20 ފެބުރުއަރީ 2022 - 00:02

ލަންޑަން (ފެބްރުއަރީ 19) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ ކުޅުނު މެޗުގެ އެންމެ ފަހު ވަގުތުގައި ހަކީމް ޒިޔެޝް ޖެހި ލަނޑުން 1-0 އިން ކްރިސްޓަލް ޕެލަސް ބަލި ކޮށްފި އެވެ.

ރަށުން ބޭރުގައި ޗެލްސީ މިރޭ ކުޅުނު މެޗަކީ ފީފާ ކްލަބް ވޯލްޑް ކަޕް މިދިޔަ ހޮނިހިރު ދުވަހު ކާމިޔާބު ކުރުމަށް ފަހު ކުޅުނު ފުރަތަމަ މެޗެވެ. އޭގެ ކުރިން ލީގުގައި އެންމެ ފަހުން ޗެލްސީ މެޗެއް ކުޅުނީ ޖެނުއަރީ މަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ އެންގޯލޯ ކަންޓޭ އާއި އެންޓޯނިއޯ ރުޑިގާ ފޮނުވާލި ދެ ހަމަލާ ޕެލަސްގެ ކީޕަރު ވިސެންޓޭ ގައިޓާ ދިފާއު ކުރި ނަމަވެސް، އަނިޔާގެ ސަބަބުން ދެވަނަ ހާފަށް ވަނީ ބަދަލު ކީޕަރު ޖެކް ބަޓްލެންޑް އަރުވައިފަ އެވެ.
ކްރިސްޓަލް ޕެލަސް އިން ވެސް ވަނީ ޗެލްސީގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފަ އެވެ. އެޓީމުން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް އެންމެ ހަމަލާއެއް ވެސް ގޯލާ އަމާޒެއް ނުވި އެވެ. އެޓީމުން ފޮނުވާލި އެންމެ ނުރައްކާތެރި ދެ ހަމަލާ ފެނުނީ ފުރަތަމަ ހާފުގަ އެވެ. މައިކަލް އޮލީސް އާއި ވިލްފްރެއިޑް ޒާހާ ފޮނުވާލި ހަމަލާ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.
ފުރިހަމަ ވަގުތު ހަމަވާން 15 މިނިޓަށް ވެފައި ވަނިކޮށް ޒިޔެޝް ވަނީ ގޯލެއް ޖަހައިފަ އެވެ. މަޓެއޯ ކޮވަސިކް ދިން ބޯޅައަކުން ރޮމެލޫ ލުކާކޫ ފޮނުވާލި ހަމަލާ ކީޕަރު ބަޓްލެންޑް ދިފާއުކުރުމުން، ރީބައުންސްވި ބޯޅަ ޒިޔެޝް ގޯލަށް ފޮނުވާލި އެވެ. ނަމަވެސް، ވީއޭއާރު ރިވިއު އަށް ފަހު ލުކާކޫ އޮފްސައިޑުގައި ކަމަށް ބަލައި އެ ގޯލު ބަލައިގެންފައެއް ނުވެ އެވެ.
ޗެލްސީ މޮޅުވި ލަނޑު 89 ވަނަ މިނިޓުގައި ޒިޔެޝް ޖަހައިދިނީ މާކޮސް އޮލޮންސޯ ދިން ޕާހަކުންނެވެ. މިއާ އެކު ޒިޔެޝް ވަނީ އެންމެ ފަހުން ޗެލްސީ ލީގުގައި ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.
ލިވަޕޫލް ވަނީ މިރޭ އަމިއްލަ ދަނޑުގައި ނޯރިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-1 އިން ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހި އެއްވަރުވި އިރު، ނޯރިޗުން ލީޑު ނެގީ 48 ވަނަ މިނިޓުގައި މިލޯ ރަޝިކާ ޖަހައިދިން ލަނޑުންނެވެ.
ލިވަޕޫލުން އެއްވަރުކުރީ 64 ވަނަ މިނިޓުގައި ސަޑިއޯ މާނޭ ޖެހި އޯވަހެޑް ކިކަކުންނެވެ. އޭގެ ތިން މިނިޓު ފަހުން ގޯލްކީޕަރު އެލިސަން ބެކާ ފަހަތުން ފޮނުވާލި ބޯޅަ ހޯދައި، އެޓީމުގެ ކީޕަރު ކައިރިން ނައްޓާފައި ސަލާހު ޖެހި ލަނޑުން ލިވަޕޫލުން ލީޑު ނެގި އެވެ. މިއީ ސަލާހު ލިވަޕޫލަށް ޖަހައިދިން 150 ވަނަ ލަނޑެވެ. ތިންވަނަ ލަނޑު ޖަހައިދިނީ ޖެނުއަރީ ޓްރާންސްފާގައި ޕޯޓޯ އިން އެޓީމަށް ގެނައި މިޑްފީލްޑަރު ލުއިސް ޑިއާޒް އެވެ.
މި ނަތީޖާއާ އެކު ދެވަނައިގައި އޮތް ލިވަޕޫލާއި، ތިންވަނައިގައި އޮތް ޗެލްސީ ވެސް ވަނީ 25 މެޗު ކުޅެފަ އެވެ. ޗެލްސީ އަށް 50 ޕޮއިންޓް ލިބިފައި ވާއިރު ލިވަޕޫލް އޮތީ ހަތް ޕޮއިންޓް ކުރީގަ އެވެ.
އާސެނަލް ވެސް ވަނީ މިރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބު ކޮށްފަ އެވެ. މި މެޗުގެ ލަނޑުތައް ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި އެމީލް ސްމިތު ރޯ ލީޑު ނަގައިދިން އިރު، ދެވަނަ ލަނޑު 79 ވަނަ މިނިޓުގައި ޖަހައިދިނީ ބުކާޔޯ ސަކާ އެވެ. ބްރެންޓްފޯޑަށް ސުން ކަނޑުވައިދިނީ އިތުރު ވަގުތުގައި ކްރިސްޓިއަން ނޯގާޑެވެ.
މި ނަތީޖާއާ އެކު ހަވަނައިގައި އޮތް އާސެނަލް ވަނީ ފަސްވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފަ އެވެ. މިއަދު ހަވީރު ވެސްޓް ހޭމް އާއި ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
އާސެނަލް އާއި ވެސްޓް ހޭމް އަށް ވެސް 42 ޕޮއިންޓް ލިބިފައިވާއިރު، ވެސްޓް ހޭމް ވަނީ 26 މެޗު ކުޅެފަ އެވެ. އާސެނަލް މިހާތަނަށް ކުޅެފައި ވަނީ 23 މެޗެވެ. މެންޗެސްޓާ ޔުނައިޓެޑް ހަތަރުވަނައިގައި އޮތީ 25 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ.