19 ފެބުރުއަރީ 2022 - 14:35

ހޮންކޮންގެ އެންމެ ބޮޑު އެއް ހޮޓެލް ގްރޫޕް، މެންޑަރިން އޮރިއެންޓަލް ގްރޫޕުން ރާއްޖޭގައި ރިސޯޓެއް މެނޭޖްކުރަން ނިންމައި ފަހުގެ ތައްޔާރީތައް ވަމުން އަންނަކަން އިއުލާންކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ ގްރޫޕުން ނެރުނު އިއުލާނެއްގައި ބުނިގޮތުގައި މި ރިސޯޓު ތަރައްގީކުރަނީ މާލެ އަތޮޅު ދެކުނުގައި އޮންނަ ބޮލިދުއްފަރު ފަރު ކައިރީގައި އޮންނަ ތިން ރަށެއް އެއްކޮށްލައިގެންނެވެ. ރިސޯޓުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މި ރިސޯޓް ހަދަނީ މުޅި ދުނިޔޭގައި ވެސް ލަގްޒަރީ ރިއަލްއެސްޓޭޓަށް މަޝްހޫރު ދުބާއީގެ ދަމަކް ގްރޫޕްގެ ދަމަކް ޕްރޮޕަޓީސްއިންނެވެ.
މި ރިސޯޓު ހުޅުވޭނެ ކަމަށް އެ ކުންފުނިން ލަފާ ކޮށްފައިވަނީ 2025 ވަނަ އަހަރު އެވެ.
ލަގްޒަރީ ރިސޯތެއްގެ ގޮތުގައި ތަރައްގީ ކުރާ މި ރިސޯޓުގައި ވޯޓާ ސްޕޯޓްސް އާއި ވެލްނެސްއަށް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ރިސޯޓުގައި 56 ވޯޓާ ވިލާ އާއި 64 ބީޗް ފްރަންޓް ވިލާ އަދި 10 ބްރޭންޑެޑް ރެޒިޑެންސް ހުންނައިރު މީގެ ތެރެއިން ބައެއް ވިލާތަކަކީ މާކެޓުގައި މިވަގުތު ހުރި އެންމެ ބޮޑެތި ވިލާތަކަށް ވާނެ ކަމަށް މެންޑަރިން އޮރެންޓަލް ގްރޫޕުންް ބުނެ އެވެ. ކޮންމެ ވިލާއެއްގައި ޕޫލެއް ވެސް ހުންނާނެ އެވެ.
މީގެ އިތުރުން ހަ ރެސްޓޯރެންޓާއި އިންޑޯ އަދި އައުޓްޑޯ އިވެންޓް ހޯލާއި ކުޑަކުދިންގެ ކްލަބްތަކާއި ޑައިވް ސެންޓަރެއް އަދި ކުޅިވަރު ކުޅެވޭ ތަންތަން މި ރިސޯޓުގައި ތަރައްގީ ކުރާނެ އެވެ.
މެންޑަރިން އޮރިއެންޓަލް ގްރޫޕުގެ ސީއީއޯ ޖޭމްސް ރައިލީ ވިދާޅުވީ ރާއްޖޭގެ މާކެޓަށް ވަންނަން އެ ގްރޫޕުން މަސައްކަތް ކުރާތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި މިހާރު މިއީ މި މާކެޓަށް ވަންނަން އެންމެ ރަނގަޅު ވަގުތު ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.