ފުލުހެއްގެ ސައިކަލްގައި ރޯކޮށްލި ކަމަށް ތުހުމަތުކުރި ދެ މީހަކު ދޫކޮށްލައިފި
ފުލުހެއްގެ ސައިކަލްގައި ރޯކޮށްލި ކަމަށް ތުހުމަތުކުރި ދެ މީހަކު ދޫކޮށްލައިފި

ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކު ބަންދުކޮށް، އަނެއް ދެ މީހުން ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ތުހުމަތުވާ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން 22 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ފަސް ދުވަސް ދީފައިވާ ކަމަށެވެ. އެ މައްސަލައިގައި ދޫކޮށްލީ ތުހުމަތުވާ 27 އަހަރާއި 31 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

އެ ރަށުގެ ޕޮލިސް ޑެސްކްގެ އިންޗާޖް ސާޖަންޓް މުހައްމަދު އަރީޝްގެ ސައިކަލުގައި ރޯކޮށްލީ، މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު ކަމަށް ތުހުމަތުކުރާ މީހަކު ހުއްޓުވުމުންނެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ފުލުސް މީހާގެ ގޭގެ ގޯތި ތެރެއަށް މޫނު ނިވާކޮށްގެން ހުރި ފިރިހެނަކު ދަންވަރު ވަދެ ސައިކަލަށް ޕެޓްރޯލް އަޅަ އެވެ. އެ މީހާ އެ ތަނުން ދިއުމާ އެކު، ދޮރުމަތީގައި ހުރި އެހެން ފިރިހެނަކު ސައިކަލުގައި ރޯކޮށްލައި، ވަގުތުން ދުއްވައިގަނެ އެވެ.

މިލަދޫ ކައުންސިލްގެ ރައީސް އަބްދުލް މަޖީދު މުހައްމަދު "މިހާރު" އަށް ވިދާޅުވެފައި ވަނީ އެކި ކަންކަމާ ގުޅިގެން ފުލުހުންގެ ސައިކަލަށް މީގެ ކުރިން ވެސް އެކި ވަރުގެ ގެއްލުންތައް ދީފައިވާ ކަމަށެވެ.

މި މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ވިދާޅުވީ، އެފަދަ ހަމަލާތަކަށް ފަސް ނުޖެހޭނެ ކަމަށާއި ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގު ކުރާނެ ކަމަށެވެ.