ބައްޕަ އުޅޭ ގޮތުން ލަދުގަންނާތީ އަނަންޔާ ގެއަށް ރައްޓެހިން ނުގެންދޭ
ބައްޕަ އުޅޭ ގޮތުން ލަދުގަންނާތީ އަނަންޔާ ގެއަށް ރައްޓެހިން ނުގެންދޭ

ރައްޓެހިން އަދި އެކުގައި މަސައްކަތް ކުރާ މީހުން އޭނާގެ ގެއަށް ނުގެންދާ ސަބަބު ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ މީޑިއާ އަށް ހިއްސާކޮށްފި އެވެ.

"ގެހެރިޔާ" ގެ ޕްރޮމޯޝަން ތެރެއިން އޭނާ އެކަން ހިއްސާކުރީ ދީޕިކާ ޕަދުކޯން އޭނާގެ ގެއަށް ދާ ހިތުން އެ ވާހަކަ އެތައް ފަހަރަކު ބުނުމުން ވެސް ކޮންމެ ފަހަރަކު އަނަންޔާ އެ ކަމަށް ނޫނެކޭ ބުނަނީ ކީއްވެތޯ އެހުމުންނެވެ.

އަނަންޔާ ބުނީ މީހުން ގެއަށް ގެންދިއުމަށް ނޫނެކޭ ބުނަނީ ވަރަށް މަޖާ ސަބަބަކާ ހުރެ ކަމަށެވެ. އެއީ އޭނާގެ ބައްޕަ އަދި އެކްޓަރު ޗަންކީ ޕާންޑޭ އުޅޭ ގޮތުން ކަމަށް އޭނާ ބުންޏެވެ.

އަނަންޔާ ބުނި ގޮތުގައި، އޭނާގެ ބައްޕަ ތުވާލި އަނދެލައިގެން ވެސް މުޅި ގޭ ތެރޭގައި ދުވާ ކަމަށެވެ. އެކަން އެނގިހުރެ އެ ގެއަށް ދާން ބޭނުންވާ ނަމަ، ގެއަށް ގެންދެވިދާނެ ކަމަށް އަނަންޔާ ބުންޏެވެ.

އެއާ އެކު އެ ފިލްމުގެ ޑައިރެކްޓަރު ޝަކުން ބަޓްރާ ބުނީ އެ ކަމަށް އެތައް މީމެއް ހަދައި ސޯޝަލް މީޑިއާގައި އަނބުރާ މަންޒަރު މިހާރު ވެސް ފެންނަން ފަށައިފި ކަމަށެވެ.

މީގެ ދެ އަހަރު ކުރިން "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އަކުން ބޮލީވުޑަށް ނިކުތް އަނަންޔާގެ ކުރިއަށް ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ. އެންމެފަހުން "ގެހެރިޔާ" ގައި އޭނާ ދެއްކި އެކްޓިން ގިނަ ބަޔަކަށް ކަމުދިޔަ އެވެ.