ނުހިނގި އޮންނަން ޖެހުނު ހަނޫން ފުޓްބޯޅަ ކުޅެނީ
ނުހިނގި އޮންނަން ޖެހުނު ހަނޫން ފުޓްބޯޅަ ކުޅެނީ

މިއަދަށް މި އޮތީ ރައްޓެހި، ރަހުމަތްތެރިކަމުގެ ނަމޫނާ ވާހަކައެކެވެ؛

ނުހިނގި އޮންނަން ޖެހުނު ހަނޫން ފުޓްބޯޅަ ކުޅެނީ
ނުހިނގި އޮންނަން ޖެހުނު ހަނޫން ފުޓްބޯޅަ ކުޅެނީ

އުމުރުން އެންމެ 14 އަހަރުގެ ހަނޫން ހާޝިމް ބޭނުންވަނީ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ވާށެވެ. އެ ހުވަފެން ހަގީގަތަކަށް ހަދަން ކުރާ މަސައްކަތުގައި އޭނާ އަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ، ނާރުގެ ދާއިމީ ބައްޔެއް ކަމަށްވާ ސެރީބްރަލް ޕަލްސީ (ސީޕީ) ތަހައްމަލުކުރަން ޖެހުމެވެ. އެކަމަކު، އެއީ އުޒުރެއް ކަމަށް ހަދައި، އޭނާ ހިތްވަރު އެލުވައެއް ނުލަ އެވެ.

ނުހިނގި އޮންނަން ޖެހުނު ހަނޫން ފުޓްބޯޅަ ކުޅެނީ
ނުހިނގި އޮންނަން ޖެހުނު ހަނޫން ފުޓްބޯޅަ ކުޅެނީ

އެ ހިތްވަރު ހޯދުމުގައި އޭނާ އަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ، ގާތް އެކުވެރިޔާ މުއާވިޔަތު މުހައްމަދު ދީދީގެ ފަރާތުންނެވެ.

މުއާވިޔަތަކީ ވެސް ސީޕީ ތަހައްމަލުކުރާ 26 އަހަރުގެ ޒުވާނެކެވެ. އެކަމަކު، ކުޑައިރުއްސުރެ އެ ބައްޔަށް ފަރުވާކުރަމުން އަންނާތީ، މިހާރު އޭނާ އަށް ވަރަށް ގިނަ ކަންކަން ފަސޭހަ އެވެ. ފުޓްބޯޅަ ކުޅުމަކީ އެއް އިރެއްގައި އޭނާގެ ވެސް ދެކުނު ހުވަފެނެކެވެ. އެކަމަކު ހެލިފެލިވެ އުޅެން އުނދަގޫވުމުން، މާ ކުރިން އެ ހިޔާލު ދޫކޮށްލީ އެވެ.

ސީޕީ އަކީ ނާރުތަކުގެ ބާރު ކަނޑުވާލައި، މީހާ ހިނގާބިނގާވެ އުޅުމަށް ދަތިކޮށްލާ ދާއިމީ ބައްޔެކެވެ. މި ހާލަތުގައި އަމިއްލަ އަށް ކަންކަން ކުރަން އުނދަގޫވެ، ބައެއް ފަހަރު އެހެން މީހެއްގެ އެހީއާ ނުލާއި ހަރަކާތްކޮށް ވެސް ނޫޅެވެ އެވެ. އެކަމަކު ފަރުވާކޮށްގެން މި އުނދަގޫތައް ކުޑަކުރެވެ އެވެ.

އެ އުނދަގޫތަކާ އެކު ވެސް، ކޮންމެ ދުވަހަކު މުއާވިޔަތު އަމިއްލަ އަށް ސައިކަލު ދުއްވާފައި އޭނާ ވަޒީފާ އަދާކުރާ ވެލާނާ އެއާޕޯޓަށް ދާ ދިއުމާ އަދި އާންމު މީހެއްގެ ލައިފްސްޓައިލްގައި އޭނާ އުޅޭތަން ފެނި ހަނޫނަށް އުއްމީދު އާވި އެވެ. މުއާވިޔަތުގެ ހިތްވަރުން އޭނާ އަށް ހިތްވަރު ހޯދި އެވެ.

ރަނގަޅަށް ކޮޅަށް ނުދެތުވެވި، ގޮނޑިއެއްގައި އިނުމަކީ އޮތް ހަމައެކަނި ޗޮއިސް ނޫން ކަން ޔަގީންވި އެވެ.

"އަޅުގަނޑުމެންނަކީ ކުރިން އެއްވެސް ވަރަކަށް ދަންނަ ވެސް ބައެއް ނޫން، ދިމާ ވެސް ނުވޭ. އަޅުގަނޑު މި ބައްޔަށް ކުރިމަތިލި ގޮތް، ހަނުއްކޮ އަށް ކިޔައިދިނީ އޭނާގެ ބޭބެއެއް. އެ ބޭބެ އެ ވާހަކަތައް ކިޔައިދީމަ ހަނުއްކޮ ފޭސްބުކުން އަޅުގަނޑު ހޯދައިގެން މެސެޖެއް ކުރީ ރަނގަޅުވާނެ ގޮތްތައް އޮޅުންފިލުވަން،" އެ އެކުވެރިން ފެށުނު ގޮތް މުއާވިޔަތު ކިޔައިދިނެވެ.

ދ. ކުޑަހުވަދު އަށް އުފަން، ހަނޫން ދިރިއުޅެނީ އޭނާގެ މާމަ ކައިރީގައި ރަށުގަ އެވެ. ހަނޫނަށް ބޭނުންވާ ފަރުވާ އެންމެ ފުރިހަމަ އަށް ހޯދައިދިނުމުގެ ތަނަވަސްކަމެއް އެ އާއިލާގެ ނެތެވެ. މުއާވިޔަތު ގާތުގައި ހަނޫން އެދުނީ، އޭނާ އަށް ރަނގަޅަށް ހިނގޭނެ ގޮތް ކިޔައިދީ، ދަސްކޮށްދިނުމަށެވެ. އަދި އޭނާ ފުޓްބޯޅަ ކުޅެން ބޭނުންވާ ކަމަށެވެ.

އެ ވާހަކަތައް އިވި، މުއާވިޔަތު ނިންމީ އޭނާ އެއް އިރެއްގައި ދުށް އެ ހުވަފެން ހަގީގަތަކަށް ނުހެދުނަސް، ހަނޫން ހުވަފެން ހާސިލްކުރަން ވެދެންވެން އޮތް އެހީއެއް ވާށެވެ.

ސީޕީ ހުންނަ މީހުން ފަރުވާ އަށް ބޭނުންކުރާ، ފަޔާއި އަތުގައި އަޅާނެ އޮތޮޓިކްސް ޑިވައިސްއެއް ގަތުމަށް މުއާވިޔަތު ފައިސާ އެއްކުރަން ފެށީ އޭގެ ފަހުންނެވެ. ރާއްޖެ އިން ބޭރުން އެ އެއްޗެހި ގެންނަން 40,000 އަށް ވުރެ ގިނަ ރުފިޔާ ހޭދަވާތީ، ސޯޝަލް މީޑިއާގައި އޭނާ އެދުނީ އާންމުންގެ އެހީ އަށެވެ.

ގިނަ ބައެއްގެ އެހީތެރިކަމާ އެކު، ތިން ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ އެއްކޮށްގެން މިހާރު އެ އެއްޗެހި ގަނެގެން ގެނެސްފި އެވެ.

އެކަމަކު ހަނޫނަށް އަދިވެސް އޮތީ ވަރަށް ދިގު ދަތުރެކެވެ. މި އޮތޮޓިކްސް ޑިވައިސްގެ ބޭނުންކޮށްގެން ހުޅުމާލެ ހޮސްޕިޓަލުގެ ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރުގައި ހަނޫން މިހާރު އަންނަނީ ފިޒިއޯތެރަޕީ ސެޝަންތައް ނަގަމުންނެވެ. ބަދަލުތައް ފެންނަން ފަށާނީ މި ސެޝަންތައް ކުރިއަށް ދިޔަވަރަކަށެވެ.

"އަޅުގަނޑަށް އެނގޭ ކިހާ އުނދަގޫ ކަމެއްކަން މި ކަހަލަ ޑިވައިސަކަށް އެޖަސްޓުވުމަކީ. އެހެންވެ، އޭނާގެ ޕްރޮގްރެސް ބަލަން ވަރަށް ބޭނުންވެފައި މި ހުރީ. އެއީ މި ޑިވައިސް އަކީ އަޅުގަނޑު ކުޑައިރު ބޭނުންކުރި ހަމަ މި ކަހަލަ ޑިވައިސަކަށް ވުރެ މާ ބޮޑަށް ވެސް ކޮލިޓީ ރަނގަޅު އެއްޗެއް،" އޭނާ ބުންޏެވެ.

"މި އޮތޮޓިކްސް ހަދާފައި ވަނީ ކާރު އެއްޗެހި ހަދަން މި ބޭނުންކުރާ ކާބަން ފައިބާއިން. އެހެންވެ ހަލާކުނުވެ، ވަރަށް ގިނަ ދުވަހު ބޭނުން ކުރެވޭނެ."

މުއާވިޔަތު ބުނީ ރާއްޖޭގައި ސީޕީ ހުންނަ ކުދިންނާއި މީހުންނަށް އެންމެ އުނދަގޫވަނީ މި ކަހަލަ ޑިވައިސްތައް މިތަނުން ލިބެން ނެތުމާއި އަދި ބޭރުން ގެންނަން އަގުބޮޑުވުން ކަމަށެވެ.
މިކަމަށް ފަސޭހަ ގޮތްތަކެއް ކަމާބެހޭ އިދާރާތަކުން ހޯދައިދޭން ޖެހެ އެވެ. ހުޅުމާލެ ހޮސްޕިޓަލުގެ ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރުން މިހާރު މިފަދަ ކުދިންނަށް ފަރުވާ ލިބުމަކީ ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ކުޑައިރު ރާއްޖެއިން ނުލިބޭ މިއަށް މާ ބޮޑު ފަރުވާއެއް،" އޭނާ ބުންޏެވެ.

ހަނޫނަށް އެހީވި މީހުންނާއި އޭނާގެ ވާހަކަ އެނގޭ މީހުންގެ މޫނަށް ބޮޑު އުފަލެއް ގެނެސްދިނީ، ހަނޫންއާ އެކު މުއާވިޔަތު ހޮސްޕިޓަލު ތެރޭގައި ފުޓްބޯޅަ ކުޅޭތަން ފެންނަ ވީޑިއޯއެއް ޓުވީޓް ކުރުމުންނެވެ. ހަނޫން އުފާވެފައި ހުރި ވަރު، އޭނާގެ މޫނުމަތިން ފެނުނެވެ.

އެކުވެރިޔާގެ މޫނުމަތިން ފެނުނު އުފާވެރިކަމާ އެކު، މުއާވިޔަތަށް ކުރެވުނު އިހުސާސްތައް ކިޔައިދޭން އޭނާ އަށް ވެސް އުނދަގޫވި އެވެ.

"ހަނުއްކޮ ހުރީ ވަރަށް އުފާވެ، ވަރަށް ބޮޑަށް އުއްމީދު އާވެފައި ހުރީ އޭނާ އަށް ފުޓްބޯޅަ ކުޅެވޭނެ ކަމުގެ،" މުއާވިޔަތު ބުންޏެވެ.