕްގައި."
ދެން ޝާޔަން ކިޔައިދިނީ ގިނަ މީހުން ގަބޫލުނުކުރާނެ ހަގީގަތެކެވެ.
"ވަރަށް ކުޑަ މިސާލެއް: ރައްޓެހިންނާ އެކު އަހަރެން ތަނަކަށް ދާން ހިތްހަމަނުޖެހުން. ރައްޓެހިންނާ އެކު އަހަރެން ތަނަކަށް ހިނގައްޖެ ނަމަ އެހިސާބުން ރިލޭޝަންޝިޕް ނިމުނީ. އެގޮތަށް އިންޒާރު ދިނުން އެއީ ވެސް އަސްލު އިމޯޝަނަލް އެބިއުސް އެކުރެވެނީ. މީހަކު އަދި ގަބޫލުކުރިޔަސް ނުކުރިޔަސް ވެސް،" ޝާޔަން ކިޔައިދިނެވެ.
"އެގޮތަށް އިންޒާރު ދޭ މީހަކާ އެކީ އުޅޭ ނަމަ، ރައްޓެއްސަކާ އެކު ބޭރަށް ދާން އެ އަންހެން ކުއްޖަކު ހުންނާނީ އޭނާގެ އުމުރު ދުވަހު ބިރުގެންފައި. މިގޮތަށް ކިޔައިދޭ ނަމަ މިހެން ކިޔައިދެވިދާނެ އެކި ވަރުގެ އެކި ކަހަލަ އެބިއުސް އެބަހުރި އަހަރެން ވެސް ތަޖުރިބާކޮށްފައި."
ނަމަވެސް ޝާޔަން ބުނީ އޭނާ ތަޖުރިބާކުރަން ޖެހުނު ހުރިހާ 'އަނިޔާއެއް' ކިޔައިދޭން ބިރު ގަންނަ ކަމަށެވެ.
"އެބިއުސިވް ރިލޭޝަންޝިޕެއްގައި ބަންދުވުމަކީ މީހާ އެހެން މީހުންނާ ވަކިކޮށް ދުރުކޮށް އެކަހެރިކޮށް ބާކީވެގެންދާ ކަމެއް. ވަކިން ހާއްސަކޮށް އަނިޔާ ލިބޭ މީހާގެ ވާހަކަ އަޑުއަހާނެ، ގަބޫލުކުރާނެ މީހަކު ނެތް ނަމަ ލިބޭ އެކަނިވެރިކަމާއި ހިތްދަތިކަން ބޮޑުވޭ،" އޭނާ ބުންޏެވެ.
"އަޅުގަނޑު ލަދެއް ނުގަނޭ އަޅުގަނޑުގެ ލައިފް ވެއްޓިގެން ދިޔަ އެ ހާލަތުން ސަލާމަތްވުމަށް އަދި އޭގެ ސަބަބުން މެންޓަލީ ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް އަޅުގަނޑު ޕްރޮފެޝަނަލް ހެލްޕް ހޯދަން ދިޔަ ވާހަކަ ކިޔައިދޭކަށް. އެއީ އަމިއްލަ މީހާގެ ނަފުސު ހުލިވެ ހަލާކުވަމުންދާހެން ހީވާން ފެށީމަ. އަހަރެންނަކީ ކުރީގެ ޝާޔަންއެއް ނޫންކަން އެންމެފަހުން އިހުސާސްވާން ފެށީމަ."
ޝާޔަންގެ ހަޔާތުގައި 'އެ މީހާ' ޖެހި ކަސްތޮޅު މި ވާހަކަ އަހަރެމެން މި ކިޔައިދޭ ވަރަށް ވުރެން އެތައް ގުނައެއް ދިގެވެ. އެކަމަކު އެ ޗޭނު ޝާޔަން އެންމެފަހުން ކޮށާލައިފި އެވެ. އަދި ލައިފް އަނެއްކާ ވެސް މަޑުމަޑުން ހަމައަކަށް އަޅުވަމުން އަންނައިރު ޝާޔަން ބުނަނީ ލޯގަނޑު ކުރިމައްޗަށް އަރައި ބަލައިލީމަ މިހާރު އަނެއްކާވެސް ކުރީގެ ޝާޔަން ފެންނަކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.
"އައި ހޭވް ހިޓް މައި ރޮކް ބޮޓޮމް. އެކަމަކު ދެން، ލައިފްގެ ރިމޯޓް މީހަކަށް ނުދޭނަން. އެއްވެސް މީހަކު އަސްލު އެ ރިމޯޓް އެހެން މީހަކަށް ދޫކޮށްލައިގެން ނުވާނެހެން އަޅުގަނޑަކަށް ހީވަނީ،" ޝާޔަން ބުނެލި އެވެ.