ފްލައިޓްތައް ޖައްސަން އުޅޭ ގޮތަށް މަޖާ ކޮމެންޓްރީތައް ދީގެން ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި
ފްލައިޓްތައް ޖައްސަން އުޅޭ ގޮތަށް މަޖާ ކޮމެންޓްރީތައް ދީގެން ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި

އިނގޭރިވިސާލަތަށް މިދިޔަ ހުކުރު ދުވަހު އެރި ތޫފާން ޔޫނިސްގައި ގަޑިއަކު 122 މޭލަށް ވައިގަދަވެ އެވެ. މޫސުން ގޯސްވުމުން ގެއިން ނުނިކުންނަން ކަމާބެހޭ އިދާރާތަކުން އެންގުމުން، އެވީ ވަގުތުގައި ގިނަ ބައެއް ސަމާލުކަން ލިބުނީ އެ ގަދަ މޫސުމުގައި ލަންޑަންގެ ހެތުރޫ އެއާޕޯޓަށް ދިޔަ ފްލައިޓްތައް ރަންވޭ އަށް ތިރިކުރަން އުޅޭ ހާލު، ޔޫޓިއުބުން ލައިވްކޮށް ދައްކަމުން މީހަކު ދެމުން ދިޔަ މަޖާ ކޮމެންޓްރީތަކަށެވެ.

ގާތްގަނޑަކަށް އަށް ގަޑިއިރަށް ދެމިގެންދިޔަ އެ ލައިވް ސްޓްރީމް 200،000 ގިނަ މީހުން ވަގުތުން ބެލި އެވެ. އަދި މިހާތަނަށް މި ވީޑިއޯ ބެލި އަދަދު ވަނީ ހަ މިލިއަން ވުރެ ވެސް މައްޗަށް ގޮސްފަ އެވެ.

އާދަޔާ ހިލާފަށް ވައިގަދަވުމުގެ ސަބަބުން، ފްލައިޓްތައް އެއާޕޯޓަށް ތިރިކުރީ ވަރަށް އުނދަގުލުންނެވެ. އެ މަންޒަރުތައް "އަވްގީކް ޖެރީ ޑަޔާސް ބިގް ޖެޓް ޓީވީ" ކިޔާ ޔޫޓިއުބް ޗެނަލްގެ ވެރިޔާ ދިޔައީ ފުޓްބޯޅަ ކަހަލަ ކުޅިވަރުތައް ކުޅޭއިރު އިވޭ ކޮމެންޓްރީތަކާ ދާދި އެއްގޮތަކަށް ކިޔައިދެމުންނެވެ. އޭނާ އަކީ އެ އެއާޕޯޓާ ކައިރީގައި ދިރިއުޅޭ މީހެކެވެ. އެ މަންޒަރުތައް އޭނާ ލައިވް ކުރީ ވެސް ގޭގައި ހުރެގެންނެވެ.

އެ ކޮމެންޓްރީގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ އެ އެއާޕޯޓަށް ޖައްސަން ދިޔަ ގަތަރު އެއާވޭސްގެ އޭ380 މަރުކާގެ ފްލައިޓަކަށެވެ. އެ ފްލައިޓް ދެ ފަހަރެއްގެ މަތިން ރަންވޭ އަށް ތިރިކުރަން އުޅެފައި ވެސް ވައިގަދަވުމުން އެކަން ނާކާމިޔާބުވި އެވެ. އެ ފްލައިޓަށް ރަންވޭ އަށް ޖެއްސުނީ ތިން ވަނަ ފަހަރުންނެވެ.

އެ ފްލައިޓް ޖައްސަން ދިޔަ ވަގުތު 53،000 ވުރެ ގިނަ މީހުން ދިޔައީ އެ ފްލައިޓް ޓްރެކް ވެސް ކުރަމުންނެވެ.