19 ފެބުރުއަރީ 2022 - 23:12

ޅ. ނައިފަރުގައި ސަރުކާރުން އިމާރާތްކޮށްފައިވާ ފްލެޓްތަަކަށް ވަންނަ މީހުން ފުރަތަމަ ތިން މަހު ކުލި ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން މިއަދު ހަމަޖައްސައިދީފި އެވެ.
ނައިފަރު ކައުންސިލްގެ ލޯގޯ އާއި ވެބްސައިޓް ލޯންޗުކުރުމަށް ހައުސިން މިނިސްޓްރީގެ އިސްވެރިންނާ އެކު މިރޭ ބޭއްވި ޖަލްސާއެއްގައި ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ފްލެޓުތަކަށް ވަންނަތާ ތިން މަސް ފަހުން ކުލި ހިނގާ ގޮތަށް ހަމަޖައްސައިދީ މިނިސްޓްރީން ކައުންސިލަށް މިހާރު އެކަން އަންގާފައިވާ ކަމަށެވެ.
ނައިފަރުގައި އިމާރާތްކުރި 100 ހައުސިން ޔުނިޓް ލިބުނު މީހުން އަންނަ މަހުން ފެށިގެން އެތަނަށް ބަދަލުވާން ފަށާނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޅ. އަތޮޅަށް މިހާރު ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު ހަވީރު ނައިފަރަށް ވަޑައިގެން އެ ހައުސިން ޔުނިޓުތައް، ރަސްމީކޮށް އެ ރަށު ކައުންސިލާ ވަނީ ހަވާލުކޮށްފަ އެވެ.
"މި ފްލެޓްތަކަށް ވަންނަން ތިބި ފަރާތްތަކަށް އޮތް އުފާވެރި ޚަބަރަކީ މި ސަރުކާރުން އަދި ހައުސިން މިނިސްޓްރީގެ ފަރާތުން މި ފްލެޓްތަކަށް ވަންނަ މީހުންގެ ކުލި ތިން މަސް ދުވަސް ފަހުން ހިނގާ ގޮތަށް މިހާރު ހަމަޖައްސާދީފައިވުން،" މިރޭގެ ޖަލްސާގައި ނައިފަރު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެން ކުރާ އުއްމީދަކީ މި ފްލެޓްތަކާ ގުޅޭ ގޮތުން ސަރުކާރާ އެކު ކުރެވެމުން އަންނަ މަޝްވަރާގެ ތެރެއިން ފްލެޓްތަކުގެ ކުއްޔާއި ޖުމްލަ ދައްކަން ޖެހޭ އަދަދު ވެސް ކުޑަވުން."
އެ ފުލެޓުތަކަށް މަހު ކުލީގެ ގޮތުގައި 5،000ރ. ދައްކަން ޖެހެ އެވެ. އެއީ 20 އަހަރަށް ބަހާލައިގެން ޖުމްލަ 1.2 މިލިއަން ރުފިޔާ އެވެ. އެކަމަކު އެ އަގު މާ ބޮޑު ކަމަށް ބުނެ، އެ ރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
- 1،000 އަކަފޫޓުގެ ޖާގައެއްގައި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެއް.
- ސިޓިންރޫމަކާއި ބަދިގެއެއް ހުރޭ.
- ތިން ބުރީގެ ކޮންމެ އިމާރާތެއްގައި 24 ފްލެޓް.
- ހަތަރު ބުރީގެ އިމާރާތުގައި 28 ފްލެޓް.
- އިމާރާތްތަކުގެ ގޯތިތެރޭގައި ޕާކިން ޒޯނަކާއި ކުޑަކުދިންގެ ޕާކަކާއި ކޮންމެ އެޕާޓްމަންޓެއްގައި ދިރިއުޅޭ ބަޔަކަށް ގަސް އިންދާނެ ބެލްކަނީ ޖާގައެއް އޮންނާނެ.
ސަރުކާރުން އެކި ރަށްރަށުގައި މިހާތަނަށް ގެދޮރު އަޅަމުން އައި ޑިޒައިންތަކާ މުޅިން ތަފާތު އަދި ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބޭ ގޮތަށް ނައިފަރުގައި ހިންގި ހައުސިން ޕްރޮޖެކްޓުގެ މަސައްކަތް ކުރީ އާރުސީސީންނެވެ. ޕީއެސްއައިޕީ މަޝްރޫއެއްގެ ގޮތުގައި ނައިފަރުގެ ފްލެޓްތައް އަޅަން އާރުސީސީއާ ހަވާލުކުރީ ޖެނުއަރީ 2020 ގައި، 72.2 މިލިޔަން ރުފިޔާ އަށެވެ.
ނައިފަރު ކައުންސިލުން ލަފާކުރާ ގޮތުގައި އެ ފްލެޓުތަކާ އެކު އެ ރަށުގެ 600 އަށް ވުރެ ގިނަ މީހުންގެ ދިރިއުޅުން ބަދަލުވެގެންދާނެ އެވެ.