ބޮލީވުޑްގައި އިއްޔެ ބޮޑު ދެ ކައިވެނި
ބޮލީވުޑްގައި އިއްޔެ ބޮޑު ދެ ކައިވެނި

ރައްޓެހިވެގެން އުޅޭތާ އަހަރުތަކެއް ފަހުން ބޮލީވުޑްގެ ތަރި، ފަރްހާން އަކްތަރު އާއި އޭނާގެ ލޯބިވެރިޔާ، ޝިބާނީ ދަޑްނެކާރު އިއްޔެ ކައިވެނި ކޮށްފި އެވެ. އެ ދެ ތަރިންގެ އިތުރުން މިހާރު ފިލްމުތަކުގައި ވަރަށް މަޝްހޫރުވަމުން އަންނަ އެކްޓަރު ވިކްރަންތު މާސޭ އާއި އޭނާގެ ލޯބިވެރިޔާ އަދި އެކްޓްރެސް ޝީތަލް ތާކުރު ވެސް ވަނީ ކައިވެނިކޮށްފަ އެވެ.

ބޮލީވުޑްގައި އިއްޔެ ބޮޑު ދެ ކައިވެނި
ބޮލީވުޑްގައި އިއްޔެ ބޮޑު ދެ ކައިވެނި

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފަރްހާން އާއި ޝިބާނީގެ ކައިވެނީގެ ކުރިން އޮންނަ ހަފުލާތައް ފެށިއިރު، އެ ދެ ތަރިން ކައިވެނިކުރީ އިއްޔެ މެންދުރު ފަހު އެވެ. އެ ހަފްލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާ އާއި ގާތް ރަހުމަތްތެރިން އެކަންޏެވެ.

ކައިވެނީގެ ހަފްލާގައި ފަރްހާން ހުރީ ކަޅު ކުލައިގެ ކޯޓެއްގަ އެވެ. އަދި ޝިބާނީ ހުރީ ރަތް ކުލައިގެ ހެދުމެއް ލައިގެންނެވެ. އެތަން ޑެކަރޭޓްކޮށްފައި އޮތީ ވެސް ރަތް މަލުންނެވެ.

އެ ކައިވެނީގައި ފަރްހާންގެ ގާތް އެކުވެރިއެއް ކަމަށްވާ، ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން އާއި އޭނާގެ އާއިލާ އަދި ޝިބާނީގެ ފަރާތުން ރިއާ ޗަކްރަވަތީ ވެސް ބައިވެރިވި އެވެ.

ނެޓްފްލިކްސްގެ "ހަސީން ދިލްރުބާ" އަދި ދީޕިކާ ޕަޑުކޯން އާ އެކު "ޗަޕާކް" އިން ފެނުނު އެކްޓަރު ވިކްރަންތު އާއި ޝީތަލްގެ ކައިވެނީގައި ވެސް ބައިވެރިވީ ދެ އާއިލާގެ ގާތް މީހުން އެކަންޏެވެ.

އެ ދެ ތަރިން ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތް އަހަރު ފަހުންނެވެ.

ވިކްރަންތު އާއި ޝީތަލް އެކުގައި ވެބް ސީރީޒެއް ވެސް ކުޅުނެވެ. އެއީ އެކްތާ ކަޕޫރްގެ އެލްޓާ ބަލާޖީން ގެނެސްދިން "ބްރޯކެން ބަޓް ބިއުޓިފުލް" އެވެ.

ޓީވީ ސިލްސިލާތަކުން ގިނަ ބައެއްގެ ލޯބި ހޯދައި، މިހާރު ބޮލީވުޑްގައި މަސައްކަތް ކުރަމުން އަންނަ ވިކްރާންތުގެ އެކްޓިން މޮޅުކަމުން އޭނާ އަށް ގިނަ މަސައްކަތްތަކެއް ލިބެ އެވެ.