ހަށިގަނޑު ފަޅައި ނުލައި، ހިތުގެ ވޭލެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަދަލުކޮށްފި
ހަށިގަނޑު ފަޅައި ނުލައި، ހިތުގެ ވޭލެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަދަލުކޮށްފި

ހަށިގަނޑުން އެއްވެސް ތަނެއް ފަޅާނުލައި، ހިތުގެ ވޭލެއް ފުރަތަމަ ފަހަރަށް އިއްޔެ ބަދަލުކޮށްފި އެވެ. މިއީ ރާއްޖޭގައި މިފަދަ ސާޖަރީއެއް ހެދި ފުރަތަމަ ފަހަރެވެ. މިއާ އެކު ރާއްޖެއަކީ އޭޝިއާ ސަރަހައްދުގައި ވެސް މި އޮޕަރޭޝަން ކާމިޔާބު ކަމާ އެކު ހެދި ތިން ވަނަ ގައުމެވެ.

ހަށިގަނޑު ފަޅައި ނުލައި، ހިތުގެ ވޭލެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަދަލުކޮށްފި
ހަށިގަނޑު ފަޅައި ނުލައި، ހިތުގެ ވޭލެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަދަލުކޮށްފި

ޓްރާންސް އަޔޯޓިކް ވޭލްވް އިމްޕްލާންޓޭޝަން ނުވަތަ ޓަވީއަކީ ހިތުގެ ވޭލެއް ތާށިވުމުން ފައިވަޅު ކައިރިން ހިތާ ހިސާބަށް ކެތެޓާއެއް ލައްވައިގެން ކުރާ ސާޖަރީއެކެވެ. މިއީ އާންމުކޮށް އުމުރުން ވަރަށް ބޮޑަށް ދުވަސްވުމުން ވޭލެއް ތާށިވާތީ ހަދާ ޕްރޮސީޖާ އެކެވެ.

އިންޑިއާގެ ސީނިއާ އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓް ޑރ. ސައިސަތިޝްގެ ބައިވެރިވެގެން ރާއްޖޭގައި މުޅިން އަލަށް މިފަދަ ސާޖަރީއެއް އޭޑީކޭ ހޮސްޕިޓަލުގައި ކާމިޔާބު ކަމާ އެކު ކުރީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެއްގެ އެވެ.

އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރަން އެ ހޮސްޕިޓަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި އޮޕަރޭޝަންގައި ބައިވެރިވެވަޑައިގަތް، ޑރ. ސައިސަތިޝް ވިދާޅުވީ އިއްޔެ ސާޖަރީ ހެދި މީހާއަކީ ވެސް ސިއްހީ ބޮޑު މައްސަލައެއް ހުރި މީހެއް ކަމަށާއި އެ ކޭސްއަކީ ވެސް ޗެލެންޖިން ކޭސްއެއް ކަމަށެވެ.

"އެކަމަކު މި ކޭސް ވެސް ވަރަށް ސްމޫތުކޮށް ދިޔައީ. މިއަދު ހެނދުނު އޭނާ އިށީގެންދެގެން ސައިބޯން އިން. އެހެންވީމަ އޭޑީކޭ ޓީމަށް މަރުހަބާ ދަންނަވަން މިހާ ކާމިޔާބުކޮށް ސާޖަރީ ދިއުމުން،" އޭނާ ވިދާޅުވި އެވެ.

އެ ސާޖަރީގައި އިސްކޮށް އުޅުއްވި ދިވެހި ޑރ. މުހައްމަދު ޝާފިއު ވިދާޅުވީ އުމުރުން ދުވަސްވުމުން ވޭލް ތާށިވާ ކަމަށާއި އެގޮތަށް ތާށިވާ ވޭލް ވަރަށް އަވަހަށް ނަގަން ޖެހޭ ކަމަށެވެ.

"އުމުރުން މީހާ ދުވަސްވުމުން ވަރަށް ގިނަ ކޮމްޕްލިކޭޝަންސް ހުންނާނެ. މިސާލަކަށް ލިވާ ފެއިލްވެފައި ހުރެދާނެ. ސްޓްރޯކެއް ޖެހިފައި ހުރެދާނެ. ކިޑްނީ ބަލި ހުރެދާނެ. އެކަހަލަ ބައިވަރު ކަންތައް ހުރީމަ ސާޖަރީއަކަށް ގޮސްފިއްޔާ އެ މީހާ އަށް ސާޖިކަލް ސްޓްރެސްއާ ހެދި ބޮޑެތި އިތުރު މައްސަލަތަކެއް ދިމާވެދާނެ،" ޑރ. ޝާފިއު ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވި ގޮތުގައި މި ސާޖަރީއަކީ އުމުރުން 70 އަހަރުން މަތީގެ މީހުންގެ ހަދާ ސާޖަރީއެކެވެ.

"މި ފެއިލްވިޔަސް ވަގުތުން ސާޖަރީއަށް ދާން ޖެހޭނީ. އެހެންވީމަ ދުރު ރާސްތާއަކުން ކެތަޓާ ބޭނުންކޮށްގެން ހިތާ ދިމާލަށް ގޮސް ޑިވައިސް ލައްވައިފަ ޕޮޒިޝަންކޮށްފައި މި ދޫކޮށްލަނީ. ދޫކޮށްލީމަ ނައިިޓިންރޯލް ކިޔާ މެމޮރީ މެޓަލްއެއް ސެޓްކޮށްފައި މި އިންނަނީ ވަކި ޓެމްޕަރޭޗާއެއްގައި، އޭތި. މި ހުޅުވެނީ،" 2-3 ގަޑިއިރަށް ދެމިގެންދިޔަ އެ ސާޖަރީއާ ގުޅޭގޮތުން ޝާފިއު ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވީ އޯޕަން ހާޓް ސާޖަރީއެއް ކުރާ ނަމަ، ހަ ގަޑިއިރަށް ދެމިގެންދިޔަ ނަމަވެސް މި ސާޖަރީގައި މާގިނަ ވަގުތު ހޭދަ ނުވާ ކަމަށާއި އެކަމަކު ބޮޑު ބެކަޕެއް އޮންނަން ޖެހޭ ކަމަށެވެ. އަދި އޯޕަން ހާޓް ސާޖަރީއެއް ހަދާ މީހަކު ގެއަށް ދޫކޮށްލެވެނީ ހަފްތާއެއްގެ ތެރޭގައި ނަމަވެސް މިފަދަ ސާޖަރިއެއް ހަދަ މީހަކު ދެ ދުވަހެއްގެ ތެރޭގައި ގެއަށް ދޫކޮށްލެވެ އެވެ.

"ވަކި ޝަރުތުތަކެއް ހުންނަ ނަމަ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ވެސް މި ސާޖަރީ ކުރާނަން."

މި ސާޖަރީ ހެދުމުގެ ހަރަދުތައް އަދި އާސަންދައިން ހަމަނުޖެހުނު ނަމަވެސް ފުރަތަމަ މި ސާޖަރީ ކުރި މީހާގެ ހަރަދުތައް ބެލެހެއްޓީ އޭޑީކޭ ހޮސްޕިޓަލުންނެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ އާ ހިދުމަތެއް ރާއްޖެއަށް އޭޑީކޭ މެދުވެރިކޮށް ތައާރަފުކުރުމަކީ ލިބޭ ފަހުރެއް ކަމަށެވެ.

އޭޝިއާ ސަރަހައްދުގައި އެންމެ ފުރަތަމަ ޓަވީގެ ހިދުމަަތް ފެށީ އިންޑިއާގައި 2015 ވަނަ އަހަރު އެވެ. އަދި މީގެ ދެ މަހެއް ކުރިން ބަންގްލަދޭޝްގައި ވެސް އެ ހިދުމަތް ތައާރަފުކުރި އެވެ. އަދި ރާއްޖެއަކީ ތިން ވަނަ ގައުމެވެ.